ރައްޓެއްސަކު ބުނެގެން ހަވާލުވީ ފޮއްޓަކުން މަސްތުވާތަކެތި ފެނި، ދިވެހި ފިރިހެނަކު 18 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިއީ، މިދިޔަ އަހަރުގެ ޖުލައި މަހު، އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ޒިޔާރަތްކުރި ޕާކިސްތާނު މީހަކު ގެނައި ފޮއްޓަކާ ހަވާލުވި ދިވެއްސެއްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި 18 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި، ހދ. ކުމުންދޫ ނަރުގިސްވިލާ އަހްމަދު އައްފާން އަދި، ވ. ސިނަމާލެ، ޝާހިލް މުހައްމަދުގެ މައްޗަށް، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލިއެވެ. އެކަމަކު، މި ދެ މީހުންގެ ތެރެއިން އަދި ހުކުމް އިއްވާފައިވަނީ އަހްމަދު އައްފާންގެ މައްޗަށެވެ. ޝާހިލްގެ ބައި އަދި ނުނިމެއެވެ.
އައްފާންގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އިއްތިހާދު އެއާވޭސްއިން ރާއްޖެއައި ޕާކިސްތާނު މީހެއްގެ ފޮށީގައި މަސްތުވާތަކެތި ހުރިކަން ކަސްޓަމަށް ފާހަގަކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. މި އޮޕަރޭޝަނުން ފާހަގަވީ، މަރުކަބު ޕްލާޒާ ހޮޓެލް ކައިރީގައި މައްސަލައިގެ ދައުވާ ލިބުނު އައްފާން ހުއްޓައި، ޕާކިސްތާނު މީހާ އެ ތަނަށް ޓެކްސީއެއްގައި ގޮސް އައްފާނާ ފޮށި ހަވާލުކުރި ކަމެވެ.
އައްފާން، ފޮއްޓާއި ހަވާލުވީ ޕާކިސްތާނު މީހާއަށް 50 ރުފިޔާ ދިނުމަށް ފަހެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ 50 ރުފިޔާއަކީ ފޮއްޓާއި ހަވާލުވާން އަންނަ މީހާ ފާހަގަކުރަން ދީފައި އޮތް 50 ރުފިޔާއެވެ. ޕާކިސްތާނު މީހާއާއި ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތްކުރަމުން ދިޔައިރު، އެ މީހާ ހުރީ އޭރު ފުލުހުންނާ އެކުއެވެ.
އައްފާން ފޮއްޓާ ހަވާލުވުމާއެކު ފުލުހުން އޭނާ ހިފަހައްޓައި ފޮށި ބެލިއިރު، ފޮށިން ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިންވަނީ ފެނިފައެވެ. އައްފާން ވަނީ ފޮއްޓާ ހަވާލުވި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެކަމަކު، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ޝަރީއަތުގައި އައްފާން ބުންޏެވެ.
އައްފާން ބުނި ގޮތުގައި އެ ފޮއްޓާ އޭނާ ހަވާލުވީ ރައްޓެއްސަކު ބުނެގެންނެވެ.
އައްފާން ބުނި ގޮތުގައި އޭނާ ފޮއްޓާއި ހަވާލުވީ މާޒިން ކިޔާ ރައްޓެއްސަކު ބުނެގެންނެވެ. އެކަމަކު، އައްފާން އަތުން ފޮއްޓާއި ހަވާލުވީ މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ދެވަނަ މީހާ ކަމަށްވާ ޝާހިލް މުހައްމަދެވެ. މާޒިންއަކީ ކާކު ކަމެއް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އައްފާނަށް ކިޔައިދެވިފައިނުވާކަން ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.
މައްސަލައިގައި އައްފާންގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ވެސް ޝަރީއަތުންވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި ކުރި ހުކުމަކީ އައްފާން 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.