ބުރިޖު ވެއްޓުނުކަން ދައްކުވައިދޭ ފޭކު ފޮޓޯއަކާ ގުޅިގެން ރޭލު ދަތުުރުތައް ކެންސަލްކޮށްފި

ބީބީސީން އާންމުކުރި ފޮޓޯއިން ފެންނަގޮތުގައި އެ ބްރިޖަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ -- ފޮޓޯ: ބީބީސީ

ބުރާސްފަތި ދުވަހުގެ ރޭ ބިންހެލުމެއް އައިސް، އެ ބިންހެލުމާ ގުޅިގެން ބުރިޖަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ދައްކުވައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ކަމަށް ޝައްކުކުރެވޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ރޭލު ދަތުރުތަކަށް ބުރޫއަރައި، ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިއްޖެއެވެ.

މި ބިންހެލުންއައީ ލަންކަޝަޔަރާއި ސަދަން ލޭކް ޑިސްޓްރިކްޓް ސަރަހައްދަށެވެ. ބިންހެލުމަށް ފަހު، ލަންކަސްޓާގައި ހުންނަ ކާލައިލް ބުރިޖަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުގެ ޚަބަރު ނެޓްވޯކް ރެއިލްއަށް ލިބުނީ ޖީއެމްޓީ ގަޑިން 00:30 ގައެވެ. މި ޚަބަރާ ގުޅިގެން، ސަލާމަތީ ގޮތުން ބުރިޖް ބަލައި ފާސްކުރުމުގެ މަސައްކަތް ނިމެންދެން އެ ބުރިޖް ހުރަސްކޮށް ދަތުރުކުރާ ހުރިހާ ރޭލު ޚިދުމަތެއް ވަނީ ހުއްޓާލާފައެވެ.

ބީބީސީގެ ނޫސްވެރިއަކު އެ ފޮޓޯ އޭއައި ޗެޓްބޮޓަކަށް ލައިގެން ބެލިއިރު، އެއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް ކަމަށް ވަނީ ދައްކާފައެވެ. އަދި ބީބީސީ ނޯތު ވެސްޓްގެ ނޫސްވެރިއަކު އެ ސަރަހައްދަށް ޒިޔާރަތްކޮށް ބެލިއިރު، ބުރިޖަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ވަނީ ކަށަވަރުކޮށްފައެވެ.

ރޭލު ދަތުރުތައް ހުއްޓާލުމުގެ ސަބަބުން ޖުމްލަ 32 ރޭލު ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ. ނެޓްވޯކް ރެއިލްއިން ބުނީ މި ހާދިސާގެ ސަބަބުން ދަތުރުތަކަށް ދިމާވި މައްސަލަތަކަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އެއްވެސް ބޭނުމެއް ނެތި، ބޭކާރުވި ކަމެއް ކަމަށެވެ. އަދި މިފަދަ ހޯކްސް ފޮޓޯތައް އުފައްދައި، އާންމުކުރުމުގެ ކުރިން އޭގެ ސީރިއަސް އަސަރުތަކާ މެދު ވިސްނައިލުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ނެޓްވޯކް ރެއިލްގެ ތަރުޖަމާނަކު ވިދާޅުވީ، "މިފަދަ ހޯކްސް ފޮޓޯތަކާއި ވީޑިއޯތައް އުފައްދައި، އާންމުކުރުމުގެ ސަބަބުން ދަތުރުވެރިންނަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހި، އެމީހުންގެ އަތުން ބޭކާރު ޚަރަދުތަކެއް ކުރަންޖެހޭ" ކަމަށެވެ.

އެ އިދާރާގެ އެންމެ އިސްކަމަކީ ރޭލު ދަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތްކަން ކަމަށާއި، އެހެންކަމުން ސަލާމަތާ ގުޅޭ ކޮންމެ ކަމެއް ވެސް ސީރިއަސްކޮށް ނަގާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ބްރިޓިޝް ޓްރާންސްޕޯޓް ޕޮލިސްއިން ބުނީ އެ މައްސަލަ އެނގިފައިވާ ކަމަށާއި ނަމަވެސް މިވަގުތު އެއްވެސް ތަހުގީގެއް ކުރިއަށް ނުދާ ކަމަށެވެ.

ރޭލު ދަތުރުތަކާ ބެހޭ ތަޖުރިބާކާރު، ޓޯނީ މައިލްސް ވިދާޅުވީ، މި ހާދިސާ ހިނގި ވަގުތަކީ މުދާ އުފުލާ ރޭލުތައް ދަތުރުކުރާ ވަގުތު ކަމުން، މަދު ޕެސެންޖަރުންނަށް ނޫނީ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް، މިކަމުގެ ސަބަބުން ބުރިޖް ބަލައި ފާސްކުރުމަށް ނެޓްވޯކް ރެއިލްގެ ޓީމެއް ނެރެން ޖެހުމަކީ އެމީހުންގެ މަސައްކަތަށް ބުރޫއަރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ހޯކްސްތަކުގެ ސަބަބުން ހަގީގީ މީހުންނަށް ކުރާ އަސަރަށް ވިސްނައިލުމަށް ވެސް އެދޭ ކަމަށެވެ. އަދި މިކަން ކުޅިވަރެއްހެން ހީވިޔަސް، މިކަން ކުރަން ވިސްނާ ކޮންމެ މީހަކު ވެސް މިފަދަ ކަމަކުން ނުކުމެދާނެ ނަތީޖާއާމެދު ވިސްނައިލުން މުހިންމުކަމަށް މައިލްސް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު