ދެހާސްވިހި ވަނަ އަހަރު ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްގެ ޖަލު ހުކުމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ރާއްޖެއަށް މިފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޑުރަގް އެތެރެކުރި މައްސަލައިގައި އެންމެ އިސްކޮށް ތިބި ދެ މީހުންގެ ތެރެއިން އެކަކީ ޝަހީބުއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއް ސާބިތުވެ، 25 އަހަރުގެ ދެ ހުކުމަކާއެކު ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް އިއްވީ، މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
އެ މައްސަލައިގައި، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަކާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަހީބުގެ މައްޗަށް ސާބިތުވިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކަނޑައެޅި ޖޫރިމަނާއަކީ މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށް ވާއިރު، މިއީ މިހާތަނަށް މި ގާނޫނުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރުވެސްމެއެވެ.
މިއީ، ކަންނެލި ދޯންޏެއްގައި 127 ކިލޯއަށް ވުރެ ގިނަ ޑުރަގް އެތެރެކުރި، މައްސަލައެކެވެ. އެ މައްސަލައިގެ އިސް ދެ މީހުންނަކީ ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާއެވެ. މި މީހުންނާއެކު މިކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވައިފައެވެ.
މި މައްސަލައިގައި ޝަހީބުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ފިލިއެވެ. އޭނާ ފިލުމުން، އޭނާ ފިލުވުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، ޝަހީބު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ހައުސިން މިިނިސްޓްރީގެ ކޯޑިނޭޓަރުކަން ޝަހީބު ކުރިއެވެ. ފަހުން ވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ސަސްޕެންޑު ކޮށްފައެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރި މީހެކެވެ.