ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީއާއި ފިރިމީހާ ރާޖް ކުންދުރާ އިންޑިއާ ދޫކޮށް، އެހެން ގައުމަކަށް ބަދަލުވާން އުޅޭކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ޝިލްޕާގެ ދެމަފިރިން އިންޑިއާއިން ބޭރު ގައުމަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއް މި ދެމަފިރިންނާ ދެކޮޅަށް މުމްބާއީ ހައިކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ފަސްދޮޅަސް ކްރޯޑު ރުޕީސް (6.9 މިލިއަން ޑޮލަރު)ގެ ޚިޔާނާތުގެ މައްސަލައެއް ޝިލްޕާގެ ދެމަފިރިންނާ ދެކޮޅަށް ކޯޓުގައި ކުރިއަށްދާއިރު އިންޑިއާއިން ބޭރު ގައުމަކަށް ދަތުރުކުރުން ވެސް ހައިކޯޓުން ވަނީ މި ދެމަފިރިންނަށް މަނާކޮށްފައެވެ.
ފަހުގެ ރިޕޯޓުތައް ބުނާގޮތުން ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ ވަނީ ހައިކޯޓުގެ 'ލުކް އައުޓް ސަކިއުލާ' (އެލްއޯސީ)ގެ ދަށުން އެ ދެމަފިރިންނާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމަށް ކޯޓުގައި އެދިފައެވެ.
ހަމައެއާއެކު ރާޖްގެ ބައްޕަގެ ސިއްހީ ފަރުވާއަށް އިނގިރޭސިވިލާތުގެ ލަންޑަންއަށް ދަތުރު ކުރުމުގެ ހުއްދައަށް ވެސް ރާޖް ވަނީ ހައި ކޯޓުގައި އެދިފައެވެ.

ޝިލްޕާ ފިރިމީހާ ރާޖް ކުންދުރާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އިންޑިއާގެ ނޫހެއް ކަމަށްވާ ފްރެސް ޕްރެސް ޖާނަލްގައި ބަޔާންކޮށްފައިވާ ގޮތުން ރާޖްގެ ބައްޕަ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދާތީ ޑޮކްޓަރުން ވަނީ ވީހާ ވެސް އަވަހަކަށް އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް އެ އާއިލާއަށް އަންގާފައެވެ.
އެހެންކަމުން ވީހާ ވެސް އަވަހަކަށް ނުވަތަ އަންނަ އަހަރުގެ ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް އެ އާއިލާއިން ވަނީ ހައި ކޯޓުގައި އެދިފައެވެ. އަދި، ރާޖްގެ ބައްޕަގެ ފަރުވާ ނިމުނުހާ އަވަހަކަށް ދެމަފިރިން އެނބުރި އިންޑިއާއަށް އަންނާނެކަމުގެ ޔަގީންކަން ވެސް ހައި ކޯޓަށް ވަނީ ދީފައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ހައިކޯޓުން ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޝިލްޕާއާއި ފިރިމީހާގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް، އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީއެވެ.
އޭނާ ބުނެފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންނާ ގުޅިގެން ވިޔަފާރިއަކަށް އިންވެސްޓްކުރަން ހޯދި ފައިސާއަށް ޚިޔާނަތްތެރިވެ، އެ ފައިސާ އެ މީހުން އަމިއްލަ ބޭނުންތަކަށް ވަނީ ބޭނުންކޮށްފައެވެ.