އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއެކ އެވެ. އެއީ ކުޅުނު 13 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓ އޮތީ 29 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ޗެލްސީ އޮތީ 24 ޕޮއިންޓާއެކު އެވެ.
ތާވަލުގެ ކުރީގައި އޮތް އާސެެނަލް އާއި ދެކޮޅަށް ނެރުނު މި ނަތީޖާއާއެކު ޗެލްސީއަށޤ ބޮޑު ހިތްވަރެއް ލިބިފައިވާކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް މި މެޗުގައި ލިބިގެންދިޔައެވެ.
އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ ބޮޑުބައި ޗެލްސީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ މެޗުގެ 38 ވަަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑަރ މޯސެސް ކައިސޭޑޯ އާސެނަލްގެ ފޯވަޑް މިކޭލް މެރީނޯ އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ވީއޭއާރު ބެލުމަށްފަހު އެވެ.
މި ސީޒަނުގެ މިހާތަނަށް ޗެލްސީން ވަނީ ގިނަ ރަތްކާޑުތަކެއް ހޯދާފައެވެ. އެގޮތުން ޖުމްލަ 7 ރަތްކާޑެއް މިހާތަނަށް ވަނީ ހޯދާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ލީޑުނެގިއެވެ. އެގޮތުން ދެވަނަ ހާފު ފެށުނުތާ ތިންވަނަ މިނިޓުގައި ލީޑު ނަގާފައެވެ. މިއީ ލިބުނު ކޯނަރަކުން ޑިފެންޑަރ ޓްރެވާ ޗަލޮބާ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް ޗެލްސީއަށް މި ލީޑު ހިފަހައްޓާލެވުނީ 11 މިނިޓަށެވެ. ބުކަޔޯ ސަކާ އަރިމަތިން ނަގައިދިން ހުރަހެއް މިކޭލް މެރީނޯ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާސެނަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.