"ޕޮޒިޓިވްި ވިސްނުމަކީ އެންމެ ރަގަޅަށް ހުރިހާކަމެއް ވާނެކަމަށް ގަބޫލުކުރުމެއްވެސް ނޫނެވެ. ނަމަވެސް ކޮންމެ ކަމެއްވާނީވެސް އެންމެ ރަގަޅަށް ކަމުގައިވެސް ދުށުމެވެ. ކޮންމެ ކަމެއްގައި ﷲއަށް ވަކީލުކޮށް ހަމްދުވެސް ކުރާށެވެ."
***
"މިރިއަމް ތިބުނީ އަހަރެން މަންމައާއި ކޮންމެހެންވެސް ވާހަކަދައްކަން ޖެހޭނެއޭތަ؟"
"އާނ..އަހަންނަށް ހީވަނީ...މަންމައާއެކު ވުމަކީ މިބިންމަތީގައި ﷲ ތައާލާ ލެއްވި ރަހުމަތާއެކު ވުންފަދަ ކަމެއް...އަދި ރަހިމުގެ ގުޅުން ކަނޑާލައިގެންނުވާނެ....ﷲ ތައާލާވެސް އެބަޔަކު ދުރުކުރައްވާކަމަށްވަނީ އާއިލީ ގުޅުން ކަނޑާ މީހުންނާ.....އަހަރެމެންނަށް އެކަމަކަށް ކެތްނުކުރެވޭނެ ދޯ..."
"އަހަރެން ހަމަ މިރޭ މަންމައަށް ގުޅާނަން..."ލައިލާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"ރަގަޅު ނިންމުމެއް...."
***
ހެނދުނުގެ އަލިކަން ލިިވިންރޫމްގެ ތަޅުންމައްޗަށް ރަންކުލަ ވެރިކުރުވަފައިވާއިރު މަޑު ހޫނުކަމެއްވެސް އެކުލެވެއެވެ. މިރިއަމް ދަރިފުޅުގެ ހެދުންތައް ފަށްޖަހަން އިންދާ ދޮރުގައި ޓަކިދޭ އަޑު އިވިގެން ތެދުވެެގެން ދިޔައެވެ.
މަރްވާ ރަގްމަތީގައި އޭނަގެ ބްލޮކްސްތަކާއި ކުޅެން އިނދެ ބުނެލިއެވެ."ޑޭޑް ދުރުވީ..."
"ހިޔެއްނުވޭ ޑޭޑް ހެނެއް.. ސްވީޓްހާޓް...." އޭނަގޮސް ދޮރު ހުޅުވާލައިފިއެވެ.
ދޮރުމަތީގައި ހުރީ ނުދަންނަ ފިރިހެނެކެވެ. އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ނުރަޖަހާފައި ހުރިއިރު ލޯ ކައިރީގައި ކުދި ރޫތައް ޖެހިފައިވިއެވެ. ހަޔާތުގެ ބޮޑުބައި އަތްވާއި ފިކުރުގައި އުޅެފައިވާފަދަ މޫނެކެވެ. އޭނަ ކޮޅަށް ހުރީ އަސާއެއްގެ އެހީގައެވެ.
ކާބައިގާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ހުރި ލައިލާއަށް އެ މަންޒަރު ފެނުމުން ނޭވާވެސް ހުއްޓުނެވެ. ވަޅީގައި ހިފަހައްޓައިގެން ހުރި އަތް ވައިގެ ތެރޭގައި ހުއްޓުނެވެ. ދޮރުމަތީގައި ހުރީ މިރިއަމްގެ ބައްޕަ އުމައިރުއެވެ.
"މިރިއަމް....އަހަރެން..އަހަރެން އައުމުން އުދަގުލަކަށް ނުވާނެކަމަަށް ހީކުރަން.."
"ނޫން..އުދަގުލެއްނޫން..........އެކަމަކު ކޮންކަހަލަ އެހީއެއް ބޭނުންވަނީ؟"
އުމައިރު ހިނިތުންވެލިއެވެ. ނާޒުކް ހިނިތުންވުމެކެވެ. އުފާވެރިކަމެއްނެތް ހިތި ހިނިތުންވުމެކެވެ. އޭނަ ދިއްކޮށްލީ މޭވާ ކޮތަޅެކެވެ. އަނބު، ފޮނި ކުންނާރު، ފޭރު އަދި ދޮންކެޔޮ އަޅާފައިވާ ކޮތަޅުގެ ތުންވަނީ ރީދޫކުލައިގެ ރިބަންކޮޅަކުން އައްސާފައެވެ.
"މިރިއަމްއާއި ދަރިފުޅަށް........"
މަރްވާއަށް އެ އަޑުއިވުމާއެކު ކުދި ފިޔަވަޅުތައް އަޅަމުން ދޮރާއި ދިމާލަށް އަވަސްވެގަތްއިރު އިސްތަށިކޮޅުވެސް ވިހުރެމުން ދިޔައެވެ. އެކުއްޖާ ކޮތަޅާއި ދިމާލަށް ބެލީ ޝައުގުވެރިކަމާއެކުގައެވެ.
"ޝުކުރިއްޔާ..އެކަމަކު ތިއީ ކާކު؟" އޭނަ އަވަހަށް ދަރިފުޅުގެ އަތުގައި ހިފަހައްޓާފައި ގަޔާއި ކައިރިކޮށްލިއެވެ.
އުމައިރުގެ މޫނުގައިވާ ހިނިތުންވުން ގެއްލުނެވެ.
"މިރިއަމްއަށް ހަމަ ނޭގުނުތަ؟ ހަނދާނެއްނުވިތަ؟"އުމައިރު މާޔޫސްވެފައިވާ ފާޑަކަށް އިސްތަށިގަނޑުގައި އަތް ކާއްތައިލިއެވެ. އެމޫނުމަތިން ހިތާމައާއި އެއްވަރަށް ކުށްވެރި އިހުސާސް ފައުޅުވިއެވެ."މިއީ..... މިރިއަމްގެ ބައްޕަ...."
އޭނައަށް މަޖާވިވަރުން ހީގަނެވުނީއެވެ."އަހަރެންގެ ބައްޕަ އަހަރުތަކެއްކުރިން ނިޔާވެފައިވަނީ...ހީވާގޮތުން ތިބޭފުޅާއަށް އޮޅުމެއް އެރީ..."
ލައިލާގެ ލޯ ބޮޑުވެގެން ދިޔައިރު ދެރަވެގެންގޮސް ކަރުތެރެވެސް ބެދުނެވެ. މިރިއަމްގެ އެ ލަފުޒުތަކަކީ ނޭގިނަމަވެސް އޭނަގެ ބައްޕަގެ މޫނުމަތީގައި ޖެހި ތަފާލެކެވެ. އުމައިރުގެ މޫނުމަތިންވެސް ފައުޅުވީ ބުނެދޭން ނޭގޭފަދަ ޝުއޫރުތަކެވެ. ހަޔާތުގެ އެންމެފަހުގެ އުއްމީދުވެސް ގެއްލުނުފަދައެވެ.
"މިރިއަމް. މިއީ އުމައިރު..."
"އައިމް ސޮރީ..."އޭނަގެ އަޑަށް އޯގާތެރިކަން ގެންނަން މަސައްކަތްކުރިއިރު ސާބިތުކަމެއްވެސްވިއެވެ."....އަހަރެން ކުޑައިރު ބައްޕަ އެކްސިޑެންޓެއްގައި ނިޔާވެފައިވަނީ...ނުބައި ގެއަކަށް ތިއާދެވުނީ.."
އެހިސާބުވެސް ކުއްލިއަކަށް ކުޑަވެ ވައިވެސް ތުނިވީފަދައެވެ. އުމައިރު ހަށިގަނޑު ސަމާލުކުރަން އަސާގެ މައްޗަށް ބުރަވިއެވެ." މިރިއަމް.....ބައްޕައަށް އެނގޭ ކުށްކުރެވުނުކަން އެހެންވެ މާފަށް އެދެން މިއައީ...މިރިއަމް ބައްޕައަށް މާފުކޮށްދީ ވެވެންޏާ....ކޮންމެހެން އުދަގޫކުރާކަށް ނޫން މިއައީ...ހަމަ އެންމެ ފަހަރަކު ނަމަވެސް ދެކެލަން. މާފަށް އެދިލަން........"
އުމައިރު ކޮންމެވެސް ވަރަކަށް މާޒީގެ ވާހަކަތައް ދެއްކިއެވެ. އޭނަ އަދަބުވެރިކަމާއެކު ހިނިތުންވެލީ މަގު އޮޅިފައިވާ ފަތުރުވެެރިއެއްކަމުގައި ދެކެގެންނެވެ. ގެއްލިފައިވާ ބައްޕަކަމެއް ނޭގުނެވެ. ހަގީގަތަކީ މިރިއަމް އެއްވެސް ވަރަކަށް ހަނދާން ނުވިކަމެވެ.
"ވަރަށް ހެޔޮފުޅު....އެކަމަކު އަހަރެން ކުރިން ދިމާވި ހަނދާނެއް ނުވޭ.."
އުމައިރުގެ ނަޒަރު ދަތުރކުރީ މަރްވާގެ މޫނަށވެ. މިރިއަމް ކުޑައިރުގެ ނަކަލެއްފަދައެވެ. ހަމަ އެ ޝައުގުވެރި ނަޒަރެވެ. ޖަމީލާގެ ލޮލެވެ. އުމައިރުގެ ކަކުލުން ވާގިހުސްވެ ހުރިތަނަށް ތިރިނުވެވުނީ ހަމަކިރިޔާއެވެ. އޭނަ ނަފުސް ހަމަޔަކަށް އަޅުވަމުން ދޮރުކައިރީގައި ކޮތަޅުބެހެއްޓިއެވެ.
"މި ދަރިފުޅަށް ހަދިޔާއެއް..."
މިރިއަމް އަވަހަށް ފަހަތަށް ޖެހުނެވެ.
"ތެންކިއު..."އޭނަ ތަކުރާރުކުރިއެވެ."އެކަމަކު ބީރައްޓެހިން އަތުން އެއްޗެހި ހޯދުމަކީ ކުރެވޭނެ ކަމެއްނޫން.."
ލައިލާ ލޯ މަރައިލިއެވެ. އޭނަ ވާހަކަދައްކަން ބޭނުންވިއެވެ. އޮޅުން ފިލުވަދޭން އުޅުނެވެ. އޭނަ ހިމޭނުން ހުރުމުގެ ބަދަލުގައި ކޮންމެވެސް ކަމެއްކޮށްދޭން ޖެހޭނެ ނޫންހެއްޔެވެ؟ އެހީތެރިވާންވާނެއެވެ. ނަމަވެސް އޭނަ ބިރުގަތީއެވެ. ގަދަކަމުން މިރިއަމްއަށް ހަނދާންކޮށްދޭން އުޅެގެން އެ ނާޒުކް ސިކުނޑި ބިއްލޫރިކޮޅެއްފަދައިން ތެޅިދާނެއެވެ.
އުމައިރު ހިނިތުންވެލާން އުޅުނަސް މިފަަރު ނާކާމިޔާބުވިއެވެ.
"އަހަންނަށް ވިސްނޭ...އުފާވެރިކަން ދެއްވާށި މިރިއަމް..އަބަދުވެސް ހެޔޮ ދުޢާކުރާނަން.."
އުމައިރު ދާން ހިނގައިގަތެވެ. އެއީ މިރިއަމް އޭނަގެ ބައްޕަ އެތައް އަހަރެއްގެ ކުރިން ވަކިވުމަށްފަހު ވާހަކަދެއްކި އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަޜެވެ. ދިރިއުޅުމަކީ އެކަހަލަ ހިތި އެއްޗެކެވެ. ހަގީގަތަކީ އެއީއެވެ. ފިލްމުތަކާއި ވާހަކަތައް ފަދައިން ރީތި ނިމުމެއް ނެތި ހަޔާތުގެ އުއްބައްތި ނިވިދާނެއެވެ. ލޯބިވާ މީހުން ގެއްލިގެން ހިނގައިދާނެއެވެ. ކުށުގެ އިހުސާސްވުމުން އެނބުރި އަންނައިރު ލަސްވެދާނެއެވެ.
މިރިއަމް ދޮރު ލައްޕައިލީ ފަރުވާތެރިކަމާއެކުގައެވެ. ލައިލާގެ ރުއިމުގެ އަޑު ނީއްވަން އަނގަމަތީގައި އަތްއަލާ ބާރުކޮށްލިކަމެއް އޭނައަކަށް ނޭގުނެވެ.
"ޢެއީ ކާކުތަ ދެން؟ބައްޕައެކޭ ކިޔާފައި މިގެއަށް އެހެން އައީމަ ދެން ވަރަށް ދެރަކަމެއް...ދުވަހަކު ދެކުނު މީހެއްނޫން...އަނެއްކާ ލައިލާ ދަންނަ މީހެއްތަ؟ ފަހަރެއްގައި ވެދާނެއްނު މަގުމަތީގައި ސަލާމް ޖަހާ އުޅޭ މީހަކަށް؟"
މިރިއަމް އެ މޭވާ ކޮތަޅުނެގިއެވެ."އަނބާއި ދޮންކޭލާއި ފޭރު....ދެން...މިއީ ކޯނޗެއްތަ؟"
"ކުންނާރު...."ލައިލާ ބުނެލިއެވެ.
އޭނަ އެ ކޮތަޅު ދިރާސާކޮށްފައި އެއްފަރާތުގައި ބެހެއްޓިއެވެ."ލައިލާ...އެއީ ހިތްހެޔޮ މީހެއް..އެކަމަކު މިހެން ރެންޑަމްކޮށް ހަދިޔާ ދޭކަށްނުވާނެ.."
"ނޫނީ އަދި މިގެއިން ވައްކަން ކުރަން އައިމީހަކަށްވެސް ވެދާނެ...އިތުބާރެއް ނުކުރެވޭ..."މިރިއަމް ހިނިގަނޑެއް ޖަހައިލިއެވެ."އެމީހާ ބުނީ ކޮން ނަމެއްތަ؟"
މިރިއަމް ފްރިޖްގެ ގަނޑުކުރާ ބަޔަށް ކޮތަޅުލާފައި ހަށިގަނޑު ސީދާކޮށްލިއެވެ." ކޮބާތަ މަގޭ ފޯނު؟ އަނެއްކާ އޭނަ ގެންދިޔައީތަ؟"
"މިރިއަމް...އަނެއްކާ ކޮތަޅު ތެރެއަށް ފޯނު ލެވުނީ ދޯ..."
ލައިލާ އެވާހަކަ އިތުރަށް ކުރިއަށް ނުގެންދިޔައީ ނަފްސާނީގޮތުން އިތުރު އަސަރުތަކެއްކޮށްފާނެކަމުގެ ބިރަށެވެ. މިިރިއަމް ހަނދާންނެތޭވަރު އޭނަައަށްވަނީ ދާދިގާތުން ފެނިފައެވެ. އެއްޗެއްސާއި މީހުންނަށް ކިޔާ ނަމުގެ އިތުރުން ބައެއްފަހަރު ނަމާދުގެ ރަކުއަތްތައްވެސް އޮޅުވައިލައެވެ. އެވަރުންވެސް މިރިއަމް ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކުރެއެވެ. މިރިއަމް ގެ ހަނދާނުގައި މައްސަލަ ހުރުމުން ކަމަށް ވެދާނެއެވެ. އަދިވެސް އިނގިލީގައި އޮންނަނީ ޒުބޭރުގެ އަނގޮޓިއެވެ.
***
ހަފްތާތަކެއް ވޭތުވެގެން ދިޔައިރު މަދުމަދުން އެފަދަ ކުދި ކަންތައް ހިނގައެވެ. ހަމްޒާއަށްވެސް އެކަންތައް ފާހަގަވާވަރަށެވެ. އޭނަ ބޭސްދޭން އުޅުނަސް މިރިއަމް ރުޅި އައިސްގެން މައްސަލަ ޖައްސާފައި ބޭސް އުކާލާނެއެވެ. އޭނަގެ ސިކުނޑީގައި މައްސަލައެއް ނެތްކަމަށް ޔަގީންކަން ދޭނެއެވެ. ނަމަވެސް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދުން އާއްމުވެއްޖެއެވެ. ޚާއްސަކޮށް ތަޅުދަނޑިތަކެވެ.
ރުމައިސާ އެދުނީ މަރްވާ ނާސަރީއަކަށް ފޮނުވުމަށެވެ.
"މަރްވާއަށް އެކަހަލަތަނެއް ރަގަޅުވާނީ..އެހެން ކުދިންނާއެކު ކުޅެ ސަކަރަތްޖަހާ މާހައުލުވެސް ބަދަލުވާން އެބަޖެހޭ.މިރިއަމްއަށް ރެސްޓް ބޭނުންވަނީ...އެހާ ފިޓްކަމަކަށް ނުފެނޭ.."
"އެހެން ނުބުންޏަސް މިހިރީ މަރްވާ ސްކޫލަށް ފޮނުވަން ނިންމައިގެން..."މިރިއަމްގެ އަޑަށް ހަރުކަށިކަމެއްވެރިވިއެވެ.
މިރިއަމް ކޮންމެ ދުވަހަކުހެން ދަރިފުޅުގެ ފިޔާތޮށި ދަބަސް ތައްޔާރުކުރަނީ ނިކަން ތަރުތީބުންނެވެ. ފެންފުޅިއާއެކު ކުޑަ ސްނެކްޕެކެޓްތައްވެސް ލައެވެ. ސްކޫލް ޖެހިގެން ހުންނައިރުވެސް މިރިއަމް ދަރިފުޅު ގެންދަނީ ކާރުގައެވެ. މަރްވާއަށްވެސް ނާސަރީވީ ގަޔާވާތަނެއްކަމުގައެވެ. ކުޅެ ކުލަޖައްސާފައި ގެއަށް އަންނައިރު ވިދާ ކުނޑިފުށްތައް އެކުއްޖާގެ އިސްތަށިގަނޑުގައި ތަތްލަވާފައި ނޫނީ ޔުނިފޯމް ކިލާވެފައި ހުރެއެވެ. ކިޔައިދޭން ވާހަކަތައް ހުހެއްނުވެއެވެ.
މިރިއަމްއަށް ދިމާވާ މައްސަލައަކީ ބައެއް ދުވަހު ހޭލާއިރު ދުނިޔެ ފުސްވެފައި އޮތުމެވެ. ހުވަފެނެއްގައި އުޅެވޭފަދައެވެ. ކުރަން ޖެހޭ މަސައްކަތްތައްވެސް އޮޅުން ބޮޅުންވެއެވެ. ގަޑި ހިގާގޮތް އޮޅެއެވެ.
އެންމެފަހުން ބޮޑު ހާދިސާއަކާއި ކުރިމަތިވީއެވެ.
މިރިއަމް މަަސައްކަތް ނިންމާފައި ގެއަށް އައިސް ސައިހަދާ ލޯންޑްރީ ނިންމާފައި ލިވިން ރޫމް ފޮހެ ކުޝަންތައް ތަރުތީބުން ބެހެއްޓިއެވެ. ހުރިހާތަނެއް އޮފް އަރާވަރުކޮށްލިއެވެ. އާ ގެއެއްފަދައެވެ. ދުވާ މީރުވަހުން ރޫހަށް ދިރުން ގެނެސްދޭނެއެވެ. ގެވެސް ހާދަ އަމާންވެފައި ހިމޭނެވެ. އެއްގޮތަކަށްވެސް ގޭތެރެއިން ކުދި ފިޔަަވަޅުތައް ނީވޭކަމާއި ކުޅޭ އެއްޗެހި އުކައިލެވޭ އަޑު ކަންފަތުގައި ނުޖެހުމުން މަރްވާ ނެތްކަން ފާހަގަކޮށްލަކަށް ނޭގުނެވެ.
މެންދުރުފަހުން އަނދިރިކަން ގަދަވަމުންގޮސް ވިލާތަކުގެ ފަށަލަ ބޯވާން ފަށައިފިއެވެ. ފަހެއް ނުޖަހަނީސް އިރުއޮއްސުނުހެން ހީވިއެވެ. އުޑުމައްޗަށް ވެރިވެފައިއޮތީ ގަދަ ވައިލެޓްކުލައެކެވެ. މިރިއަމް ސައިތަށި ހިފައިގެންގޮސް ކުޑަދޮރު ކައިރީ ބޭރަށް ބަލަން ހުރީ ހަމްޒާގެ އިންތިޒާރުގައެވެ. ހަމްޒާވީ ހަނާންއާއެކު އެގޭގައެވެ.
މަޣުރިބު ނަމާދަށްފަހު ހަމްޒާ ގެއަށް އައެވެ. އެތެރެއަށް ވަނުމާއެކު ފާހަގަވީ މަރްވާގެ ކުޅޭ އެއްޗެއް އެއްވެސް ދިމާލެއްގައި ނެތްކަމާއި ދަރިފުޅުގެ އަޑު ނީވޭކަމެވެ. އޭނަ އަންނައިރަށް އަތުތެރެއަށް ދުވެފައި ވަންނަ ދަރިފުޅު މިއަަދު ނެތީ ކީއްވެހެއްޔެވެ؟ ގޭގެ މަސްރަހު މިއަދު މުޅިން ތަފާތެވެ.
"މިރިއަމް..ކޮބާ ދަރިފުޅު؟"
"ތިބުނީ؟" އޭނަ އަހައިލިއެވެ.
"ދަރިފުޅު...މަރްވާ ކޮބާ؟" ހަމްޒާގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ.
"އުޅޭނެއްނު...."
ހަމްޒާ ހުރިހާ ކޮޓަރިތަކާއި ކޮރިިޑޯ އަދި ކުޅޭ ތަންވެސް ބެލިއެވެ. އެއްވެސް ތަނަކުން މަރްވާގެ ހިލަމެއްނުވުމުން ބޭރަށް އައިއިރު ހިތަށް ވެރިވި ބިރުވެރިކަމާއެކު ދަތްދޮޅިއަށް ވާންވެލިއެވެ.
"މިރިއަމް....މަރްވާ ބަލާ ދިޔައިންތަ؟ ނާސަރީއިން؟"
ނުނިމޭ