ދުނިޔޭގެ އެންމެ މަގުބޫލު އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމް ކަމަށްވާ "ޗެޓްޖީޕީޓީ" އަށް އޯޕަންއޭއައި އިން ބޮޑު ބަދަލެއް ގެނެސްފިއެވެ.
މި ބަދަލާއެކު އެޕްލިކޭޝަންގެ ވޮއިސް މޯޑާއި މައިން ޓެކްސްޓް މޯޑު ވަނީ އެއްކޮށްލާފައެވެ.
އޯޕަންއޭއައި އިން ހާމަކުރިގޮތުގައި، މި އާ އަޕްޑޭޓުގެ މަގުސަދަކީ ވޮއިސް މޯޑު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމެވެ. މި ބަދަލާއެކު، ވޮއިސް މޯޑު ބޭނުންކޮށްގެން ވާހަކަދައްކާއިރު، އެ ދެކެވޭ ވާހަކަތައް ވަގުތުން ވަގުތަށް ޗެޓް އިންޓަފޭސްގައި ލިޔުމުން (ޓްރާންސްކްރިޕްޓް) ފެންނަން ހުންނާނެއެވެ. މީގެ ކުރިން ވޮއިސް މޯޑަކީ ހަމައެކަނި އަޑު އިވޭ، ވަކި މޯޑެއްގެ ގޮތުގައި އޮތް ބައެކެވެ.
މި އާ ބަދަލުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ، ވާހަކަދައްކަމުން ދާއިރު ސްކްރީނަށް ވިޝުއަލް މައުލޫމާތު ގެނައުމުގެ ގާބިލުކަން ޗެޓްޖީޕީޓީއަށް ލިބުމެވެ. މިސާލަކަށް، ތަނަކާ ބެހޭގޮތުން ސުވާލުކުރުމުން، ވާހަކަދައްކަމުންދާ ވަގުތު ސްކްރީނުން އެތަނެއްގެ މެޕް ނުވަތަ ޗާޓު ދައްކާލުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ.
You can now use ChatGPT Voice right inside chat—no separate mode needed.
— OpenAI (@OpenAI) November 25, 2025
You can talk, watch answers appear, review earlier messages, and see visuals like images or maps in real time.
Rolling out to all users on mobile and web. Just update your app. pic.twitter.com/emXjNpn45w
މި ބަދަލުތައް ގެނައި ނަމަވެސް، ކުރީގެ ގޮތަށް ހަމައެކަނި އަޑުން މުއާމަލާތްކުރާ "އޯޑިއޯ-އޮންލީ" ތަޖުރިބާއެއް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އެޕްލިކޭޝަންގެ ސެޓިންގްސްގައި ހިމަނާފައިވާ އާ ޓޮގްލްއެއް މެދުވެރިކޮށް، ބޭނުންނަމަ ކުރީގެ ވޮއިސް މޯޑަށް ބަދަލުކޮށްލެވޭނެއެވެ.
މި އަޕްޑޭޓްގެ އިތުރުންވެސް ފާހަގަކޮށްލެވޭ މުހިންމު އާ ކަންތައްތަކެއް އޯޕަންއޭއައި އިން ވަނީ ދާދިފަހުން ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ޖީޕީޓީ-5.1 މޮޑެލް، އެންމެ ފަހުގެ، އަދި އެންމެ ގާބިލު އޭއައި މޮޑެލް ތައާރަފުކުރުމާއި، ޝޮޕިންގ ރިސާޗްކޮށް އޮންލައިންކޮށް ތަކެތި ގަތުމަށް އެހީތެރިވެދޭ ޚާއްސަ ފީޗާއެއް އިތުރުކުރުމާއި، ގްރޫޕް ޗެޓްގެ ގޮތުގައި އެއްފަހަރާ ގިނަ ބަޔަކަށް ޗެޓްޖީޕީޓީއާ މުއާމަލާތް ކުރެވޭނެ ގޮތްހެދުން ހިމެނެއެވެ.
އަދި މީގެ އިތުރުންވެސް އެޓްލަސް އޭއައި ބްރައުޒާއެއް ތައާރަފުކޮށް، ބްރައުޒިން ތަޖުރިބާއަށް ގެނެވުނު ކުރިއެރުންތައް ހިމެނެއެވެ.
މި ބަދަލުތަކާއެކު ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ހޯދުމާއި މުއާމަލާތް ކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.