އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ތައިލެންޑުގެ ޗޮންބުރީގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ވާދަކުރަނީ ގްރޫޕް އެފްގައެވެ. ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ތުރުކުމެނިސްތާން އަތުން ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.
މިމަހުގެ 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ މޮންގޯލިއާ އަތުންނެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗުން ތުރުކުމެނިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.
ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ރާއްޖެކޮޅަށް ޖެހިއެވެ. އަދި ދެވަނަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، ދެވަނަ ހާފުގައި ދިވެހި ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ.
މިވަގުތު ޕޮއިންޓް ޓޭބަލަށް ބަލާއިރު މި ގްރޫޕުގައި ރާއްޖެ ފިޔަވާ ބާކީ ހަތަރު ޓީމު އޮތީ ތިން ޕޮއިންޓާއެކު އެވެ.
ކޮލިފައިންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ކޮލިފައިން ކުރިއަށްދާ ގައުމު ކަމަށްވާ ތައިލޭންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަަނަ ދުވަހެވެ.