ޖަޔާގެ 'ޕާސަނަލިޓީ ރައިޓްސް' ރައްކާތެރިކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ކާމިޔާބުކޮށްފި

އިންޑިއާގެ ކުރީގެ ބަތަލާ ޖަޔާ ބައްޗަން--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ ކުރީގެ ބަތަލާ އަދި ސިޔާސީ ލީޑަރު ޖަޔާ ބައްޗަންގެ 'ޕާސަނަލިޓީ ރައިޓްސް' ރައްކާތެރިކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ޖަޔާ ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ ނިއު ދިއްލީ ހައި ކޯޓަށް ޖަޔާގެ ޓީމުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައި ވަނީ ހުއްދަނެތި ޖަޔާގެ ނަމާއި، ފޮޓޯ އާއި ވީޑިއޯ އަދި އަޑު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭނެ އަމުރެއް ނެރެ ދިނުމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން އިންޑިއާގެ ޕާލަމަންޓް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޖަޔާގެ ނަން ގިނަ ބަޔަކު އަންނަނީ ހުއްދަނެތި ބޭނުންކުރަމުން ކަމަށެވެ.

މި މައްސަލައިގެ އަޑު އެހުންތައް މިދިޔަ ހަފްތާގެތެރޭ ހައި ކޯޓުގައި ބޭއްވުމަށްފަހު ޖަޔާގެ އަމިއްލަ ޒާތީ މައުލޫމާތު ހިމެނޭ އެންމެހާ ވެބް ސައިޓުތަކުންނާއި ސޯޝަލް މީޑީއާ ޕޭޖްތަކުން ބަތަލާގެ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖަޔާ ބައްޗަން އަމީތާބް ބައްޗަން އަދި އަބިޝޭކް ބައްޗަންގެ ދެމަފިރިންނާއި ދަރިފުޅާ އެކު--ފޮޓޯ/ހިންދުންސްތާން ޓައިމްސް

އަދި މީގެފަހުން ޖަޔާގެ ހުއްދަނެތި އެފަދަ ތަކެތި ބޭނުންކުރާ މީހުންނާ އަދި އެފަދަ ވެބް ސައިޓުތަކާއި ސޯޝަލް މީޑިއާ ޕޭޖްތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ޖަޔާ އަކީ އަމިއްލަ 'ޕާސަނަލިޓީ ރައިޓްސް' ރައްކާތެރި ކުރުމަށް ހައި ކޯޓުގައި އެދުނު ބައްޗަން އާއިލާގެ ފަސް ވަނަ މެމްބަރެވެ. މީގެ ކުރިން އަމީތާބް ބައްޗަން، އައިޝްވާރްޔާ ރާއީ ބައްޗަން، އަބިޝޭކް ބައްޗަން އަދި ޖަޔާގެ މާމަ ދަރިފުޅު އާރަދްޔާ ބައްޗަން ވެސް ވަނީ އަމިއްލަ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

comment ކޮމެންޓް