ޣައްޒާގެ ސުލްހަ ގާއިމް ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އިންޑޮނޭޝިއާ އިން 20،000 ސިފައިން ތަމްރީނުކޮށްފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާ އަކީ އަޒަރުބައިޖާނާއި މިސްރާއި ގަތަރު ހިމެނޭ ގޮތަށް ޣައްޒާގެ ސުލްހަ ބެލެހެއްޓުމުގެ މަޝްރޫއު ފެށުމާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ބައިނަލްއަގުވާމީ ބައިވެރިވުމާއެކު ޣައްޒާގައި ސުލްހަ ބެލެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމުގެ މަގްސަދަކީ ޣައްޒާގައި ހަރަކާތްތެރިވާ އަސްކަރީ ޖަމާއަތްތަކަށް ހަތިޔާރު ބެހެއްޓުމަށް އެހީތެރިވުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަހައްދީ ރޮނގުގެ ސަލާމަތީކަންކަން ވަރުގަދަ ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުމާއި ފަލަސްތީނުގެ ފުލުހުން ތަމްރީން ކުރުމެވެ.

ޣައްޒާގެ ވަގުތީ ހިޔާއެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. ފިނި މޫސުމުގެ ސަބަބުން ހިޔާތަކުގައި ދިރިއުޅެން ވަނީ އުދަގޫވެފައި. ފޮޓޯ/ރޮއިޓާސް
އިންޑޮނޭޝިއާ އިން ސިފައިން ޣައްޒާއަށް ފޮނުވާނެ ވަގުތަކާއި އަދާކުރާނެ ދައުރާމެދު އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު، ޖައުފަރީ ޝަމްސުއްދީން ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯ ސުބިއަންޓޯ އާއި އިންޑޮނޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އުރުދުންގެ ރަސްގެފާނު އަބްދުالله އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ސްލްހަ ގާއިމުކުރުމުގެ ޕްލޭނާ ބެހޭގޮތުން އިސްނެގުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އދ ގެ އާންމު މަޖިލީހުގައި ސުބިއަންތޯ ވަނީ އދ ން ގަރާރެއް ފާސްކޮށްފި ނަމަ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް 20،000 ސިފައިން ފޮނުވުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.