ފިލްމު 'ލައިލާ މަޖްނޫ'އަށް ފަހު 'ހީރް ރާންޖާ' އުފައްދަނީ

ފިލްމު "ލައިލާ މަޖްނޫ"ގެ ލީޑް ތަރިން ކަމަށްވާ ތްރިޕްތީ ދިމްރީ އާއި އަވީނަޝް ތިވާރީ--ފޮޓޯ/ޕިންކްވިލާ


މީގެ އަހަރުތަކެއް ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ލައިލާ މަޖްނޫ"އަށް ފަހު "ހީރް ރާންޖާ"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ސާޖިދު އަލީ ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސާޖިދު ބުނީ، "ހީރް ރާންޖާ"ގެ ނަމުގައި ގެނެސްދޭ ފިލްމަކީ ވެސް ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށެވެ.

މިއީ ޕަންޖާބަށް ނިސްބަތްވާ ލޯބީގެ ފިލްމުތައް އަލުން ސިނަމާއަށް ގެނެސްދިނުމުގެ ބޭނުމުގައި ސާޖިދު ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމުން ވެސް ބަތަލާގެ ގޮތުގައި ގެނެސްދޭނީ މުޅިން އާ މޫނެއް ކަމަށާއި ނަމަވެސް އެކްޓަރުގެ ރޯލަށް ހޮވާނީ މިހާރުވެސް ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ އެކްޓަރެއް ކަމަށް ސާޖިދު ވަނީ ބުނެފައެވެ.

ފިލްމު "ލައިލާ މަޖްނޫ"ގެ ތަރިން ޑައިރެކްޓަ ސާޖިދު އަލީއާ އެކު--ފޮޓޯ/ފިލްމުފެއަ

ކާމިޔާބު ލޯބީގެ ފިލްމުތައް ކަމަށްވާ "ޖަބް ވީ މެޓް"ގެ ޑައިރެކްޓަރު އިމްތިއާޒު އަލީގެ ކޮއްކޮ ސާޖިދު އަލީ އަންނަނީ "ހީރް ރާންޖާ"ގެ ބަތަލާގެ ރޯލަށް ގެންނާނެ ޒުވާނަކު ހޯދުމަށް އެކަމަށް ހާއްސަ އޮޑިޝަންތަކެއް ބާއްވަން ވެސް ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ހީރް ރާންޖާ" ފަދަ ވަރުގަދަ ލޯބީގެ ފިލްމަކަށް މުޅިން އާ ބަތަލާއެއް ހޮވުމަކީ ރިސްކެއް ކަމަށާއި ނަމަވެސް ފިލްމަށް ހޮވާނީ އެ ރޯލަށް އެކަށީގެންވާ ބަތަލާއެއް ކަމަށް ސާޖިދުގެ ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

މީގެ ހަތް އަހަރު ކުރިން ސިނަމާތަކަށް ގެނެސްދިން ފިލްމު "ލައިލާ މަޖްނޫ"ގެ ތަރިންނަކީ ތްރިޕްތީ ދިމްރީ އާއި އަވީނަޝް ތިވާރީއެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެސްދިން އެ ފިލްމަށް އާއްމުންގެ ތަރުހީބު ލިބުނު ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލް ކުޅުނު ތްރިޕްތީއަށް ފިލްމުން މާބޮޑު މަޝްހޫރުކަމެއް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް