ށ. ފުނަދޫގެ ބައެއް ގޭގެއިން ކަރަންޓު ކަނޑާލައިފި

ށ. ފުނަދޫގެ ބައެއް ގެތަކުން ކަރަންޓް ބިލަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލައިފިވާ ކަމަށް އެ ރަށުން ސަން އަށް މައުލޫމާތުދިން ފަރާތަކުން ބުނެފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ކަނޑާލާކަން އެނގުމަށް ފަހު ގިނަ އަދަދެއްގެ ގެތަކުން މިއަދުގެ ވަގުތެއްގައި ކަރަންޓް ކަނޑާލާފައިވާ ކަމަށާއި ކަރަންޓު ނެތުމުގެ ސަބަބުން ވަރަށް ދަތި އުނދަގޫތަކާ ދިމާވާ ކަމަށާއި އަދި އެކަމާ އެމީހުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރަށު ކައުން ސިލްގެ ރައީސް އަބުދުﷲ ރަޝީދު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވި ކަރަންޓު ކަނޑާޅި 15 ވަރަކަށް ގެއިން ކަމަށާއި އެގޭތަކުން ކަރަންޓު ކަނޑާލީ ގަވާއިދުގައި ބުނާ ގޮތަށް އިންޒާރުގެ ނޯޓިސް ދިނުމަށް ފަހު ފައިސާ ދެއްކުމަށް ދިން ތިން މަސް ދުވަހުގެ މުހުލަތުގެ ތެރޭގައި ވެސް އެފަރާތްތަކުން ފައިސާ ނުދެއްކުމުގެ ސަބަބުން ކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު ފައިސާ ދައްކާފައި އަނެއް ބަޔަކު ފައިސާ ނުދައްކާ މިތިބީ އެހެންކަމުން ކަރަންޓުގެ ހިދުމަތް ނުދެވޭ ހިސާބަށް ދިއުމުން އެފަދަ ކަންކަން ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް ނާޅައެއް ނުތިބެވޭނެ. ތިން މަސް ދުވަސް ވަންދެން އެފައިސާ ހޯދުމަށް ގަވާއިދުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި އެއް މަސް ދުވަސް ކުރިން އެގޭގެ އަށް ސިޓީ ފޮނުވާފައި ކަނޑައެޅިގެން އެގޭގެ އަށް ގޮސް ދަންނަވާފައި ކަރަންޓު ކަނޑާލެވިފައި ވާނީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓު ކަނޑާލުމުން ރަށުގެ ބަޔަކު ނުރުހުން ފާޅުކުރި ކަމަށާއި ނަމަވެސް ކައުންސިލްގެ އިދާރައަށް ކަރަންޓު ކަނޑާލި ފަރާތްތަކުން އައިސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެއްބަސްވުމާ ގުޅިގެން 10 ގެއަށް މިހާރު އަލުން ކަރަންޓު ގުޅާ ދެވިފައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ލުއި ދެވެން ހުރި މިންވަރަކަށް ލުއިދޭން ތައްޔާރަށް ވާހަކަ ދައްކަން އަންނަ ބަޔަކާއި އަޅުގަނޑުމެންނަށް ވާހަކަ ދެއްކޭނީ. އެ މީހުން ހަމަ މަސްތަކަށް ބަހާލައިގެން ފައިސާ ދައްކަން އެއްބަސްވަންވީ އަދި ދެއްކެން އޮތްގޮތަކަށް ފައިސާ ދައްކަން އެއްބަސްވީމަ އެނިމުނީ،"

އޭނަ ވިދާޅުވީ ރައްޔިތުންގެ ހަރަދުގައި ހިންގަމުން އަންނަ އިންޖީނުގެއަށް 200000 އަށް ވުރެ ގިނަ ރުފިޔާގެ ފައިސާ ކަރަންޓު ބިލަށް ނުދައްކާ ހުރި ކަމަށެވެ.

ފައިސާ ދައްކަން ޖެހިފައިވާ ނުދައްކައި ހުރި ކަރަންޓު ބިލްތަކަށް އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ބިލަށް ފައިސާ ނުދައްކައިވާ ފަރާތްތައް ހުރި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު