ގޫގުލްގެ ސްޓްރީމިން ޚިދުމަތް ކަމަށްވާ ޔޫޓިއުބް ޓީވީއިން، ވޯލްޓް ޑިޒްނީ ކޮމްޕެނީއާ ދެމެދު ޗެނަލްތައް ދެއްކުމުގެ އަގާ ގުޅޭގޮތުން ހިނގި ދެބަސްވުމަކަށްފަހު، ޑިޒްނީގެ ޗެނަލްތައް އަލުން ދައްކަން ފަށައިފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން، ހަފްތާތަކެއް ވަންދެން އެތައް މިލިއަން ސަބްސްކްރައިބަރުންނަށް ޗެނަލްތައް ނުފެނި ދިމާވި ދަތިތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ.
މި މައްސަލަ ފެށިގެން އައީ، ޗެނަލްތައް ދެއްކުމަށް ނަގާ އަގު ނުވަތަ "ކެރިއޭޖް ފީ" އާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ. ޔޫޓިއުބް ޓީވީން ޑިޒްނީގެ ޗެނަލްތައް ހުއްޓާލާފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމާ އެކު، ޑިޒްނީގެ މަގުބޫލު ޗެނަލްތައް ކަމަށްވާ އޭބީސީ، އީއެސްޕީއެން، އެފްއެކްސް، އަދި ނޭޝަނަލް ޖިއޮގްރަފިކް ފަދަ ޗެނަލްތައް މިހާރު ޔޫޓިއުބް ޓީވީގެ ޔޫޒަރުންނަށް އަލުން ފެންނާނެއެވެ.
ޗެނަލްތައް ކަނޑާލާފައި އޮތް މުއްދަތުގެ ތެރޭގައި އެތައް މިލިއަން ސަބްސްކްރައިބަރުންނަށް ވަނީ އެމެރިކާގެ އިންތިޚާބާ ގުޅޭ ޕްރޮގްރާމްތަކާއި، ނޮވެމްބަރު ތިންވަނަ ދުވަހު ބޭއްވި "މަންޑޭ ނައިޓް ފުޓްބޯލް" ފަދަ މުހިންމު ކުޅިވަރު ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ގެއްލިފައެވެ.
އަލަށް ވެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުން، 2026 ވަނަ އަހަރުގެ ނިޔަލަށް އީއެސްޕީއެން އަންލިމިޓެޑްގެ ހުރިހާ ކޮންޓެންޓެއް، ޔޫޓިއުބް ޓީވީގެ ބޭސް-ޕްލޭންގެ ސަބްސްކްރައިބަރުންނަށް އިތުރު އަގެއް ނުނަގައި ބެލޭނެއެވެ.
މި މައްސަލަ ހައްލުވުމަކީ ސަބްސްކްރައިބަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ޑިޒްނީގެ ޗެނަލްތައް ނެތުމުގެ ސަބަބުން ލިބުނު ދަތިތަކަށް ބަދަލެއްގެ ގޮތުން ޔޫޓިއުބް ޓީވީއިން ވަނީ ކޮންމެ ސަބްސްކްރައިބަރަކަށް 20 ޑޮލަރުގެ ކްރެޑިޓެއް ދިނުމަށް ނިންމާފައެވެ. ނަމަވެސް، ދެ ކުންފުނީގެ ދެމެދުގައި ވެވުނު މާލީ އެއްބަސްވުމުގެ ތަފްސީލުތައް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިއީ ޔޫޓިއުބް ޓީވީއަށް މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ކޮމްކާސްޓްގެ އެންބީސީ ޔުނިވަރސަލް، ފޮކްސް، އަދި ޕެރަމައުންޓް ފަދަ ބޮޑެތި މީޑިއާ ކުންފުނިތަކާ އެކު އެއްބަސްވުންތަކަށް އައުމުގައި ޔޫޓިއުބް ޓީވީއަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.