އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަށް ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުގައިވާ ބައެއް ކަންތައްތައް ބަދަލު ކުރުމަށް އެ ކުންފުނިން އެއްބަސްނުވާ ނަމަ ޖީއެމްއާރުއާރު އަތުން އެއާޕޯޓް ނަގަން ޖެހޭނެ ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.
ވީޓީވީގައި އިއްޔެ މެންދުރު ފަހު ގައުމީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަމީން އިއްޔެ ވިދާޅުވީ ގައުމީ ޕާޓީން ދެކޭ ގޮތުގައި ޖީއެމްއާރާ އެކު ސަރުކާރުން ކޮށްފައިވާ މުއާމަލާތުގައި ރައްޔިތުނަށް ގެއްލުންވާނެ ކަންތައްތަކެއް އެބަ ހުއްޓެވެ.
"ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ބޭނުންވާ ގޮތަށް އެ މުއާމަލާތް ބަދަލުކުރުމަށް އެއްބަސް ނުވެއްޖެ ކަމަށްވާ ނަމަ ދިވެހި ރައްޔިތުން، ދިވެހި ސަރުކާރުން ނުވަތަ ދިވެހި ދައުލަތުން އެ އެއާޕޯޓް ދީފައި އޮތް އޮތުން ކެންސަލްކޮށް އެއާޕޯޓް ނެގުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެނީ،" އަމީން ވިދާޅުވި އެވެ.
ޖީއެމްއާރް ކުންފުންޏަށް މާލެ އެއާޕޯޓް ކުއްޔަށް ދިނުމާ ދެކޮޅަށް ގައުމީ ޕާޓީން ފޮތެއް ނެރެފައިވާ އިރު އަމީން އިއްޔެ ވިދާޅުވީ ޖީއެމްއާރާ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު ދެ ފަރާތަށް ވެސް ފައިދާ ވާނެ ގޮތަށް އެއްބަސްވުން ބަދަލު ކުރުމަށް ޖީއެމްއާރުން އެއްބަސްވާ ނަމަ އެއާޕޯޓް އަތުނުލައި ބޭއްވުން "އެންމެ ރަނގަޅު" ކަމަށެވެ.
"ޖީއެމްއާރާ ވެސް ވާހަކަ ދެއްކުމަށް ފަހުގައި ދިވެހި ރައްޔިތުނަށް، ދިވެހި ސަރުކާރަށް ވެސް، ދެ ފަރާތަށް ފައިދާ ހުރި ގޮތަކަށް ބަދަލު ކުރުމަށް އެއްބަސްވެއްޖެ ހާލަތެއްގައި އެކަން ނުކޮށް [ޖީއެމްއާރް އަތުން އެއާޕޯޓް އަތުނުލައި] ދޫކޮށްލުން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޖީއެމްއާރްގެ މައްސަލަގައި ސަރުކާރަށް ގޮތެއް ނިންމަން ލަސްވެފައި ވަނީ ސަރުކާރާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސަރުކާރަށް ލިބިފައިވާ އިހްތިޔާރުތަކާއި ބާރުތައް "ހަނިކަމުން" ކަމަށް އަމީން ވިދާޅުވި އެވެ.
"އެ މުއާމަލާތްކުމުގައި ޖީއެމްއާރަށް ދީފައިވާ ހުރި ބާރުތަކާއި ޖީއެމްއާރަށް ދީފައި ހުރި އިހްތިޔާރުތަކާއި އަދި އެ މުއާމަލާތް ކުރުމުގައި ދިވެހި ރައްޔިތުނަށް ލިބިފައިވާ އިހްތިޔާރާއި ފައިދާތައް ހަނިކަމުން އެކަން ކޮޅެއްގައި ޖެއްސުން ލަސްވެގެންދާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުގެ އަތުން އަތުލަން ޖެހޭ ކަމަށް ބުނެ ގައުމީ ޕާޓީން ވާހަކަ ދައްކާ އިރު އެ ޕާޓީ އިން ކޯލިޝަން ހަދާފައިވާ ޑީއާރުޕީން ބުނަނީ ޖީއެމްއާރާއި ކުރީގެ ސަރުކާރާ އެކުވެފައިވާ އެއްބަސްވުން ސައްހަ ކަމަށްވާ ނަމަ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަށް ސަރުކާރުން އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ ޖީއެމްއާރް މައްސަލައިގައި ޑީއާރުޕީން ހާމަ ކުރަމުންދަނީ ހަމަ އެ ޕާޓީ އަށް ފެންނަ ގޮތް ކަމަށާއި އެއީ ގައުމީ ޕާޓީއަށް ފެންނަ ގޮތް ނޫން ކަމަށެވެ.
"ޖީއެމްއާރު މައްސަލައިގައި މިހާރު އަމަލުކުރެވެމުން ދަނީ ކޯލިޝަންގެ އެއްބަސްވުމުގެ ދަށުންނެއް ނޫން. އެ ބޭފުޅުންގެ ޖަވާބުތަކާއި އެ ބޭފުޅުންގެ ސިޔާސަތުތަކާއި ސާފްކޮށް ބަޔާން ކުރެވޭނީ އެ ބޭފުޅުނަށް ހަމަ ޑީއާރުޕީއަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ވިސްނުން މި ދަންނަވާލި."