ރޭޝަމްގެ 'ދި އޭބީސީސް އޮފް އިންގްލިޝް ވޮލިއުމް ވަން ސިޓުއޭޝަންސް' ފޮތް ނެރެފި

ރޭޝަމްގެ ފޮތް ޑރ. ފާތިމަތު ޝަހީމާ ނެރެދެއްވިއިރު، އަރިހުގައި ރޭޝަމް --- ސަން ފޮޓޯ/ މޫސާ ނަދީމް

އައިޝަތު ރޭޝަމްގެ 'ދި އޭބީސީޒް އޮފް އިންގްލިޝް ވޮލިއުމް ވަން ސިޓުއޭޝަންސް" ފޮތް ނެރެ، ގައުމީ ކުތުބުޚާނާގެ ޕަބްލިކް ކަލެކްޝަނަށް އިއްޔެ ހަދިޔާކޮށްފިއެވެ.

ގައުމީ ކުތުބުޚާނާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ، ޑރ. ފާތިމަތު ޝަހީމާއެވެ.

މި ފޮތުގައި ވަނީ، ތަފާތު އެކި ހާލަތްތަކުގައި އިނގިރޭސި ބަހުން މުއާމަލާތް ކުރާނެ ގޮތް ކިޔައިދީފައެވެ. އެ ހާލަތްތައް ރޭޝަމް ކިޔައިދީފައި ހުރީ ވަރަށް ތަފާތު، ޚާއްސަ ގޮތަކަށެވެ.

އެއީ، އިނގިރޭސިން އެ ބުނާ އެވާހަކައެއް ލިޔެފައި އޮންނައިރު، އިނގިރޭސިން އެ ވާހަކައެއް ކިޔާނެ ގޮތް ދިވެހިން ވެސް ލިޔެދީފައިވެއެވެ. އަދި، ދިވެހި ބަހުން އެބުނާ ވާހަކައިގެ ތަރުޖަމާ ވެސް ވަނީ ކިޔައިދީފައެވެ.

ރޭޝަމްގެ ފޮތް ނެރުނު ހަފުލާގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ރޭޝަމް ބުނީ، މި ފޮތަކީ، އިނގިރޭސި ބަސް ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށާއި އިނގިރޭސި ކޮންމެވެސް ވަރަކަށް ދޭހަވާ މީހުންނަށާއި އިނގިރޭސިއާއި ދިވެހި ބަހަށް ޝައުގުވެރިކަން ހުންނަ ހުރިހާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ލިޔެފައިވާ ފޮތެއް ކަމަށެވެ.

މި ފޮތް ގަންނަން ލިބޭނީ 200އަށް ރުފިޔާއަށެވެ. މި އަގަށް ވިއްކަން ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބެލިކަން ރޭޝަމް ފާހަގަކުރިއެވެ. އެގޮތުން، ތަރުޖަމާއާއި ކިޔަވަންވީ ގޮތް ލިޔެފައި ހުންނަ ފޮތަކަށް ވެފައި ފޮތުގެ ބޯމިން ފަދަ ކަންކަމަށް ވެސް ބެލިފައިވާ ކަމަށް ރޭޝަމް ބުންޏެވެ.

ރޭޝަމް އޭނާގެ ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

މި ފޮތް ވަރަށް އަވަހަށް ބާޒާރުން ލިބެން ހުންނާނެ ކަމަށް ރޭޝަމް ބުންޏެވެ. އަދި، އޭގެ ކުރިން އިންސްޓަގްރާމާއި ފޭސްބުކް މެދުވެރިކޮށް ފޮތް ގަނެވޭނެ އިންތިޒާމު ވެސް ހަމަޖެހޭނެކަމަށް ރޭޝަމް ފާހަގަކުރިއެވެ.

މި ފޮތް ނެރެދެއްވި ޑރ. ޝަހީމާ ވިދާޅުވީ، ދަރިވަރުން އަމިއްލައަށް ގޭގައި ކިޔެވުމަށާއި ޓީޗަރެއްގެ އެހީގައި ކިޔެވުމަށް މި ފޮތް ބޭނުންކުރެވުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.

އިނގިރޭސި ބަހަކީ ގިނަ ގައުމުތަކުގައި ބޭނުންކުރާ ބަހަކަށްވާއިރު، އެ ބަސް ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ބޭނުންކުރާނެ ގޮތް އެނގުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު