ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އެދި 14 ބޭފުޅަކު ކުރިމަތިލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުޞަތު އިއްޔެ ހަމަވި އިރު، އެ ކޮމިޝަންގެ މެންބަރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެއީ 10 ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބައްލަވައި މަޢުލޫމާތު ދިރާސާ ކުރެއްވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމެވުމަށް ފަހު، އެ ކޮމިޝަނަށް ބޭފުޅަކު ހަމަޖެއްސެވުމަށް ޓަކައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅާއި ވަނަވަރު، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާނީ، ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ލިސްޓް އެކުލަވައިލެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމިޝަނަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާނީ، އެ ބޭފުޅަކު މަޖިލީހުން ފާސްކުރެއްވުމަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު