ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ)ގެ ރިޕޯޓް ނެރޭ ދުވަހާ ގުޅުވައިގެން އެމްޑީޕީން ބޭނުން ވަނީ އެ ދުވަހު މާލޭގެ މަގުތައް މައްޗަށް ނުކުމެ ހަމަނުޖެހުން ހިންގަން ކަމަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އިންކުއަރީ ކޮމިޝަނުގެ ރިޕޯޓްނެރޭ ދުވަހާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެން ޖަލްސާއެއް ބާއްވާ ވާހަކަ ދައްކަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ލޮލުގައި އަނދުން އެޅުމުގެ ބޭނުމުގައި ކަމަށާއި އެ ދުވަހު އެމްޑީޕީން ރާވާފައި އޮތީ މާލޭގެ މަގުތައް މައްޗަށް ނުކުމެ ހަމަނުޖެހުން ހިންގައި ތަންތަނުގައި ހުޅުޖެހުން ކަމަށެވެ.
"އެދުވަހާ ދިމާކޮށް އެމްޑީޕީން ބާއްވަން ހަމަޖައްސާފައި އޮތީ ޖަލްސާއެއް ނޫން. އެއީ ހަމައެކަނި އިންޓަނޭޝަނަލް ކޮމިއުނިޓީ ކުރިމަތީގައި އަނދުނެއް އަޅުވަން ދައްކާ ވަހަކެއް، އެއީ ޖަލްސާއެކޭ ކިޔައިގެން. އޭގެ ބޭނުމަކީ އެމީހުންގެ ހުރިހާ ސަޕޯޓަރުން މަގުމައްޗަށް ނެރެ ހަމަނުޖެހުންހިންގުން. ތަންތާ ރޯކުރުން އަދި ސަރުކާރަށް ޕްރެޝާކުރުން އެއީ ބޭނުމަކީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ހިންގައިފާނެ މަގުމަތީގެ ހަރަކާތްތަކަކަށް ޕީޕީއެމުން ހައިރާން ނުވާނެ ކަމަށާއި ރައީސް މުހައްމަދު ވަހީދު ރިޔާސީ ބަޔާން އިއްވި ދުވަހު އެމްޑީޕީން އެމީހުންގެ ވަރުގަދަކަން ހުރި އެންމެ ބޮޑުމިންވަރަކަށް އެކަން ދެއްކި ކަމަށާއި އެއީ ދިވެހި ސަރުކާރު އިސްތިއުފާދޭ ވަރުގެ ބާރުވެރިކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީއަށް ދެއްކޭނެ ހުރިހާ ވަރެއް އެމީހުން ދައްކައިފި. އެވަރު އެކަށީގެނެއް ނުވޭ ދިވެހި ސަރުކާރު އިސްތިއުފާ ދޭކަށެއް ނުވަތަ ބަޔަކު ކަންބޮޑުވާކަށެއް. ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަން އޮތް ދުވަހު މުޒާހަރާތަކުން އެ ދެއްކީ އެމީހުންގެ މެކްސިމަމް ދެން އިތުރަށް ދައްކާނެ އެއްވެސް އެއްޗެއް ނޯންނާނެ. ކިތަންމެ މުޒާހަރާއެއް ކުރިއަސް އަހަރެމެން ކަންބޮޑެއް ނުވޭ. ކިތަންމެ މީހުނެއް މާލެ ގެނެޔަސް ކަންބޮޑެއް ނުވޭ ސަރުކާރު ވެސް ކަންބޮޑެއް ނުވޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯނީގެ ރިޕޯޓް ކޮންމެ ގޮތަކަށް ނުކުތަސް އެމްޑީޕީން މަގުމައްޗަށް ނުކުމެ ފުލުހުން ހިފަހައްޓައި ސައިކަލްތަކުގައި ރޯކުރުން ފަދަ ކަންކަން ކުރާނެ ކަމަށާއި އެފަދަ ކަންކަން ކުރި ނަމަވެސް ރާއްޖޭގެ ސަރުކާރު އެމްޑީޕީއަށް ވައްޓައެއް ނުލެވޭނެ ކަމަށެވެ.
ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުން އެމްޑީޕީގެ މެންބަރުން މާލެ ގެނެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ސްޕޯސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އިއްޔެ ވިދާޅުވީ އެ ޖަލްސާގައި ރާއްޖޭގައި އެމްޑީޕީގެ ސަޕޯޓަރުން އުޅޭ ހުރިހާ ރަށަކުން މީހުންނަށް ދައުވަތުދީގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވާނެ ވަކި ތަނަކާއި ތާރީހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ނަސީރު ކުރެއްވި ތުހުމަތާ ގުޅިގެން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ އަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.