ރާއްޖެ އަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ދެއްވަމުން އައި އިނާމުގެ ނަން މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ނަމަށް ނަން ބަދަލުކޮށް އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވައިލައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަތީދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމުގެ ކަންކަން ބައްލަވާ ފަންނީ ކޮމިޓީގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މީގެ މަހެއްހާ ދުވަސްކުރިން އިނާމާ ބެހޭ ކޮމެޓީ އެކުލަވާލައި އިނާމު ލިބޭނެ މިންގަނޑުތައް ކަނޑައަޅައި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލީ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް މީގެ ކުރިން ސަރުކާރުން ދެއްވާ ހާއްސަ އިނާމު 1985 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް ދެއްވަމުން ގޮސް އެއަށް ފަހު 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމެވީ އެ އިނާމު އެކަމާ ގުޅޭ ސަރުކާރުގެ އިދާރާއަކުން ދެއްވަމުން ގެންދަވާ ގޮތަށް ކަމަށާއި ނަމަވެސް މިހާތަނަށް އެ އިނާމު އެއްވެސް ފަރާތަކަށް ދެއްވާފައި ނުވާ ކަމަށެވެ.
"މިއިނާމު ގަވައިދުން ދެއްވަމުން ނުގެންދަވާތީ މި އަހަރުގެ އެޕްރީލް މަހު ވަޒީރުންގެ މަޖިލިހުގައި އަލުން މަޝްވަރާކުރެއްވުމަށް ފަހު ރައީސް އެކުލަވާލެއްވި ކޮމިޓީއަކުން އެކަންކުރަމުން މިގެންދަނީ. މިއަހަރުން ފެށިގެން މިއިނާމު ދެއްވަމުން ގެންދަވާނެ،" އާމިރު ވިދާޅުވި އެވެ.
އިނާމު ކޮމިޓީގެ ޗެއާމަން ޑރ. އަހުމަދު އަންވަރު ވިދާޅުވީ މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ފަސް ދާއިރާއެއްގެ ތެރެއިން ހަތަރު ދާއިރާއަކުން މިއަހަރު ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކާއި ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކާއި މަސައްކަތްތެރިކަމާއި އުފެއްދުން ތެރިކަމުގެ ރޮގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތް ކުރުން ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް އިއުލާނުކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ހާއްސަ އިނާމު ދެއްވާ ޖަލްސާގަ އެވެ. އެކެޓެގަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އަހަރެވެ.
މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދެވޭ އިނާމު ދިނުމުގެ މަގުސަދަކީ ރާއްޖެ އަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީތައް އިހުތިފާލުކުރުމާއި އެފަދަ ކާމިޔާބުތައް ހޯދުމަށް ހިތްވަރު ދިނުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބުކުރުން ކަމަށެވެ.
މިއިނާމު ލިބޭ ފަރާތްތަކަށް އިނާމު ދެއްވާނީ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.