މިހާރުން މިހާރަށް މަޖިލީހުގެ ރައީސް އިސްތިއުފާ ދޭން ޖެހޭނެ: ގާސިމް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ މައްސަލައާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުގެ އިސްނެގުމާ އެކު، ޕާޓީތަކުގެ އިސް ފަރާތްތަކާ އެކު މިއަދު ނާއިބު ރައީސް މުހައްމަދު ވަހީދުންދީން ބޭއްވެވި ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ބައިވެރިވެ ވަޑައިނުގަތުމުން ޝާހިދު ވަގުތުން އިސްތިއުފާ ދެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.

މިއަދު 11 ޖެހި އިރު ރައީސް އޮފީހުގައި އޮތް ޕާޓީތަކުގެ އިސް ބޭފުޅުންގެ ބައްދަލުވުމަށް ޝާހިދު ވަޑައިނުގެންނެވުން ސިފަކުރައްވައި ގާސިމް ވިދާޅުވީ ޝާހިދުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި އެ މަގާމުން ޝާހިދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

"މަޖިލިސް ކުރިއަށް ނުގެންދެވި އޮތަސް މަޖިލިސްގެ ރައީސް ކަންބޮޑުވެވަޑައިނުގަންނަވާކަން އެބައިނގޭ. އެހެން ކަމުން މަޖިލިހުގެ ރައީސްގެ އިހުލާސްތެރިކަމާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ. އަޅުގަނޑު ދަންނަވާލާނީ މަޖިލިހުގެ ރައީސް މިހާރު އިސްތިއުފާ ދެއްވާށޭ،"

ގާސިމް ވިދާޅުވީ މީގެ ކުރިން ވެސް ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީން މަސައްކަތް ކުރި ކަމަށާއި އެވޯޓު ނަގަން މަސައްކަތް ކުރި އިރު ވެސް ޝާހިދުގެ އިހުލާސްތެރިކަން ނެތްކަން ގަބޫލުކުރައްވާ ކަމަށެވެ.

"މިއަދު އަމުދުން މިތާ އެމަނިކުފާނު ވަޑައިގެން ނެތުން އެއީ އިހުލާސް ތެރިކަމެއް ނެތުން. އެމަނިކުފާނަށް ވަޑައިނުގަނެވޭ ކަމަށް ވަންޏާމު ނައިބު ވެސް ވަޑައިގަންނަން ޖެހޭނެ މިއިން ދެ ބޭފުޅަކު ކުރެން އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މީގެ ފަހުން މަޖިލިސް ހުއްޓާލާފައި އޮތުމުގެ ސަބަބުން ބާއްވާ މަޝްވަރާ ބައްދަލުވުންތަކަށް ޖުމުހޫރީ ޕާޓީން ހާޒަިރު ނުވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު