މަކަރާއި ހީލަތް ހެދުން ހުއްޓުވަން އެޕަލް ފަދަ ކުންފުނިތަކުން އަޅާ ފިޔަވަޅުތައް އީޔޫއިން ބަލަނީ

އީޔޫ ކޮމިޝަނުގެ ނައިބު ރައީސް، އެޕަލްގެ މިއުޒިކް އެޕާ ގުޅޭ ގޮތުން ވާހަކަދައްކަވަނީ: އީޔޫއިން ވަނީ، މަކަރާތް ހީލަތް ހެދުން ހުއްޓުވަން އެޕަލް ފަދަ ކުންފުނިތަކުން އަޅާ ފިޔަވަޅުތައް ބަލަން ނިންމައިފައި -- ފޮޓޯ/ އޭޕީ

އެޕަލް، ގޫގަލް، މައިކްރޯސޮފްޓް އަދި ބުކިން.ކޮމް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން, އެ ކުންފުނިތަކުގެ ވަސީލަތްތަކުގައި ބައެއް މީހުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ސުވާލުކުރަން ނިންމައިފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ޓެކް ލީޑަރު ހެނާ ވިރްކޫނެންއާ ހަވާލާދީ، ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީޔޫއިން މި ތިން ކުންފުންޏާ ސުވާލުކުރާނީ ޔޫރަޕްގެ ރައްޔިތުންގެ ފައިސާ ވަގަށް ނެގުމަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތްތައް ހުއްޓުވުމަށް އެ ކުންފުނިތަކުން ކުރާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. މަކަރާއި ހީލަތްތަކަކީ އީޔޫއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެހެންވެ، އެފަދަ މައްސަލަތައް ހުއްޓުވުމަށް ކުންފުނިތަކުން ކުރާ މަސައްކަތްތައް ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިރްކޫނެން ބައްލަވާނީ އެޕަލް އާއި ގޫގަލްއިން އެ ދެ ކުންފުނީގެ އެޕް ސްޓޯރުގައި ހުންނަ ބޭންކް އެޕްތައް ފަދަ އެޕްތައް ހިންގާ ގޮތެވެ. ގޫގަލް އަދި މައިކްރޯސޮފްޓްއިން ގޫގަލް ސާޗް އާއި ބިންގް ސާޗް ރިޒަލްޓްތަކާ ބެހޭގޮތުން ސުވާލުކުރާނެއެވެ. އަދި ބުކިންގ.ކޮމް އިންދޭ ފޭކް ލިސްޓްތަކާ ބެހޭގޮތުން ސުވާލުކުރާނެއެވެ.

https://sun.mv/208799

މިހާރު އީޔޫއިން ހަމައެކަނި މައުލޫމާތު ހޯދަނީ ކަމަށްވިޔަސް، ކުރިއަށް އޮތްތަނުގައި ތަހުގީގެއް ހިންގައި ޖޫރިމަނާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އީޔޫގެ ޑިޖިޓަލް ސާވިސަސް އެކްޓްގެ ދަށުން ކުންފުންޏެއްގެ އަހަރީ އާމްދަނީގެ ހަ އިންސައްތައާ އެއްވަރުގެ ޖޫރިމަނާއެއް ކުރުމުގެ ބާރު އީޔޫއަށް ލިބިގެންވެއެވެ.

މެކްރޫމާސްއަށް ދިން ބަޔާނެއްގައި އެޕަލްއިން ބުނެފައިވަނީ، މަކަރާއި ހީލަތްތައް ހުއްޓުވުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެޕަލްގެ ޓީމުތަކުން މަކަރާއި ހީލަތްތައް ދެނެގަނެ ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެޕަލްއިން ކޮންމެ އަހަރަކުވެސް އެޕް ސްޓޯރު ރިވިއު ޕްރޮސެސްއިން މަކަރާއި ހީލަތްތައް ހުއްޓުވައި ކަސްޓަމަރުން ރައްކާތެރިކުރާ ގޮތުގެ ރިޕޯޓްތައް ހާމަކުރެއެވެ.

މިދިޔަ އަހަރު އެޕަލްއިން ބުނެފައިވަނީ، އެޕް ސްޓޯރުން ދެ ބިލިއަން ޑޮލަރަށްވުރެ ގިނަ މަކަރާއި ހީލަތުގެ މުއާމަލާތްތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި 146,000 އަށްވުރެ ގިނަ ޑިވެލޮޕާ އެކައުންޓް މަކަރާއި ހީލަތުގެ ސަބަބުން ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އީޔޫގައި އެޕަލްއިން ތާޑް-ޕާޓީ އެޕް (ތިންވަނަ ފަރާތެއްގެ އެޕް) މާކެޓްޕްލޭސްތަކަށް ސަޕޯޓް ދޭން ޖެހެއެވެ. މީގެ ސަބަބުން އެޕް ސްޓޯރުން ބޭރުން އެޕްތައް އިންސްޓޯލް ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށް އެޕްސްޓޯރު ތެރެއިން އެޕަލްއަށް ފުރުޞަތުތަކެއް އޮތް ނަމަވެސް، އެޕް ސްޓޯރުން ބޭރުން އިންސްޓޯލްކުރާ އެޕްތަކަށް ބާރެއް ނޯވެއެވެ.

އެޕަލްއިން އަބަދުވެސް ބުނަމުން އަންނަނީ ޑިޖިޓަލް މާކެޓްސް އެކްޓްއާއި އީޔޫގައި ހުންނަ އެހެނިހެން އެޕް މާކެޓްޕްލޭސްތަކުގެ ސަބަބުން، ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށް މަކަރާއި ހީލަތްތަކުގެ ނުރައްކާ ބޮޑުވެ، އެޕަލްގެ ސެކިއުރިޓީގެ ފެންވަރު ދަށްވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު