ގާނޫނު އަސާސީ: ދިވެހިން ބުއި އެންމެ ހިތިބޭސް

ގާނޫނު އަސާސީ އަކީ ވެރިކަމެއް ހިންގުމަށް އެތަނެއްގެ ރައްޔިތުން ޤަބޫލު ކުރާ މައިގަނޑު ޤާނޫނެވެ. ދައުލަތް ހިންގުމާއި ގާނޫނު ހެދުމާއި ތަންފީޒުކުރުމާއި ހައްގުތައް ލިބިދިނުމާއި ދިފާއުކޮށް ދިނުމާއި ދައުލަތް ހިންގުމުގެ ކޮންމެ ކަމެއް ހަމަމަގުން ހިންގުމާއި އެއްވެސް ބަޔަކަށް އެހެން ބަޔެއްގެ ގަޔަށް އަތްލައި އަނިޔާވެރިވިޔަ ނުދިނުމާއި މިބާވަތުގެ ކަންކަމުގެ މައިގަނޑު ދާއިރާތައް ކަނޑައަޅާ މައިގަނޑު އުސޫލުތައް ބަޔާން ކުރަނީ ގާނޫނުއަސާސީގައެވެ.


ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ މައިގަނޑު ބޭނުމަކީ ގައުމުގެ ކަންކަން ވަކިގޮތަކަށް ތަންޒީމުކޮށް ހަމައެޅޭ އިންތިޒާމަކުން އެންމެނަށް އިންސާފުވެރި އުސޫލަކުން ކަންކަން ކުރާނޭ ގޮތްތަކެއް ހަމަޖެއްސުމެވެ. ނަމަވެސް މިރާއްޖޭގެ ގާނޫނީ ހަޔާތުގައި ގާނޫނު ތަޖުރިބާ ކުރެވިފައިވަނީ މުޅިއަކުން މި އުސޫލަކުންނެއް ނޫނެވެ.


އެންމެ ހިތިބޭސް:


ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް އައި ކޮންމެ ފަހަރަކު ގާނޫނުއަސާސީ ވެގެން ގޮސްފައިވަނީ ދިވެހި ރައްޔިތުން އެހާތަނަށް ބުއި އެންމެ ހިތި ބޭސްކަމުގައެވެ. ގާނޫނުއަސާސީއަކާ މެދު ރައްޔިތުން ކުރި އުންމީދުތައް އެކޮޅުކޮޅުން ޖެހި އެކަމަށްޓަކައި ކުރެވުނު މަސައްކަތާއި ވެވުނު ހޭދައާ މެދު އަމިއްލަ ނަފުސަށް ސަހަރޯވެރިވެ މާޔޫސް ކުރުވި ސަބަބަކަށެވެ. މި ސަބަބަކީ ގާނޫނު ތަންފީޒުކުރަން ތިބި މީހުންގެ ޒާތީ މަސްލަހަތެވެ. ގާނޫނަށް ކިޔަމަން ނުވުމާއި އިޚުލާސްތެރިކަން ނެތުމެވެ. ޚިދުމަތުގެ ރޫހު ދަށްވުމެވެ. މިއިން ކޮންމެ މީހަކަށް މެ މަލިކައްޑޫ ދެމެދުން ތިމާގެ އަމިއްލަ ސޫރަ ނޫން އެއްޗެއް ނުފެނުމެވެ.


ގާނޫނުއަސާސީގެ ކުށް:


ރާއްޖޭގޭގައި އަމަލު ކުރަން ފެށުނު ފުރަތަމަ ގާނޫނުއަސާސީ ތަންފީޒު ކުރަން ފެށުމާއެކު ވެސް މައްސަލަތަކެއް ނުކުމެފައި ވެއެވެ. ގާނޫނުއަސާސީއިން ކުށްދައްކައި މައްސަލަ އުފައްދައި އޭގައިވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަމަށް ނުވަތަ ކުރަން ނުޖެހޭކަމަށް ދޭހަވާގޮތަށް އަޑުފަތުރައި އުޒުރު ދެއްކުމެވެ. ގާނޫނު އަސާސީ ދެކޮޅު ނުޖެހޭ ވާހަކައެވެ. ރާއްޖޭގެ ހާލަތާ ނުގުޅޭ ވާހަކައެވެ. ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ނުކުރެވޭނެ ވާހަކައެވެ. ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ނުކުރާ ވާހަކައެވެ. "މަގޭ ރައްޔިތުންނަށް ބުރަ ނުވާނޭ ގޮތުގެމަތީން" ލިޔާން އަމުރުފުޅު ކުރެއްވި ގާނޫނުއަސާސީ އިން "ރައްޔިތުންނަށް ނިހާޔަތަށް ދަތިބޮޑެވެ"ގެން ދިޔަ ވާހަކައެވެ. މި މައްސަލަތައް ޚުލާސާކޮށް އޭގެ ނަތީޖާ ކުރުކޮށްގެން ބަލައިފި ނަމަ އެއިން ފެންނާން އޮތީ އެއްކަމެކެވެ.  ތިމަތިމާމެން ބޭނުންހައި ގޮތަކަށް، އެވަގުތު ހިތަށް އެރިހައި ގޮތަށް ކަންކަން ކުރަން ބޭނުންވެ އެ ގޮތަށް އަމަލުކުރުމަށް ގާނޫނުއަސާސީ ހުރަސްއަޅާކަމުން ގާނޫނުއަސާސީއާ މެދު ކުރެވުނު ނަފުރަތެވެ. އެހެންކަމުން ގާނޫނުއަސާސީގެ އެންމެ ބޮޑު ކުށަކީ ހަމަ އެމީހަކު ހިތުހުރިހައި ގޮތަކަށް ކޮންމެ ކަމެއް ކޮށްލަން ގާނޫނުއަސާސީ ހުއްދަ ނުކުރުމެވެ. މިއީ އެންމެ ތިލަފަށުން ނެގޭ މިސާލެކެވެ. ބަސްނާހާ ކުދިންގެ ގާތު މައިންބަފައިން ގޯސްވާ ފަދައިންނެވެ. ނުކިޔަވާ ނުކިޔަމަންތެރި ދަރިވަރުން ގާތު މުދައްރިސުން ގޯސްވާ ފަދައިންނެވެ.


މި ނަތީޖާއަށް ބަލާއިރު ފެންނާން އޮތް މައިގަނޑު ދޭހައަކީ ގާނޫނަށް ކިޔަމަންވުމުގެ ރޫހެއް މިގައުމުގެ ބޮޑުންގެ ކިބައިގައި ނެތްކަމެވެ. އެ ރޫހް ލިބިގަތުމުގެ ފިކުރެއް ވެސް ނެތްކަމެވެ. އެމަގަށް އެނބުރި ދިއުމުގެ ނިޔަތެއް ވެސް ނެތްކަމެވެ. މިގައުމުގެ ރައްޔިތުން އަމިއްލައަށް ލިބިގަންނާންވީ އެންމެ ބޮޑު އިންޒާރަކީ މިއެވެ.


ގާނޫނުއަސާސީ މާނަކުރުން:


ގާނޫނުއަސާސީ މާނަކުރާނީ ކޮންފަރާތަކުން ކޮން ބައެއްކަން ގާނޫނުއަސާސީގައި ބުނެއެވެ. ނަމަވެސް ހަގީގަތަކީ ވަކިގޮތަށް ވަކި މީހަކު މާނަ ނުކުރިއަސް ހާމަކަން ބޮޑުކޮށް ނިކަން ސާފުކޮށް މުޠުލަޤަށް ދޭހަވާ މަފުހޫމްތައް ވެސް ގާނޫނުއަސާސީގައި ހުންނަކަމެވެ. "ގާނޫނުއަސާސީގައި ބުނާއެއްޗެއް ނޭނގެންޏާ ... މަދަރުސާއަށް ދާން" ބުނަނީ މިހެންވެގެން ކަމަށް ވެދާނެއެވެ. މާނަކުރުމަކަށް ބޭނުންވާނީ ޚިޔާލުތަފާތުވެ ދެބަސްވުން އުފެދޭ ހާލަތުގައި އެފަދަ ކަންކަމެވެ. މިފަދަ ހާލަތުގައި ގާނޫނު މާނަކުރަނީ ގާނޫނުއަސާސީގައި އެވާހަކައެއް ނުވަތަ އެ މާއްދާއެއް ލިޔުނު މަގުސަދަށް އެންމެ ފަހިވާ ގޮތަކަށް ކަމުގައި ގާނޫނުގެ އިލްމުވެރިން ބުނެއެވެ. މީގެ އެންމެ ފައްކާ އެއް މިސާލަކީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި މައުމޫން ޢަބްދުލްޤައްޔޫމުގެ ކެންޑިޑޭޓުކަން ސައްހަތޯ ބެލުމަށް ސުޕުރީމްކޯޓުގައި އެކަމާ ގުޅޭ މާއްދާ މާނަކުރެވުނު ގޮތެވެ.


މި އުސޫލު އޮއްވައި ގާނޫނުގެ މާނަ ގާނޫނުގެ ރޫހާ އެއްގޮތަށް ނެރެ ޝަރަހަކޮށް އެމައްޗަށް އަމަލުކުރާން ފެށިއްޖެ ނަމަ އެ ބަޔަކަށް ދިމާނުވެ ނުދާނޭ ގޮތްތައް އަދުގެ ދިވެހި ގައުމާ މިދަނީ ދިމާވަމުންނެވެ.


މަގުސަދާ އެއްގޮތަށް މާނަކުރުން:


މަގުސަދާ އެއްގޮތަށް މާނަ ކުރުމާއި މަގުސަދާ އެއްގޮތަށް ދޭހަވުމަކީ ކަންކުރާމީހާގެ ސިކުނޑީގައި ޖަމާވެފައިވާ އެއްޗަކަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކުރެވޭ ކަމެވެ. ސިކުނޑީގައި މިފަދަ ޖަމާއެއް ނެތި މާނަކުރާ މީހާއަށް ދޭހަވާނީ ހަމަ އެކަނި ދެލިގަނޑުގެ މާނައެވެ. މި މިސާލު ރީތިބަހުންނާއި ހުތުރު ބަހުން ސާފުކޮށް ފެންނާން އެބަހުރެއެވެ.


މިސާލަކަށް އަންނަނިވި ތިން ޖުމްލައަށް ބަލަމާ ހެއްޔެވެ؟


"އަހަރެން ވަންއިރު އެތަށި ހުރީ މޭޒުމަތީގައައެވެ. އޭގައި ބަތްކޮޅެއް ހުއްޓެވެ. ބަނޑުހައި ވެފައި ހުރީމައި އަހަރެން އެ ކާލީއެވެ".


ފުރަތަމަ ޖުމްލައިގައި ބާރުއަޅައި އިޝާރާތް ކުރަނީ ތައްޓަކަށެވެ. ދެވަނަ ޖުމްލައި "އޭގައި" ކަމަށް ބުނަނީ ވެސް އެ ތައްޓަށް ނިސްބަތްކޮށް "ތަށީގައި" ކަމަށް މާނަ ދޭހަކޮށްދޭ ބުނުމެކެވެ. އޭގައި ހުރީ ބަތްކޮޅެކެވެ. ތިންވަނަ ޖުމްލައިގައި ބުނަނީ އަހަރެން "އެ" ކާލީއެވެ. މިތާގައި އުފެދޭ ސުވާލަކީ "އެ" އަކީ ކޮން އެއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ސާފު ޖަވާބަކީ ބަތްކޮޅެވެ. ނަމަވެސް މި މާނަ މިގޮތަށް ދޭހަވަނީ ބަތަކީ ކާނާއެއް ކަމާއި ތައްޓަކީ ކާނާއެއް ނޫންކަން މާކުރިއްސުރެ އެނގޭތީއެވެ. ނަމަވެސް މިކަން ނޭނގޭ މީހަކު ނަމަ މިއިން ސުވާލު އުފައްދާނެއެވެ. ކެއީ ބަތްތޯ ނުވަތަ ތަށިތޯ ސުވާލު ކުރާނެއެވެ. އަދި ތައްޓަކީ ކޮންއެއްޗެއް ކަން ނޭނގޭ މީހަކަށް އެއީ ކާނާއެކޭ ހީވެއްޖެނަމަ މިހާލަތުގައި ވާހަކަ ދެއްކި މީހާ ތަށި ކެއީކަމަށް ބުނުމަށް ޖާގަވެސް އޮންނާނެއެވެ. ދިވެހިންގެ އާންމު ވާހަކަދެއްކުމައި ތައްޓަކީ ކާއެއްޗެކެވެ. ކާމޭޒު، ކާގެ، ކާކޮޓަރި، ބަތްކާ ތަށި ފަދަ ބަސްބަހުން މިމާނަ ވެސް ދޭހަ ވެދާނެއެވެ. ކުރުކޮށް ބުނާނަމަ މިސާލު އިބާރާތުގައި ވާގޮތުން ކެއީ ތަށިކަމަށް ބުނާނެ ޖާގައެއް ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ.


ގާނޫނުއަސާސީ މާނަކުރުމުގައި ވެސް ސިޔާސީ މަސްރަހުން ފެންނަމުން މިދަނީ މިފަދަ ކަންކަމެވެ.


ބައިސްކަލަކުން ބަރަންޏެއް ނުގެންދެވޭ މާނަ:


ހަލަބޮލި ވެފައިވާ ރާއްޖޭގެ ސިޔާސީ މާހައުލުން ގާނޫނުގެ މާނަ ދޭހަކުރަމުން ގެންދާތީ ފެންނަނީ އެމީހަކު ހިތް އެދޭ ގޮތެއްގައެވެ. މިއީ ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއޭ ބުނާ ބުނުމާއި ރުޅިއަންނަ މީހާގައިގައި ގުއިވަސް ދުވާނެއޭ ބުނާ ބުނުމާ އެއްފަދައިން ވާ ދޭހައެއްކަމަށް ގަބޫލުކުރަން ޖެހެއެވެ.  ނަމަވެސް މިގޮތަށް މީހަކު މާ ޖަޒުބާތީވެގެން އޭނާއަށް އެންމެ ފައިދާހުރިގޮތުގައި ކުރާ މާނައަކީ ގާނޫނުގެ މަގުސަދާ ނުގުޅޭނަމަ އެއްވެސް ބުރަދަނެއް ލިބިގެންވާ އެއްޗެއް ނޫނެވެ.


މަގުސަދާ އެއްގޮތްނޫން ގޮތްގޮތަށް މާނަކުރެވޭނޭ ކިތަންމެ ގާނޫނެއް އަދި އެކި ގާނޫނުތަކުގެ ވަކި މާއްދާތައް ވެސް އެބަހުއްޓެވެ. ނަމަވެސް އެތަކެތީން މަގުސަދާ ޚިލާފު މާނަ ގަދަކަމުން ދޭހަކުރަން މިގައުމުގެ އެކަކުވެސް އުޅޭތީއެއް ނުފެނެއެވެ. މީގެ އެއް މިސާލަކީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ގެ 57 ވަނަ މާއްދާގެ (ހ) އެވެ. މި މާއްދާގައި ބުނަނީ "ބައިސްކަލެއްގައި، އެ ބައިސްކަލަކަށްވުރެ ދިގު އެއްޗެއް އުފުލުމަކީ މަނާކަމެކެވެ". ނަމަވެސް ބައިސްކަލަކުން ބަރަންޏެއް ގެންދިއުމަކީ މި މާއްދާގައި ހުރަސް އަޅާކަމެއް ނޫނެވެ. އަދި ބައިސްކަލަކުން ފޫޓުފީތާއެއް ގެންދިއުން ވެސް މި މާއްދާއިން މަނައެއް ނުކުރެއެވެ. ބައިސްކަލެއްގައި ބަރަންޏެއް އުފާލަން އެނގިގެން ޓްރެފިކް ޕޮލިސް އައިސް ހުއްޓުވާނެ ހެނެއް ވެސް ހިއެއް ނުވެއެވެ. އެކަމަކު ވެސް ބަރަންޏަކީ ހަމަކަށަވަރުން ވެސް ބައިސްކަލަކަށް ވުރެ މާދިގު އެއްޗެކޭ ބުނެވިދާނެއެވެ.


ނަސަންޕްދުރާ އެލަސް އޮޓެލް:


މާލޭގެ އިރު އުތުރު ސަރަހައްދުގައި މަޝްހޫރު ހޮޓަލެއް ހުރެއެވެ. އެ ހޮޓަލަށް މީހުން ކިޔަނީ ނަސަންދުރަ ޕެލަސް ހޮޓަލެވެ. އެ ހޮޓަލު މީހުން ވެސް ކިޔަނީއެހެންނެވެ. ނަމަވެސް ހޮޓާ ހުޅުވި ދުވަހުވެސް އަދި މިހާރު ވެސް އެތާގެ ނަން ލިޔެފައި އޮންނަނީ އެ ކިޔާގޮތަކަށް ނޫނެވެ. ނަން ބޯޑުގައި ލިޔެފައި އޮންނަނީ ނަސަންޕްދުރާ އެލަސް ހޮޓެލް އެވެ. ނަމަވެސް ހައިރާންވާ ކަމަކީ ހަމަ އެކަކުވިޔަސް މިކަމާ މައްސަލަ ނުޖައްސާކަމެވެ. އަދި މިނަން ލިޔެފައިވާ ގޮތަށް ނުކިޔާކަމެވެ. އެއީ ނަސަންދުރާ ޕެލަސް ހޮޓެލް ކަމަށް ގަބޫލުކޮށް އެގޮތަށް އެ ނަން ކިޔާކަމެވެ.


މާނައަކީ ކޮބައިހެއްޔެވެ؟ މާނައަކީ އެގޮތަށް މާނަކުރުމުން ތިމާއަށް ގެއްލޭނެ އެއްޗެއް ނެތުމެވެ. ތިމާގެ މަސްލަހަތެއް އޭގައި ނުވުމެވެ. އަދި ނަސަންދުރާ ޕެލަސް ހޮޓެލް ކިޔުމަށް ތިމާ ގަބޫލުވުމެވެ. ދެކޮޅު ހެދައިގެން ހާސިލްކުރާނެ އެއްޗެއް ނެތުމެވެ.


މި މިސާލަށް ބަލާއިރު ތިމާ ވަކިގޮތެއް ގަބޫލު ކުރާނަމަ ލިޔެފައިވާ ގޮތުން ދޭހަވާންވީ މާނަ ނޫން މާނަ ދޭހަވެއެވެ. އަދި މި މާނަ ތިމާ ގަބޫލުކޮށް އެއަށް ރުހިގެން ހުރެއެވެ. ނަމަވެސް ގާނޫނުއަސާސީގައި ބުނާ އެއްޗެއް މާނަކުރާއިރު މި އުސޫލު ހިނގާތީއެއް ނުފެނެއެވެ. ގާނޫނުއަސާސީ ލިޔުނު މަގުސަދަށް ފަހިވާގޮތަށް މާނަކުރާތީއެއް ނުފެނެއެވެ.


ޖީބަށް ފަހިވާ މާނަތައް:


ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރެވޭ މާނަތަކަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނާން އޮތް އެއްކަމެއް ފާހަގަކުރެވެއެވެ. އެއީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި، ރައްޔިތުމީހާގެ ދިރިއުޅުން ލުއިކުރުމަށްޓަކައި، މި ލޮބުވެތި ގައުމުގެ ބާއްޖަވެރިކަމަށްޓަކައި މާނަ އާއި މަފްހޫމް ފަހިވެގެންދާ ގޮތަށް ގާނޫނުއަސާސީ މާނަ ނުކުރާކަމެވެ. މާނަކުރަން ތިބި މީހުންނަށް ނުވަތަ ތަންފީޒު ކުރަން ތިބި މީހުންނަށް އެންމެ ކުޑަމިނުން ބޮނބިކާއްޓެއް ނަމަވެސް ލިބެން އޮތް ކަމަށް ވާނަމަ އެ ލިބޭގޮތަށް މާނަކުރާކަމެވެ. އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދާއިމީ ވުމާއި، ޕްރޮވިންސް ހެދޭނޭ ހަމަ އެއްގޮތެއް ވެސް ނެތުމާއި، ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް މަޖިލީހުގެ މުށުތެރެއަށް ދަމައިގަތުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދޭނޭގޮތާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ހެލިފެލިވުމާއި މިފަދަ ކަންކަމަކީ ބުނެވި ދިޔަ ރޫހުގައި މާނަކުރެވެމުންދާ ކަންކަމެވެ. މިއިން ކޮންމެ މާނައަކީ ކަންކުރާން ތިބި މީހުންގެ ތެރެއިން ކޮންމެވެސް ބައެއްގެ ޖީބަށް ފައިދާކުރާނޭ މާނަތަކެވެ. މިއީ ދީބަށް ފައިދާކުރާނޭ މާނަތަކެއް ނޫނެވެ.


ގައުމު ފާލުން ނެއްޓުން:


ގައުމެއްގެ ކަންކަން ހައްދުތަކުގައި ކޮންޓްރޯލްކޮށް އޭގެ މިންގަނޑުތައް ހިފަހައްޓައި ހަމަމަގުން ކުރިއަށް ގެންދަނީ ގާނޫނުއަސާސީ ކަމަށް ވިޔަސް ގާނޫނުއަސާސީއަށް މި ބާރު ދީގެން ތިބުމަކީ މިގައުމުގެ ބޮޑުންގެ ލަގޮނޑިއަށް ކެތްވާ ވަރުގެ ކަމަކަށެއް ނުފެނެއެވެ. އެމީހުންގެ ބަސްތަކާއި އަމަލުތަކުން އެކަން ތަކުރާރުވަމުން މިހިރަގެން ދަނީއެވެ. އިއްޒަތް އުހުލިގެންވާ ބޮޑުންނާއި ޖީބު ތަނަވަސް ވެގެންވާ މަހުޖަނުންނާއި، ސަނަދު ލިބިގެންވާ އިލްމުވެރިންގެ ފުށުން ވެސް އާންމުކޮށް މިފެންނަނީ މި ރޫހެވެ. ދުނިޔޭގެ ގައުމުތައް މި ބީދައިން ތެޅިފޮޅިގަންނަ ހިނދު އެ ހެލުންތައް ހުއްޓުވައި ހަމަމަގަށް ގެންނަނީ އެ ގައުމުގެ ބާރުގަދަ ގުޑިޝަރީ އިންނެވެ. އެކަމަކު ރާއްޖޭގައި ރައްޔިތުންގެ ޝަކުވާ އެންމެ ގިނައީ ޖުޑިޝަރީއާ މެދުގައެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ދެކޭ ގޮތުގައި އެމީހުން ބޭނުންވާ ގޮތަށް ގާނޫނުގައި އޮންނަ ކޮންމެ މާއްދާ އަކީ ރަމްޒީ މާއްދާތަކެއް ކަމަށް ވެއްޖެ ނަމަ އެއީ އުސޫލުތަކަށްވެ އެންމެ ފަހުން ގޮސް ބޮޑުފަނޑިޔާރާ ވެސް ރަމްޒީ މާއްދާތަކެއް ހޯދައި ރާއްޖޭގެ ގާނޫނާއި ގަވާއިދަކީ އޭގެ ޒާތުގައި ވެސް ރަމްޒަކަށް ހަދައިފި ނަމަ ދެން ވާނެ ގޮތަކާމެދު ވިސްނަނީ ކާކު ހެއްޔެވެ؟


ޝައްކެއް ވެސް ނެތް ގޮތުގައި ދައުލަތް ހިންގުމުގެ ބާރުތަކުގައި އިދިކީލި ރޫހު ވަރަށް ގަދައެވެ. މުޅި ގައުމު މިއޮތީ ގައުމީ ފެންވަރުން ރަށުފެންވަރަށް ވެއްޓިފައެވެ. މިހާރުގެ ކަތީބާއި ނަގައިގަތް ކަތީބުގެ ވާދަވެރިކަން ނޫނީ މި ހިނގާ އެއްވެސް ކަމެއްގައި ހަރުކަމެއް ނެތެވެ.


ހަރުކަމެއް ނެތަސް މިކަންކަމާ ގުޅިގެން ދަތިކަން ކުރިމަތި އެބަވެއެވެ. ދައުލަތެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ ހިނގުން ހުއްޓެނީއެވެ. ރައްޔިތުމީހާ ހަމަ އިހު ހުރި ހާލުގައެވެ. ބޮއި ކަނބުލޮގެ ގޯތި ވެސް ހަމަ އޮތްގޮތަށް އޮތީއެވެ. އާ އުސްމިންތައް ވެސް ހުރީ ހަމަ ޚިޔާލުގައެވެ. ރަން ތިރީސް އަހަރުގެ ރީތިކަން ހިރަފުހާ މޮޑެވި ރަނުން ގިރިޓީކަން ފިލައި އޭގެ ދަށުން ދަގަނޑު ދަބަރު ހިލެނީއެވެ. ގަދަ ތިރީސް އަހަރުގެ ގަދަ މީހުން އެމީހުންގެ ގަދަފަދަކަން ދައްކަނީއެވެ.


 


ދައުލަތް ހިންގުމުގެ އެއްބާރުން އަނެއް ބާރަކަށް އިހުތިރާމެއް ނުކުރެއެވެ. ކިޔަމަނެއް ނުވެއެވެ. އެއްބާރުލުމެއް ނުދެއެވެ. ޖެއްސުން ކުރުމާއި ގަދަކަން ދެއްކުމާއި ބޮޑާވެގަތުމުގެ އިންތިހާ ދަރަޖަ ދައްކަނީއެވެ. ފިސާރި ފާޅުކަންބޮޑުކޮށް ދަތިކޮށް ޖެއްސުންކޮށް ކަންކަމުގެ ކުރިބައްދައި ވަގުތު ނަގާލަނީ އެވެ.


މިބައިމީހުންގެ އަމަލުތައް ހަމަމަގަށް ގެނެސް ގައުމެއް އޮތްކަން ދަނެ، ރައްޔިތުން ތިބިކަން އެނގި މަސައްކަތް ކުރުވޭނޭ ގޮތެއް ހޯދޭނީ ކާކަށް ހެއްޔެވެ؟ ދައުލަތުގެ ބާރުތައް އޭގެ ފާލުން ނެއްޓި މަގުން ކައްސާލައި ގައުމު ބޮއްސުންލައިފި ހިނދެއްގައި އެ ގައުމެއްގެ އަސްކަރީ ބާރުން ވެރިކަމުގެ މައްޗަށް ގަދަވެގަތުމަކީ ވަރަށް ކައިރި ކަމެކެވެ. މިފަދަ ކަމަކުން ދުނިޔެ ދެކެފައިވާ ފައިދާ އަށް ވުރެ ލިބިފައިވާ ގެއްލުން ބޮޑެވެ. ދެން އޮތީ ރައްޔިތުން މަގުމައްޗަށް ނުކުމެ ލެއިން ފެންވަރައިގެން ގެމީހުންގެ ގައުމު ހިންގުމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމެވެ. މި އަދާ ހަމައަށް ވެސް މިހާލުގައި ދެމިގެން މިއައީ އެގޮތް ބޭނުން ނުވާތީއެވެ. ނަމަވެސް އެއީ އެންމެ ފަހުގެ އިޚުތިޔާރު ކަމުގައި ހެދުމާއި ނުހެދުން އޮތީ މިހާރު ބާރުގައި ތިބި ފަރާތްތަކުގެ އަތްމަތީގައެވެ. ދައުލަތް ހިންގުމުގެ ތިންބާރުގެ އަތްމަތީގައެވެ.


ހަމަމަގަށް އެނބުރިއައުން:


ދިވެހި ރައްޔިތުން މުޅި ތާރީޚުގައި ވެސް އުންމީދު ކުރި އެންމެ ބޮޑު ކުރިއެރުމާއި އެންމެ ބޮޑު ތަހުޒީބުގެ ސަބަބު މެދުވެރިކުރުވި ގާނޫނުއަސާސީ ގައުމުގައި ހިނގިޔަ ނުދީ އަތުޖެހުނު ތާކުން އަތަށް އޮޅާލައިގެން މިހެން ތިއްބާ އިންތިގާލީ މަރުހަލާ ނިމި ހިނގައްޖެއެވެ. އެދުވަސް އެނބުރި އައުމެއް ނެތެވެ. އޭގެ މާނައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއޭ ކިޔުނު ދައުލަތް ކަފުނުގައި ލެވި ފަސްތަނުން ބަނދެވުމެއް ނޫނެވެ. އޭގެ މާނައަކީ ދައުލަތް އިދަޖެހިއްޖެކަމެވެ. ބަޔަކު ޣަދަރުވެރި ވެއްޖެކަމެވެ. މާޒީއަށް ބަލާއިރު ކަމާބެހޭ އެންމެން އެއްތަނެއްގައި ތިބެ ވާހަކަ ދައްކައިގެން ހައްލެއް ހޯދިދާނެ ކަމަށް އުންމީދު ކުރެވޭ ވަރުގެ އަޚުލާގެއް އެއްވެސް ބަޔަކުގެ ކިބައިން އަދިއެއް ނުފެނެއެވެ. މިގައުމުގެ ބޮޑުން މިތިބީ ނަސޭހަތުން އަރާފައެވެ. އެމީހުންނާ މެދު އުންމީދެއް ނެތެވެ. އެމީހުންގެ މައްޗަށް ގަދަވެގަނެވޭ ބާރެއް ރައްޔިތުންނަކަށް ހަގީގަތުގައި އަދިވެސް ލިބިފައެއް ނެތެވެ. އެހެންކަމުން މިގައުމުގެ ކަންކަމާ ހަވާލުވެ ތިބި މީހުންގެ މައްޗަށް ހައްގުކަން ބޮޑުވެގެން ވަނީ މި ދައުލަތް ބޮއްސްން ލައްވާލީ ތިމާމެން ކަމަށް ހިތުން ގަބޫލުކޮށް ހަމަމަގަށް އެނބުރި އައުމެވެ. ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމުގެ ރޫހުގައި މަސައްކަތް ކުރުމެވެ. އަމިއްލައަށް އެގޮތް ނަހަދައިފި ނަމަ، ރައްޔިތުންނަށް އޮތީ އެމީހުންނަށް ހޯދޭނޭ އެހެންގޮތަކާއިގެން ނިކުތުމެވެ. އެހެންކަމުން ރައްޔިތުން މަގުމައްޗަށް ނުނެރެ ރައްޔިތުންގެ ވަކީލުން އަމިއްލައަށް އިސްނަގައި ހަމަމަގަށް އެނބުރި އައިސް ރައްޔިތުންގެ ކަންކަން އެންމެ އެދެވޭ ރޫހުގައި ކޮށްދިނުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތެވެ. ހަގީގަތުގައި ވަޠަން އެދޭ ގޮތަކީ މިއީ އެވެ. ގާނޫނުއަސާސީ އަކީ ގައުމަށް ޖެހުނު މުސީބާތަކަށް ނުހަދަމާތޯއެވެ؟ އެއީ ރައްޔިތުން ބޯންޖެހޭ ހިތި ބޭހަކަށް ނުހަދަމާތޯއެވެ؟ ގާނޫނުއަސާސީ އަކީ ގައުމުގެ އިންސާނީ ކަރާމާތް ނަގަހައްޓައިދޭ ތަހުޒީބުގެ އެންމެ އުސް ކުރިބޯށިތަކާ ހަމައަށް ގައުމު ގެންގޮސްދޭ މައި ވަސީލަތްކަމުގައި ހަދަމާތޯއެވެ؟


ނޯޓް: މިއީ ސަންގެ ތިން ވަނަ އަދަދުން ނަގާފައިވާ އާޓިކަލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް