ފުޅާ ދަނޑުވެރިކަމެއް ކުރަން ރާއްޖެއަށް އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށް އެގްރިކަލްޗަރު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ދަނޑުވެރިން ދުވަހާ ގުޅިގެން މިނިސްޓަރު މިއަދު ވަނީ ހިތާބެއް ދެއްވާފަ އެވެ. ވިދާޅުވީ ދަނޑުވެރިކަން އިތުރު ހަރުފަތްތަކަށް ގެންދަން ރާއްޖެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ރިސޯޓް މާކެޓަށާއި ލޯކަލް މާރުކޭޓްތަކަށް ބޭނުންވާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ތާޒާކަން މަތީ ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ރަނގަޅަށް މާކެޓް ކުރުމުގެ އިތުރުން އިތުރުން ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރެވޭނެ އިންވެސްޓްމަންތްތަކެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.
"މިިކަންކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފެއްދުމާއި ވެލިއު ޗެއިން ކުންފުނިތައް ގާއިމް ކުރުމުގެ މަސައްކަތްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށަން ހަމަޖެހިފައިވާ ހައިޑްރޮފޯނިކްސްގެ މަޝްރޫއުތައް ފާހަގަކުރެވޭ،" ޝަފީއު ވިދާޅުވި އެވެ.
ރާއްޖެއަކީ ކާބޯތަކެތީގެ ފުދުން ތެރިކަމާއި އިގްތިސޯދީ ތަނަވަސްކަން ލިބިފައިވާ ގައުމަކަށް ހަދަން ބެރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހެއްދޭނެ ތަރުކާރީއާއި މޭވާ އާއި އުފެއްދޭނެ އެއްގަމު މަހާއި ބިސް އުފައްދަން މަގު ފަހު ކޮށްދިނުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ މުހިންމު އެއް އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެއަށް އިމްޕޯޓް ކުރާ ތަރުކާރީއާ އެއްގަމު މަހުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގެ މާހައުލުގައި އުފެއްދިދާނެ ތަކެތި އުފެއްދޭނެ މަގު ފަހިކޮށް ދެވެން އެބަޖެހޭ. އަދި ދަނޑުވެރިން އުފައްދާ ބާވަތްތަކަށް ރަނގަޅު އަގު ލިބޭނެ މަގު ތަނަސްވަސް ކޮށްދީ ދަނޑުވެރިކަމުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ދަނޑުވެރިކަމަކީ ރަށުގައި ތިބެ، ރަނގަޅު އާމްދަނީ ހޯދޭ މަސައްކަތެއް ނަމަވެސް އިގްތިސޯދީ އެހެން ދާއިރާތައް ފަދައިން ދަނޑުވެރިކަމުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިކޮށްފައިވާ ވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ އަތްމައްޗަށް ދަނޑުވެރިކަން ދޫވުމުން ދަޑުވެރިކަމުގެ ފުރިހަމަ ނަފާ ނުލިބޭ ކަމަށެވެ. ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ތަމްރީނު ދިނުމުގެ ގޮތުން މިއަހަރުގެ މިހަތަނަށް 1100 އަށް ވުރެ ގިނަ ދަނޑުވެރިންނަށް ތަމްރީނު ދީފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
އޯސްްޓް މަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ނަމަވެސް ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރާ ދިމާވުމުން ދުވަހުގެ ރަސްމީ ހަރަކާތްތައް ށ. ފުނަދޫގައި ބާއްވަން ހަމައްޖަސާފައި ވަނީ އަން ސެޕްޓެމްބަރު މަހުގެ ،26 27 ގަ އެވެ. ދަނޑުވެރި ކަމަކީ ރާއްޖޭގެ ފަސް ވަނަ އިންޑަސްޓްރީ އެވެ. ރާއްޖޭގެ ޖީޑީޕީގައި 1.8 ޕަސެންޓަށް ދަނޑުވެރިކަން ހިއްސާކުރެ އެވެ.