އެމްޑީޕީން ފުލުހުންނާ ސިފައިންނަށް ދެރައެއް ނުދޭނެ: ރައީސް ނަޝީދު

ސިފައިންނާ ފުލުހުންނަށް އެމްޑީޕީން ދެރައެއް ނުދޭނޭ ކަމަށާއި، ނަމަވެސް "ބާޣީ" ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު އެޅެން ޖެހޭނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ވެބްސައިޓް މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ ސިފައިންނާ ފުލުހުންގެ ތެރެއިން "ބަޣާވާތު" ގައި ބައިވެރިވި ފަރާތްތައް ޔުނީފޯމުގައި ހިންގާފައިވަނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ފެބްރުއަރީ 7 ވަނަ ދުވަހުގެ ފޮޓޯތަކާއި، ވީޑިއޯތަކުން ދިވެހި ދައުލަތާއި، ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރާއި ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގާފައިވާ އަމަލުތަކުގެ ހެކިތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށާއި އެފަދަ ނާތަހުޒީބު އަމަލެއް ހިންގި ފަރާތްތަކާއި މެދު ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ ދައުލަތަށް އިއާދަނުކުރެވޭނެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ރައީސް ނަޝީދާ ހަވާލާ ދެއްވައި ވެބްސައިޓްގައި ވެއެވެ.

އަދި ބުނެފައި ވަނީ އެކަމަކީ ރާއްޖޭގައި ޒަމާނުއްސުރެ އަށަގެންފައިވާ "ބަޣާވާތު" ން ވެރިކަން ބަދަލުކުރުމުގެ ސަގާފަތް އަލުން ދިރުވުމަށް ދެވޭ ހިއްވަރެއް ކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނާ ކަމަށެވެ.

ސިފައިންނާ ފުލުހުންގެ ތެރެއިން "ބަޣާވާތު" ގައި ބައިވެރިވެ ދެ މުއައްސަސާގެ އަގު ވައްޓާލާފައިވަނީ މަދު ބައެއް ކަން އެމްޑީޕީން ފާހަގަ ކުރާ ކަމަށާއި "ބަޣާވާތު"ގެ ސަރުކާރުން ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވާ "އެތައް ހާސް" ސިފައިންނާއި، ފުލުހުން ތިބިކަން އެމްޑީޕީން ފާހަގަކުރާ ކަމަށް ވެސް ރައީސް ނަޝީދާ ހަވާލާދީ ވެބްސައިޓްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު