ގެއްލިގެން ހޯދާ ކުދިން ފެނުމުން ފޮޓޯ އާންމު ނުކުރަން އެދެފި

ގެއްލިގެން ހޯދާ ކުޑަކުންދިން ފެނުމަށްފަހު އެ ކުދިންގެ ފޮޓޯ މީޑީއާގައި އާންމު ނުކުރުމަށް މީޑިއާ ކައުންސިލް (އެމްއެމްސީ) އެދިއްޖެ އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލިގެން އިއްޔެ ހޯދަމުންދިޔަ ކުޑަކުއްޖެއްގެ ފޮޓޯ މީޑިއާގައި ހާމަކޮށްފައި ވަނީ އެ ކުއްޖާ ފެނުނު ފަހުން ކަމަށެވެ. އަދި އެއީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި އަދި ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިންއާ ހިލާފު ކަމެއް ކަމަށެވެ.

"ކުއްޖަކު ގެއްލިގެން ހޯދަމުންދަނިކޮށް ނުފެނިގެން ކުއްޖާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކާ އެނިޔަތުގަ ފޮޓޯ އާންމު ކުރިނަމަވެސް ކުއްޖާ ފެނުނު ފަހުން ފޮޓޯ އާންމު ކުރުމަކީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ހަބަރާ މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާ، ހިލާފް ކަމެއްކަމުގައި ދެންނެވީމެވެ،" މީޑިއާ ކައުންސިލްގެ ނޫސް ބަޔާނުގައިވެ އެވެ.

މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައި ވަނީ ކުޑަކުންދިންނާ ގުޅޭ ހަބަރާ މައުލޫމާތު ގެނެސް ދިނުމުގައި އެކަމަށްޓަކާ އެކުލަވާލާފައިވާ މިންގަނޑުތަކާއި ގައިޑްލައިންތަކުގެ އިމުގައި ނޫސްވެރިންނާއި ނޫސް އިދާރާތައް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު