މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގާއިމްކުރި އޮޅުހިޔާއަށް އިތުރު 28 ބުޅާ ނަގާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އޮޅުހިޔާއަށް ބުޅާތައް ނުގެންދެވުމުގެ ސަބަބުން މީހުންނަށް އުނދަގޫވެ، ބައެއް ފަރާތްތަކުން، އެ ސޮރުމެންނަށް ގޯނާކުރާކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށް އެ ވުޒާރާއިން އިއްޔެވަނީ ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި ވަނީ އިތުރު ބުޅާތައް އޮޅުހިޔާއަށް ލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ އިއްޔެގެ ނިޔަލަށް 28 ބުޅާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާކަމަށެވެ. މިވަގުތު އެ ބުޅާތައް ތިބީ އޮޅުހިޔާގެ ކަރަންޓީން ރޫމްގެ ކޭޖު ތަކުގައެވެ.

އޮޅު ހިޔާގައި އުޅޭ ބުޅަލެއް: އިތުރު 25 ބުޅާ ވަނީ ނަގާފަ ---- ފޮޓޯ/ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ
މިނިސްޓްރީން ބުނީ، އޮޅުހިޔާގައި ބުޅާ ކަރަންޓީނު ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު މިހާރު ފުރިފައި ވާކަމަށެވެ. އެހެންކަމުން އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންދެވޭނީ ކަރަންޓީން ރޫމްގައި އިތުރު ކޭޖްތަކެއް ހަދައިގެންކަމަށާއި، އެމަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިއްޔެ ނަގާފައިވަނީ 28 ބުޅާ، އެއީ މިވަގުތު ކަރަންޓީން ރޫމްގައި ޖާގަ ހުރި މިންވަރު، އިތުރު ބުޅާތައް ނެގޭނީ އިތިރު ކޭޖްތަކެއް ހަދައިގެން. އެމަސައްކަތް މިހާރު ކުރަމުން މިދަނީ
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ އިތުރަށް ނެގި 28 ބުޅަލުގެ ތެރެއިން ގިނަ ބުޅާތަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ތަފާތު ބަލިތައް ވެސް ބައެއް ބުޅާތަކުގެ ކިބައިގައި ހުރިކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
އޮޅުހިޔާ ފެސިލިޓީއާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހަވާލުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހެވެ.

މަގުމަތީގައި ބުޅަލެއް --- ސަންފޮޓޯ/ ފަޔާޒު މޫސާ
އެ ދުވަހު 15 ބުޅާ ފެސިލިޓީއަށް ވައްދާފައިވެއެވެ. އޭގެ ފަހުން ވެސް ފެސިލިޓީއަށް ބުޅާ ނުގެންދެވި ގިނަ ދުވަސްތަކެއް ފާއިތުވާން ފެށުމުން އާންމުންގެ ކަންބޮޑުވުން އިތުރުވެ، ވުޒާރާއާ މެދު ފާޑުކިއުންތައް އިތުރުވިއެވެ. އޭގެ ފަހުން އޭޕްރީލް މަހު އިތުރު 30 ބުޅާ ވަނީ ފެސިލިޓީއަށް ގެންގޮސްފައެވެ.
މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ، އާންމު އުނދަގުލަކަށް ވެފައި ވުމުން އޮޅުހިޔާ ފެސިލިޓީން ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެހެންނަމަވެސް މި އަދާ ހަމައަށް ވެސް ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އެކަން ކުރެވިފައި ނުވާތީ، އާންމުންގެ ފާޑުކިއުން މި ސަރުކާރަށާއި ވުޒާރާއަށް އަންނަނީ ކުރަމުންނެވެ.