ރިޔާސީ އިންތިހާބު ކާމިޔުާބު ކުރަން ޖުމްހޫރީ ޕާޓީ ނުކުމެ އޮތީ ފިސާރި އަޒުމެއްގައި: ގާސިމް

އަންނަ ރިޔާސީ އިންތިހާބު ކާމިޔުާބު ކުރަން ޖުމްހޫރީ ޕާޓީ ނުކުމެ އޮތީ "ފިސާރަ ވަރުގަދަ އަޒުމެއްގައި" ކަމަށާއި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ވެސްޓް ޕާކްގައި ބޭއްވި ހަފުލާއެއްގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ "ފިސާރަ ވަރުގަދަ އަޒުމެއްގައި" ކަމަށެވެ. އޭނާ އަދި ވިދާޅުވި އެވެ: "ޖުމްހޫރީ ޕާޓީން މިކުރާ ދަތުރުގައި ސާބިތުވެ ތިއްބެވިއްޔާ ގައުމަށް އުފާވެރި ހިނތުންވުންތަކެއް ގެނެސްދޭނަން. ފިސާރަ ވަރުގަދަ އަޒުމެއްގައި ނުކުމެ 2013 އަޅުގަނޑުމެން ކާމިޔާބު ކުރާނަން،"

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އެ ޕާޓީގެ ވެރިކަމުގައި، ރާއްޖެ މިހާރު ވެއްޓިފައި އިގުތިސާދީ ފުން އަނދަވަޅުން ރާއްޖެ ނަގައި ސަލާމާތް ކުރާނެ ކަމަށެވެ.

"ގައުމު ވެއްޓިފައިވާ އިގުތިސޯދީ ފުން އަނދަވަޅުން ނަގާ ސަލާމަތުގެ ބަނދަރަކަށް ގެންގޮސް ދޭނަން،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީއަކީ ކާމިޔާބު ޕާޓީއެއް ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ހޯދިފައި ވަނީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ގެންދަވަނީ ދިވެހި ރައްޔިތުންނާ ދެކޮޅަށް "ބަޣާވާތް" ކުރައްވަމުން ކަމަށާއި ނަޝީދުގެ "ބަޢާވާތާ" ދެކޮޅަށް އިސްލާމް ދީނުގެ ހައްގުގައި ޖިހާދެއް ކުރަން ޖެހިފައި ކަމަށެވެ.

"ދައުލަތާއި ރައްޔިތުންނާއި ދެކޮޅަށް ނަޝީދާއި އެނާގެ ބައިވެރިކުރާ ބަޣާވާތް ކުރަމުންދަނީ. އެހެން ކަމުން މިއަދު މިވަނީ ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމިއްޔަތާއި ދިވެހިންގެ އާދަކާދަތަކާއި ދިވެހިންގެ އިސްތިގުލާލަށްޓަކައި ﷲގެ މަގުގައި ހައްގު ޖިހާދެއް ކުރަން ޖެހިފައި،" ގާސިމް ވިދާޅުވި އެވެ.

މިރޭ ބޭއްވި ހަފުލާގައި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުން ގަބޫލު ކުރާ އެންމެ ކާމިޔާބު ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށާއި ފަހަކަށް އައިސް ބައި އިލެކްޝަންސްތަކުގައި އެ ޕާޓީން ކާމިޔާބުތައް ހޯދުމަކީ އޭގެ ހެއްކެއް ކަމަށެވެ.

އަހަރީ ދުވަސް ފާހަގަ ކުރަން މަދު ބަޔަކު ބައިވެރިވި ހަފުލާގައި އަހަރީ ކޭކެއް ވެސް ފެޅި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު