ޕީއެސްޖީއާއެކު ސެމީ ފައިނަލުގައި ވާދަކުރާނީ ރެއާލް މެޑްރިޑް

ޑޯޓްމަންޑް ބަލިކޮށް ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް --

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރިމެޗު ކާމިޔާބުކޮށް ރެއާލުން މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި 76،611 ބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ.

ރެއާލުންވަނީ މެޗުގެ 10ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާދާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޮންޒާލޯ ގާސިއާއެވެ. މިލަނޑު ޖެހިތާ 10 މިނެޓް ފަހުން ފްރާން ގާސިއާވަނީ ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މެކްސިމިލިއަން ބައިއާ ޑޯޓްމުންޑަށް ކާމިޔާބު ކޮށްދި ލަނޑުން މެޗުގެ ފޯރި ގަދަވެގެންދިޔައެވެ. މިއާއެކު މެޗުގެ ފަހު ވަގުތުކޮޅުގައި ޑޯޓްމުންޑުން އިތުރު ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ.

ނަމަވެސް އަނެއްކާ ވެސް ދެން ފެނުނީ ރެއާލުން ލަނޑެއް ޖަހާ އެޓީމުން ދެ ލަނޑުގެ ލީޑެއް ނެގިތަނެވެ. މިލަނޑު އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. މިމެޗުގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާހޫ ގުރާސީއެވެ.

މިޕެނަލްޓީ ޑޯޓްމުންޑަށް ލިބުމުގައި ފައުލް ކުރި ޑީން ހުއިސެންއަށް ރެފްރީ ރަތް ކާޑު ދެއްކުމާއެކު ރެއާލުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިކާމިޔާބީ އާއެކު ރެއާލުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީ ފައިނަލްގައި މިއަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު