ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ދެސެޓުން ސަބަލަންކާއަށް ކާމިޔާބު ކުރެވުނު ނަމަވެސް މިއީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އޭނާއަށް ކުރިމަތިވި އެންމެ އުނދަގޫ މެޗެވެ.
މިމެޗުގެ ފުރަތަމަ ސެޓު ވަރަށް އެއްވަރުކޮށް ކުޅެމުންގޮސް ދިހަވަނަ ގޭމްގައި ސަބަލެންކާއަށް ސެޓަށް ސާވް ކުރަން ލިބުނު ނަމަވެސް ސެޓު ނިމުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. ޓައި ބްރޭކްގައި ވެސް ވަރަށް އެއްވަރުކޮށް ދެ ކުޅުންތެރިން ކުޅެމުން ގޮސް ސަބަލަންކާއަށް ކުރި ލިބުނީ އަށެއް ހަޔަކުންނެވެ.
ދެވަނަ ސެޓުގެ ކުރީކޮޅު ރަޑުކާނޫއިން ސަބަލެންކާގެ ސާވް ބްރޭކްކޮށް އެކެއް ހަތަރެއްގެ ލީޑެއް ނެގި ނަމަވެސް އޭނާއަށް އެގޮތުގައި ދެމެހެއްޓޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ސަބަލެންކާ ފަހަތުން އަރާ ހައެއް ހަތަރަކުން ސެޓު ކާމިޔާބު ކުރުމެވެ.
މިކާމިޔާބީ އާއެކު މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ ސައުވީސްވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން މާޓެންސް ޖާގަހޯދީ ސާދަވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާއާ ބައްދަލުކުރިމެޗު ހައެއް އެކެއް އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސް އާއި ޖަރުމަނުވިލާތުގެ ލައުރާ ސިގެމުންޑް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ސިގެމުންޑްއެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ.
މީގެއިތުރުން ތޭރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އެމެންޑާ އަނިސިމޯވާ އާއި ހަންގޭރީގެ ޑަލްމާ ގަލްފީ ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން އެމެންޑާ ކާމިޔާބު ކޮށްފައިވާއިރު އާޖެންޓީނާގެ ސޮލާނާ ސިއޭރާ އާއި ސްޕެއިންގެ ކްރިސްޓީނާ ބުކްސާ ބައްދަލުކުރިމެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ސޮލާނާއެވެ.