ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްއިން އަލްކަރާޒް ހަތަރުވަނަ ބުރަށް

ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން ސްޕެއިންގެ އަލްކަރާޒް ޖާގަހޯދީ ތިންވަނަ ބުރުގައި ޖަރުމަނުވިލާތުގެ ޔާން ލެނާޑް ސްޓްރުފްއާ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުން ދެއްކެމުން ނުދިޔަ ނަމަވެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވިމްބަލްޑަންގެ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ އަލްކަރާޒް މިމެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް އެކަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ސްޓްރުފް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ތިން ހަޔަކުން އެސެޓު ކާމިޔާބު ކޮށްފައެވެ.

މިމެޗުގެ ފަހު ދެސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗުގެ ސެޓުތައް މާ ވާދަވެރި ކަމަށް ނުފެނުނު ނަމަވެސް އަލްކަރާޒް ވަރަށް ހާސްކަމުގެ ތެރެއަށް ވެއްޓުނު ވަގުތުތައް ވެސް މިމެޗުގައި ފެނުނެވެ.

މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރާނީ ސާދަވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ރުބްލޭވް ޖާގަހޯދީ ތިންވަނަ ބުރުގައި ފަރަންސޭސިވިލާތުގެ އެޑްރިއަން މަނަރީނޯއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހަތެއް ފަހެއް، ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފަސް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް އާއި ސައްބީސްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލެހަންޑްރޯ ޑޭވިޑޮވިޗް ފޮކިނާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް ފްރިޓްޒްވެސް ވަނީ ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިމެޗުގެ ސެޓުތައް ގޮސްފައިވަނީ ހައެއް ހަތަރެއް، ހައެއް ތިނެއް، ޓައި ބްރޭކަކަށްފަހު ފަހެއް ހަތެއް އަދި ހައެއް އެކަކުންނެވެ. ހަތަރުވަނަ ބުރުގައި ފްރިޓްޒް ބައްދަލުކުރާނީ އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަން އާއެވެ.

މީގެއިތުރުން އިނގިރޭސިވިލާތުގެ ކެމަރޮން ނޯރީ އާއި އިޓަލީވިލާތުގެ މަޓިއާ ބެލޫޗީ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ނޯރީ ކާމިޔާބުކުރިއިރު ސަތާރަވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ކަރެން ހަޗަނޯވް އާއި ޕޯޗުގަލްގެ ނޫނޯ ބޯގެސް ބައްދަލުކުރި މެޗު ތިން ސެޓު ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ހަޗަނޯވްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު