ތްރެޑްސްގެ ޑައިރެކްޓް މެސެޖް ފީޗާ ގިނަބަޔަކަށް ކަމަކުނުދާތީ، ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
އިންސްޓަގްރާމްގެ "ތްރެޑްސް"އިން އެ ޕްލެޓްފޯމަށް އެންމެ ގިނަ ބަޔަކު އެދެމުން އައި ކަމަށް ބުނާ ޑައިރެކްޓް މެސެޖް (ޑީއެމް)ގެ ޚިދުމަތް ތައާރަފުކޮށްފައި ވަނީ މި ހަފުތާގެ ކުރީކޮޅުއެވެ. ނަމަވެސް، މި އާ ފީޗާއާ ގުޅިގެން ގިނަ ޔޫޒަރުންގެ، ޚާއްސަކޮށް އަންހެނުންގެ ވަރުގަދަ ނުރުހުމާއި ފާޑުކިޔުންތައް މެޓާ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ.
ގިނަ މީހުން ދަނީ އޮންލައިންކޮށް ކުރިމަތިވާ ހަނގާކުރުމުގެ ބިރުވެރިކަމަށް އިޝާރާތްކޮށް، މި ޚިދުމަތް އެއްކޮށް ބަންދުކޮށްލެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ބުނަމުންނެވެ.
އެކްސް ( ކުރީގެ ޓްވިޓަރ)، ބްލޫސްކައި، އަދި މެސްޓޮޑޮން ފަދަ ޕްލެޓްފޯމްތަކުގައި ޑީއެމްގެ ޚިދުމަތް ލިބެން ހުއްޓަސް، ތްރެޑްސްގައި މި ފީޗާ ނެތުމުން ބައެއް މީހުންނަށް އެގޮތް ވަރަށް ކަމުދިޔައެވެ.
"އަހަރެން ޑީއެމް ބޭނުމެއް ނޫން. މިއީ ކިހިނެއް ހުއްޓުވާނެ އެއްޗެއް؟ މިއީ ހުރިހާ އަންހެނުންގެ ނަމުގައި އަހަރެން ކުރާ ސުވާލެއް،" ތްރެޑްސް ބޭނުންކުރާ މީހަކު ޕޯސްޓްކޮށްފައިވެއެވެ.
"މިއީ އޮންލައިންކޮށް އަންހެނުންނަށް ހަނގާކުރުމަށް އިތުރުވި އާ މަގެއް،" އެހެން މީހަކު ބުންޏެވެ.
މި ފީޗާ ތައާރަފުކުރިކަން އިންސްޓަގްރާމްގެ ހެޑް، އެޑަމް މޮސެރީ، ތްރެޑްސްގައި އިއުލާން ކުރުމުން އެތައް ސަތޭކަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނެފައިވަނީ އެމީހުން ޑީއެމް ބޭނުން ނުވާ ކަމަށާއި "މިކަމަށް އެއްވެސް މީހަކު ނޭދޭ" ކަމަށެވެ.
މި ޚިދުމަތް ބަންދުކުރެވޭނެ ގޮތެއް އެބައޮތްތޯ ގިނަ މީހުން ސުވާލުކޮށްފައި ވާއިރު، އަދި އެފަދަ އިޚްތިޔާރެއް އެ ޕްލެޓްފޯމުގައި ލިބިފައެއް ނުވެއެވެ.
ހަނގާކުރުމުގެ ކަންބޮޑުވުމުގެ އިތުރުން، ބޮޓްތަކާއި ސްޕޭމް މެސެޖްތަކުން އިންބޮކްސް ފުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކުރެއެވެ.
ޔޫޒަރުން މިފަދަ ޝަކުވާތަކެއް ކުރިނަމަވެސް މިހާރު މި ސިސްޓަމް އޮތް ގޮތުން، އެހެން މީހަކަށް ތިބާއަށް ޑީއެމް ކުރެވޭނީ އެމީހަކު ތިބާ ފޮލޯކުރާނަމައެވެ. އެމީހެއްގެ ފަރާތުން އުނދަގުލެއް ވެއްޖެނަމަ، އެމީހާ އަންފޮލޯ ކޮށްލުމުން، ތިބާގެ އިންބޮކްސްއަށް މެސެޖް ކުރުމުގެ ފުރުސަތު އެމީހާއަށް ގެއްލޭނެއެވެ. މުޅިން އެކަހެރިކޮށްލަން ބޭނުންނަމަ، އެމީހާ ބްލޮކް ކުރުމުގެ އިޚްތިޔާރު ވެސް އޮވެއެވެ.
މި ފީޗާއާ މެދު ނުރުހުން ފާޅުކުރާ މީހުންގެ އަޑު ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، ޝަކުވާކުރާ މީހުންގެ ވާހަކައިގައި ހަގީގަތެއް އެބައޮތެވެ. ޕްލެޓްފޯމެއްގެ ސަގާފަތެއް ބައްޓަންވެފައި ވަނިކޮށް އާ ފީޗާތަކެއް ތައާރަފުކުރުމުން، ޔޫޒަރުންނަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި ޚިދުމަތް ބަންދުކުރުން ފަދަ ކޮންޓްރޯލެއް ނެތުމުން، ޔޫޒަރުންނަށް ނިކަމެތިކަމުގެ އިހުސާސް ކުރެވެއެވެ.
މެޓާއިން ގަބޫލުކުރީ، ޑީއެމް ކުރުން ފޮލޯކުރާ މީހުންނަށް ޚާއްސަކުރުމުން، ޔޫޒަރުންނަށް އެމީހުންގެ އިންބޮކްސްއަށް ވަދެވޭނެ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ނޭނގުނު ކަމަކީ، ތްރެޑްސް ފަދަ އާންމު ޕްލެޓްފޯމެއްގައި، ޔޫޒަރުން އެމީހުންގެ ޚިޔާލާއި ޕޯސްޓްތައް ކިޔަން ބޭނުންވާ ބީރައްޓެހިން ވެސް ފޮލޯކުރާ ކަމެވެ. ނަމަވެސް އެއީ އެމީހުންނާ އަމިއްލަ ގޮތުން ވާހަކަ ދައްކައި، ގާތް ގުޅުމެއް ބާއްވަން ބޭނުންވެގެންނެއް ނޫނެވެ.
ތްރެޑްސް އަކީ މެޓާ (ފޭސްބުކް، އިންސްޓަގްރާމް، އަދި ވަޓްސްއެޕްގެ ވެރިފަރާތް)އިން، އެކްސް (ކުރީގެ ޓްވިޓާ)އާ ވާދަކުރުމަށް 2023ވަނަ އަހަރުގެ ޖުލައި މަހު ތައާރަފްކުރި ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.
އިންސްޓަގްރާމާ ސީދާ ގުޅުވާލެވިފައި އޮތުމުގެ ސަބަބުން، ތްރެޑްސް ވަނީ ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި 100 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ހޯދައި، ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. ނަމަވެސް، ފުރަތަމަ މި ޕްލެޓްފޯމް ނެރުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހޭޝްޓެގް، ފޮލޯކުރާ މީހުންގެ ޕޯސްޓްތައް އެކަނި ފެންނަ ފީޑެއް، އަދި ޑައިރެކްޓް މެސެޖް (ޑީއެމް) ފަދަ އެހެން ޕްލެޓްފޯމްތަކުގެ އަސާސީ ގިނަ ފީޗާތަކެއް އޭރު ތްރެޑްސްއަކު ނުހިމެނެއެވެ.