"ރުއިމަކީ މައްސަލައެއްނޫނެވެ. ހިތާމަކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައެއްނެތެވެ. މޮޅިވެރިވާ ކޮންމެ ފަހަރަކު ކަރުނަތައް އޮއްސާލުމުން ސިކުނޑިއަށް ލިބިފައިވާ ވާންކަން ކަނޑުވައިލެވޭނެއެވެ."
***
"އިފް ހާރ ހޭންޑްސް ފޮގެޓް ހައު ޓު ހޯލްޑް.
ދެން ހޯލްޑް ހަ ވިތް ޔޯ ދުއާ
އިފް ހާ އައިސް ފޮގެޓް ޔޯ ފޭސް
ދެން ރިމެމްބާ ހާރް އިން ޔޯ ސުޖޫދު
އެންޑް އިފް ހާ ވޯޑްސް ފޭޑް އިންޓު ސައިލެންސް
ފިލް ދަ ސައިލެންސް ވިތް ލަވް
ބިކޯޒް ﷲ ހިއާސް
އީވެން ވަޓް ދަ ހާޓް ޑަޒް ނޮޓް ސޭ"
ވަރަށް ހިތާއި ކުޅެލި ޅެމެކެވެ. މިރިއަމްއަށް އެ ފޮތް ފާހަގަ މޭގައި ޖައްސާލައިގެން އިނދެވުނެވެ. އޭނަ މި ފިހާރައަށް އައީ އޭނަގެ އަމިއްލަ ނަފުސަށްޓަކައެއްނޫނެވެ. އެކަމަކު މިތަނުން މިދަނީ އޭނައަށް ނޭގިނަމަވެސް އޭނައަށް ބޭނުންތެރި އެއްޗެއް ހިފައިގެންނެވެ.
***
މިރިއަމް ޗެކިން ކައުންޓަރކައިރީގައި ކިއޫގައި ހުއްޓިލައިގެން ހުރިއިރު ކުޑަ ސޫޓްކޭސް އޭނަގެ އެއްފަރާތުގައި އަރިއަކަށް ކަހަލަގޮތަކަށް އޮތެވެ. ޕާސްޕޯޓުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އޭނަގެ ކުޑަހުޅުތައްވެސް ވީ ހުދުވެފައެވެ. އަރަބި އިނގިރޭސި އަދި ފްރެންޗުން އެކަކު އަނެކަކާއި މުޚާތަބުކުރާއަޑު އެތަނުގައި ގުގުމާލާފައިވިއެވެ. މަތިމައްޗަށް ޝަހަރުތައް އިމާރާތްކޮށްފައިވާ ތަނެކޭ ގާހިރާ ތަފާތެއްނެތެވެ. އޭނަ އަނބުރާ ރާއްޖެ އަންނަ ޚަބަރު އަދި އެއްވެސް މީހެއްގެ ގާތު ނުބުނެއެވެ. ސަޔާރާއަށްވެސް ނޭގޭނެއެވެ. އަދި އޭނަ ގާތުގައިވެސް ނުބުނެވެއެވެ.
އޭނަގެ ހިތަށް ނުކުޅަދަނާވަވާރަށް ބުރަވެފައިވިއެވެ. ކުއްލި ނިންމުންތަކުންނެވެ. ޚާއްސަކޮށް އޭނަ އައުމުގައި ލަސްވެވުނީތީ އިތުރަށް ކުށްވެރި ކުރެވުނެވެ.
މަންމަގެ ގާތުގައި އޭނަ ހުންނަން ވަރަށް މުހިއްމެވެ. މަންމަވަނީ އޭނައަށް ބޭނުންވެފަައެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ މަންމައަށެވެ.
ޗެކިން ނިންމާލާފައި ބޯޑިން ގޭޓާއި ދިމާލަށް ދަމުން އޭނަ ކުޑައިރުކޮޅަކަށް ބިއްލޫރި ދޮރެއްގެ ކައިރީގައި މަޑުކޮށްލިއެވެ. އިރުގެ އަލިކަން ދޮރުން އެތެރެއަށް ފުރާނާލާފައިވީ ދިޔާ ރަންފަދައިންނެވެ. ކުދި ހިރަފުސް އެތިކޮޅުތަކަށްވެސް އަލި އަޅުވާލަމުންނެވެ. ހިރަފުސްކޮޅުތައް ނަށައިލަމުން ގެއްލެމުން ދިޔައެވެ. މެންދުރުގެ ގަދަ ހޫނުގައި މަތިންދާބޯޓު ޕާކުކޮށްފައިވާ ސަރަހައްދުވެސް ވިދައެވެ. މާސިންގާ ބޯޓުތައް ދިގު ދަތުރަކަށްފަހު އަރާމުކޮށްލުމުގައި ހޭދަކޮށްލަނީއެވެ.
މިރިއަމް ގޭޓް ހޯދާލާފައި އެދިމާލުން ބޭރުގައި ހުރި ގޮނޑިއެއްގައި އިށީދެލީ ހޫނު ފެންފުޅިއެއްގައި ދެއަތްތިލަ ވަށާލަމުންނެވެ. އޭނަގެ ފައިކައިރީގައި ތަންކޮޅެއް ބާ މަޑު ދަބަހެއް ހުއްޓެވެ. އެދަބަހުގެ ކުރީބައި ޒިބު މުޅިން ނާޅުވާ ހުރުމުން ފެހިކުލައިގެ ލެދާ ފޮތެއްގެ ކަން ފެންނާން ހުރުމުން އޭނައަށް މަޑުމަޑުން ފޮތުގެ އަރިމަތީގައި އަތް ބީއްސައިލެވުނެވެ.
"ހަމްޒާ..އޯވާ ހިއަ..." އަންހެންވަންތަ އަޑެކެވެ. ފަހު ލަފުޒުތައް ބުނެލީ އަރަބިބަހުންނެވެ." ޔޫ ޝުޑް ބީ މޯ އެކްސައިޓެޑް ޓު ގޯ ބެކް ހޯމް.."
އެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަގެ ޟަމީރު ބާރު އެޅުމާއެކު ވަގުތުން އެނބުރި އެ އަޑުއައި ދިމާލަށް ބަލައިލެވުނެވެ. ފަސްވަރަކަށް މީޓަރު ދުރުގައި އަންހެނަކާއެކު މަޑުކޮށްލައިގެން ހުރީ ހަމްޒާ ފިޔަވާ ދެވަނަ މީހެއްނޫނެވެ.
އެ އަންހެންކުއްޖާ ލައިގެން ހުރީ ކްރީމްކުލައިގެ ޝޭޑެއްގެ ފަށުވި އަބާޔާއެކެވެ. ވަރަށް ރީތިކޮށް އެއްވަރަކަށް އޮޅާލާފައިވާ ޝިފޮން ހިޖާބާއެކު ކޮނޑުމަތީގައި ޖަހާފައިވާ ޕިންވީ ރަންކުލައިގައެވެ. އެކުއްޖާގެ މޭކަޕްގެ ފުރިހަމަކަމާއެކު އޮމާން ވިދާ ހަންގަނޑަކާއި ފިޔާތޮށި ފިނިފެންމަލެއްގެ ކުލައަރާ ތުންފަތެއް ލިބިފައިވިއެވެ. އެހާ މަޑުވެފައި އޮމާނެވެ. ބޯޑިން ސްކްރީން ޗެކްކުރަމުން ދިޔައިރު އެ އަތުކުރި ފަޅުފިލުވާފައިވީ ރަނުގެ އުޅާތަކުންނެވެ. އޭނަ ހީވީ ހަމަ ދެންމެ ބްރައިޑަލް ޝޫޓަކަށް އަރާފަައި އައިހެންނެވެ. އެހާ އަގުބޮޑުވެފައި ޝާހީ ފާޑެވެ.
އެ އަންހެންކުއްޖާ ހަމްޒާގެ އަތުގައި މަޑުމަޑުން އަތްތިލަ އަޅުވާލައިގެން ހުރިގޮތުން އަންހެނުންކަން ދެނެގަނެވުނެވެ.
ހަމްޒަ ހިނގައިގަތީ ތަންކޮޅެއް ރަސްމީކޮށް ހެދުން އަޅައިގެން ތިބި ބަޔަކާއި ދިމާލަށެވެ. އެމީހުންނަށް ބަލައިލުމުން ޑޮކްޓަރުންހެން ހީވިއެވެ. ބައެއްމީހުން ތިބީ އަރަބި އަދި އިނގިރޭސިން ވާ އައިޑީތަކެއް ޖަހައިގެންނެވެ. އަންހެންކުއްޖަކު މޭގައި ކްލިޕްބޯޑެއް ޖައްސާލައިގެން ހުރިއިރު ތަންކޮޅެއް ދުވަސްވީ މީހަކު ކަޅުކުލައިގެ މެޑިކަލް ކޭސްއެއް ހިފަހައްޓާލައިގެންނެވެ.
މިއީ މާލެއަށް އިޖިފްޓުން ދާ މެޑިކަލް ޓީމްކަމަށް ވެދާނެއެވެ. ހަމްޒާ އޮތީ އެވާހަކަ ބުނެފައެވެ. ނަމަވެސް ހުރިހާ ދުވަސްތަކުގެ ތެރެއިންވެސް އެމީހުންނަށް ޚިޔާރުކުރަން އެނގުނީ މިއަދުހެއްޔެވެ؟
އޭނަ ވަގުތުން ނަޒަރު އެއްފަރާތްކޮށްލިއެވެ. ސަމާލުކަން ފޯނަށް ހުއްޓައިލިއެވެ.
***
ހަމްޒާ ގާތުގައި ހުރި ޑޮކްޓަރަކާއިއެކު ދެކެވެމުން ދިޔައީ ސިޔާސީ މަސްރަހުގެ ވާހަކަތަކެވެ. އެހެން އިނދެފައި އެއްލި ކަޅިއަކުން ބޯޑިން ގޭޓުގެ ބިއްލޫރި ދޮރު ކައިރިއަށް ބަލައިލެވުނެވެ.
އެއީ މިރިއަމްހެއްޔެވެ؟ ފުރަތަމަ އެކަން ޔަގީނެއްނުވިއެވެ. އެކުއްޖާ އިނީ ކޮނޑުން ކުޑަކޮށް ވާގި ދޫކޮށްލައިގެން ކަހަލަ ގޮތަކަށެވެ. ފައިކައިރީގައި ކުޑަ ދަބަހެއް ބާއްވާލާފައި އޮތްއިރު އޭނަގެ އަތުގެތެރޭގައި ވީ ފޯނެވެ. މީހުންނަށް ބެލުމުގެ ޝައުގެއް އެހެން ދިމާލެއް ހޯދުމުގެ ވިސްނުމެއްވެސްނެތެވެ. އަދި ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތެވެ. ހިރިވެސް ނުލާ ބުދެއްފަދައިންނެވެ. ހަމަ ފޯނަށް ބަލަހައްޓައިގެން އިނީއެވެ. ސްކްރޯކް ކޮށްލުމެއްވެސް ނެތެވެ. ވަށައިގެންވާ ދުނިޔެއަށްވުރެ ފޯނަށް ބަލަހައްޓައިގެން އިންނަން ހިތަށް ފަސޭހައީކަމަށް ވެދާނެއެވެ.
އެވަގުތުކޮޅުވެސް އެއްވެސް މަސައްކަތަކާއި ނުލާވެސް އެކުއްޖާއަށް ލިބިފައިވަނީ......... ތަފާތު ރީތިކަމެކެވެ.
ކުޑަދޮރުން ފުރާނާލާ އަލި މިރިއަމްގެ ކޯތާފަތުގެ ކަށިގަނޑަށް ހޫނުކޮށްދޭފަދަގޮތަކަށް އެޅިފައިވިއެވެ. ރިވެލި ވުމުގެ ބަދަލުގައި އަލި އޭނަގެ މޫނުގައި ހިފަހައްޓާލާފައިވާފަދައެވެ. އޮމާންކަމާއެކު ދިއްލިފައިވާ މޫނެކެވެ. ސަމާލުކަން ހޯދާފަދަ އެއްވެސް ގޮތެއްނެތެވެ. ދެއްކުންތެރިކަމެއް އަޑުހަރުކަމެއްނުވެއެވެ. އޭގެ ދިމާ އިދިކޮޅު މަޑުމައިތިރިކަމެކެވެ. އަބަދަށް ދެމިގެންވާފަދަ ރީތިކަމެވެ.
ހަމްޒާއަށް ރޭކާލީ އޭނައަށް މިރިއަމްއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނުކަމެވެ. އަވަސްއަވަހަށް ދުރު ބަލައިލިނަމަވެސް އޭނަގެ އަންހެނުން ހަނާންއަށް އެކަން ސިއްރެއްނުވިއެވެ. ކޮންމެ ހަރާކަތަކަށް ފާރަލައިގެން އިންނަ ފާރަވެރިއަކަށްވުރެވެސް ކުރީގައި އުޅޭ ކުއްޖެކެވެ. ވަގުތުން ލޯ ހިމަކޮށްލާފައި ބަލައިލެވުނީ އެކަނިވެރި މިސާލެއްފަދައިން އިށީދެގެން އިން އަންހެންކުއްޖާއަށެވެ.
ހަމްޒާއަށް ނަޒަރު ކަސިޔާރުކޮށްލެވުނަސް ދެވަނަފަހަރަށް ބަލައިލެވުނީ ހިނގި ކަމަކުންނެވެ. އަންހެނަކު ކުޑަ ކުއްޖަކު ކިހިލީގައި ޖަހާލައިގެން ދެ ޖޫސް ތަށި ހިފަހައްޓާލައިގެން ދަމުން ކުޑަކޮށް ފައި އަރިއަޅައިލިގޮތަށް އަތުގައި ހުރި ޖޫސްތަށ ބަންޑުންވެގެން ތަޅުންމަތީގައި މިރިއަމްގެ ސީޓާއި އަތަށްވެސް ކޮންމެވެސް ވަރަކަށް ވެރުނެވެ.
އަންހެންމީހާ ލޯބޮޑުކޮށްލާފައި އަވަހަށް މާފަށް އެދެމުން ކީ ނުކީ އެއްޗެއް މިރިއަމްއަށް ރަގަޅަށް ދޭހައެއްނުވިއެވެ. އަދި ދަބަސްހުޅުވާލާފައި ޓިޝޫއެއް ފެނޭތޯ ހާވަން އުޅުނުއިރު އެ އަންހެންމީހާގެ މޫނު ރަތްވެ ލަދުވެތިކަން ފެނުނެވެ.
"އިޓްސް އޯކޭ...އެކަހަލަ ކަމެއް ވެދާނެ..."
މިރިއަމް ކުޑަކޮށް ހިނިތުންވެލާފައި އޭނަގެ ދަބަސް ހުޅުވާފައި ޓިޝޫ ޕެކެޓެއް ނަގައިގެން ހަޑިވިތަން ސާފުކުރުމުގައި އެހީތެރިވެދިނެވެ. އަދި އޭނަގެ ހެދުމުގެ އަތުކުރިއަށް ވެރުނު އަނބުޖޫސް ފިލުވައިލަން މަސައްކަތްކުރިޔަސް ކުޑަކޮށް ކުލަޖެހިފައި ހުރުމުންވެސް މާ ބޮޑުކަމަކަށް ނެހެދިއެވެ.
މިނިޓްތަކެއްފަހުން ބޯޑިން އިއުލާން ޓާމިނަލުގެ ތެރޭގައި ގުގުމައިލިއެވެ. ދަތުރުވެރިން ކިޔޫ ހަދަން ފެށުމާއެކު މިރިއަމްވެސް ތެދުވެ ކޮނޑުގައި ދަބަސް އަޅުވައިގެން މީހުންނާއެކު ގޮސް ހިނގައިގަތީ ނުބައި ގޭޓަކާއި ދިމާލަށެވެ.
އެންމެ ކުރިން އެކަން ފާހަގަވީ ހަމްޒާއަށެވެ.
ގޭޓް ހަތަރެއްކައިރީގައި ކުޑަ ކިޔޫއެއް އޮތަސް އެމީހުންގެ ފްލައިޓްގެ ގޭޓަކީ ހަޔެކެވެ. އޭނައަށް ބޭއިޚުތިޔަރުގައި ތެދުވެގެން މީހުންތައް ދުރުކުރަމުންގޮސް މިރިއަމްއާއި ހަމަޔަށް ދެވުނެވެ.
"މިރިއަމް..."އޭނަގެ އަޑު މަޑެވެ.
މިިރިއަމް ސިހިފައި ބަލައިލިއެވެ.
"ނުބައި ގޭޓަކަށް ތި ދިޔައީ..."
"އޯ.....ރައިޓް.."މިރިއަމް އަވަހަށް ބޯޑުގައި ހުރި ނިޝާނަށް ބަލައިލުމާއެކު މޫނަށް ރަތުގެ ހުރިހާ ކުލައެއްވެރިވިއެވެ. ގަތްލަދެއްގެ ބޮޑުކަމުން އިސްޖަހައިލެވުނެވެ.
"އަހަރެމެންގެ ބޯޑިން އެ ގޭޓުން..." އޭނަ އިޝާރާތްކޮށްލިއެވެ.
"ޝުކުރިއްޔާ..."މިރިއަމް ހަމްޒާގެ ފަހަތުން ހިނގައިގަތީ އެދޭތެރޭގައި ދުރުމިން ބަހައްޓައިގެންނެވެ. އިރުކޮޅެއްނުވަނީސް ހަނާން އައީ މުޅި ހިސާބުގައި ސެންޓްގެ ވަސް ފަތުރާލާފައެވެ.
"މީނަ ދިޔައީ ނުބައި ފްލައިޓަކަށް އަރަން؟"ހަނާން އެއް ބުމަ އަރުވައިލިއެވެ.
ހަމްޒާ ޖަވާބެއް ނުދިނެވެ. ހަނާން މިރިއަމްއާއި ދިމާލަށް ބަލައިލީ ހިސާބުކުރާފަދަ ނަޒަރަކުންނެވެ. އަދި ޖެހިލުމެއްނެތި ހަމްޒާގެ އަތުގައި އަތް އަޅުވައިލިއެވެ.
"އެންމެ ކުރިން ފްލައިޓަށް އަރަމާ..." ކިތަންމެ އޮމާން ކޮށް ބުންޏަސް ރަގަޅު ނިޔަތެއްގައި ބުނި ޖުމްލައެއް ނޫނެވެ. އޭނަ އެއްގޮތަކަށްވެސް ހަމްޒާގެ ސަމާލުކަން އަތުލައިގަތް ކުއްޖާއާއި ވައި އެޅެން ބޭނުމެއްނޫނެވެ.
ހަމްޒާގެ ޓީމް ގޭޓާއި ދިމާލަށް ހިނގައިގަތްތެން ފެނުމުން މިރިއަމްގެ ހިތްވެސް އަވަސްވެ ފިނިވާންފެށިއެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް ހިތުގައި ބީހިލިއެވެ. އޭނަވެސް އެދެމަފިރިންނާއި ކައިރީގައި ހުންނާކަށް ބޭނުމެއްނޫނެވެ. ގަސްތުގައި މަޑުމަޑުން ކިޔޫގެ އެންމެ ފަހަތަށް އެރިއެވެ. އެ މީހުންގެ ހާޟިރުގައި ހުންނަން ނުޖެހުމުން އަމާންކަން އިހުސާސްވިޔަސް އަދިވެސް ހިތަށް ފެންނަނީ ހަމްޒާ އޭނައަށް ގޮވައިލުމުން ލަދުގަތްވަރެވެ. ހަނާން އޭނައަށް މަލާމާތްކޮށްފައި ހޭނެހެއްޔެވެ؟ ނޫނެކެވެ. ކޮންމެ މީހަކަށްވެސް އޮޅުމެއް އަރާފާނެއެވެ. އެހެންނޫނަސް އޭނައަކީ ދަތުރުކުރުން އާދަވެފައިވާ މީހެއް ނޫނެވެ.
***
މެޑިޓެރޭނިއަންގެ އުތުރުފަޅިން ފްލައިޓް މައްޗަށް އަރަމުން ދިޔައީ އޭގެ ވަރުގަަދަ ފިޔަގަނޑުން މަޑު ވިލާތަކުގެ ދާން ކަފަމުންނެވެ. މިރިއަމް ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނީ ސަރަހައްދުގެ ބޮޑުކަމަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަ ނުދަންނަ ފަރިތަނޫން ބިމެކެވެ. ނަމަވެސް މިތަނަށް އާދެވުމުގެ ނަސީބުވެސް ލިބިއްޖެއެވެ. އިންޖީނުގެ މަޑު އަޑު އެއްވަރަކަށް ހިފެހެއްޓިފައިވާއިރު ދަތުރުވެރިން ތިބީ އަމިއްލަ ވާހަކަތަކުގައެވެ. ކުއްލިއަކަށް ކެޕްޓަންގެ އަޑު އިވުނެވެ.
"ލޭޑީސް އެންޑް ޖެންޓްލްމެން..އަޅުގަނޑުމެން މިހާރު އުދުހެމުން މިދަނީ ފަލަސްތީންގެ ސަރަހައްދާއި ކައިރިން. ގާޒާ ކައިރި...އެތައް އިމްތިހާނުތަކެއް އެ ބިމަކަށް ކުރިމަތިވެފައިވާ ބިމެއް...."
ކެބިންތެރެއަށް ފުން ހިމޭންކަމެއް ވެރިވިއެވެ. ކެޕްޓަންގެ ރާގުގައި އިޚުލާސްތެރިކަމާއި އޯގާތެރިކަންވިއެވެ.
"މި ސަރަހައްދު ކަޑައްތުު ކުރަމުންދާއިރު ދުޢާއާއި ޒިކުރުކުރުމުގެ ވަގުތުކޮޅަކަށް ހުރިހާ ދަތުރުވެރިންނަށް ދައުވަތުދެން. އެބިމުގައިވާ އެންމެނަށް ރަހުމަތާއި އަމާންކަން ދެއްވާށި....." ކެޕްޓަންގެ ޖުމްލައާއެކު އެންމެންގެ ސީޓުގެ ސްކްރީން ދިއްލިގެން ދިޔައީ ރީތި އަރަބި ފޮންޓަކުން ލިޔެފައިވާ ދުޢާއިންނެވެ.
"اللَّهُمَّ أَنْزِلْ سَكِينَتَكَ وَطُمَأْنِينَتَكَ عَلَى أَهْلِ فِلَسْطِينَ وَغَزَّةَ، وَارْزُقْهُمْ الصَّبْرَ وَالثَّبَاتَ فِي وَجْهِ الْمُصِيبَاتِ ޔާ ﷲ ފަލަސްތީނާއި ގާޒާގެ އަޅުތަކުންނަށް ސަކީނާ ބާވައިލައްވާދޭވެ..އަދި އަޅުތަކުންނަށް ކުރިމަތިވެފައިވާ އިމްތިހާނުގައި ކެތްތެރިކަމާއި ސާބިތުކަން ދެއްވާދޭވެ..."
މިރިއަމް ދުޢާކޮށްލިއިރު ހިތަށް ފުން އަސަރަކާއެކު ލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ. އަތުގެ ނުފުށުން ފޮހެލެވުނެވެ. މުސްލިމުންނަށް އަނިޔާ ލިބެމުންދާތާ ކޮން ޒަމާނެއްހެއްޔެވެ؟އެފަދަ އިމްތިހާނުތަކާއި ކުރިމަތިލާ ބަޔަކަށް ނޫނީ އޭގެ ހުރި ވޭނެއް އިހުސާސެއްނުވާނެއެވެ. ގެދޮރު ގެއްލި އާއިލާތައް ނިކަމެތިވެ އަބަދާއަބަދު ހެން ބޮމުގެ އަޑުތަކުގެ ތެރޭގައި ނިދަން މަޖުބޫރުވެފައިވިޔަސް ހިތްވަރުގަަދަ ފަހުލަވާނުންތަކެވެ.
ފްލައިޓްގެ ތެރެއަށް ވެރިވީ ހިމޭންކަން އެންމެން ހިއްސާކުރިއެވެ. އެ ހިމޭން ދުޢާތައްވެސް ވިލާތަކާއި އެކުވެގެން މައްޗަށް އަރައިގެން ދިޔަފަދައިން ފްލައިޓްވެސް އޭގެ މަންޒިލަށް މިސްރާބުޖެހިއެވެ.
ނުނިމޭ