ލޮޓަސް ފަތް މޫނުގައި އަޅައިގެން ޗައިނާ އަންހެނުން މިކުރަނީ ކީއް؟

ޗައިނާގެ އަންހެނުންތަކެއް ލޮޓަސް ފަތް މޫނުގައި އަޅައިގެން ބޭރުތެރޭގައި ހަރަކާތްތެރި ވަނީ - ފޮޓޯ/އެންޑީޓީވީ

ޗައިނާގެ ގިނަ އަންހެނުންތަކެއް މޫނުގައި ލޮޓަސް ގަހުގެ ފަތް އަޅައިގެން ބޭރުތެރޭ އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވައިރަލްވެ އާއްމުންގެ ބޮޑު ސަމާލުކަމެއް މި ވީޑިއޯތަކަށް އަންނަނީ ލިބެމުންނެވެ.

ޗައިނާ މީހުންނަކީ އެމީހުންގެ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ބަޔަކަށްވެފައި ގައިގެ ހަން ރައްކާތެރިކަމާ އެކު ރީތިކޮށް ބެހެއްޓުމަށް އަބަދުވެސް ވަރަށް ޚާއްސަ ސަމާލުކަމެއްދޭ ބައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން މިފަހަރު އެ މީހުން ލޮޓަސް ގަހުގެ ފަތް މި ބޭނުންކުރަނީ އިރުގެ އަވިން ލިބޭ ގެއްލުންތަކުން މޫނަށް ރައްކާތެރިކަން ހޯދުމަށެވެ. ލޮޓަސް ފަތް އެމީހުން ޗައިނާގެ ސެޗްވާންގެ ގިނަ ބަޔަކު ބޭނުންކުރަން ފަށާފައި މިވަނީ މޫނުގައި އުނގުޅަން ބޭނުންކުރާ ސަންސްކްރީންގެ ބަދަލުގައެވެ.

އިރުގެ އަވިން މޫނަށް ރައްކާތެރިކަން ހޯދުމަށް ބޭނުންކުރަން އެންމެ ރަނގަޅީ ރަނގަޅު ސަންސްކްރީނެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

ސެޗްވާންގެ ގިނަ އަންހެނުން ބޭރުގައި އުޅޭއިރު މި ފަތް ބޭނުންކުރަނީ މޫނާއި ކަނދުރާ އެއްކޮށް ފޮރުވިފައި ހުންނަހެން ލޮލާ ނޭފަތް ފެންނަ ވަރަށް އޭގައި ލޯވަޅުތަކެއް އެޅުމަށްފަހުއެވެ.

ޗައިނާގެ ގިނަ ބަޔަކު މި ޓްރެންޑަށް ބޯލަނބާ މިގޮތަށް އަމަލުކުރަން ފެށުމާ އެކު މިއީ ހަގީގަތުގައި އިރުގެ އަވިން މޫނު ރައްކާތެރިކޮށް ސަންސްކްރީންގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަތެއްތޯ އަހާ ގިނަ ބަޔަކު އަންނަނީ އިންޓަނެޓުގައި ވަރުގަދަ ބަހުސެއް ފަށާފައެވެ.

އިންޑިއާގެ އެންޑީޓީވީއިން މިކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ލޮޓަސް ގަހުގެ ފަތަކީ ހަގީގަތުގައި އޭގައި ފިނިކަމެއް ހަމަށް ލިއްބައިދޭ މާއްދާތަކެއް އެކުލެވޭ ފަތެކެވެ.

އިރުގެ ދޯދިތަކުން ލިބޭ ޔޫވީ އަވިން ހަންގަނޑަށް ރައްކާތެރިކަން ހޯދުމަށް ގޮތް ނޭނގޭ އުފެއްދުންތައް ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައި -- ފޮޓޯ/ ޕިންޓްރެސްޓް

ރިސާޗް ޖާނަލް އޮފް ޓްރޮޕިކަލް އެންޑް ކޮސްމެޓިކަސް ސައިންސަސްގައި ވިދާޅުވެފައިވާ ގޮތުގައި ލޮޓަސް ފަތަކީ އިރުގެ ދޯދިތަކުން ރައްކާތެރިކަން ހޯދުމަށް ބޭނުންކުރެވިދާނެ ފަރުދާއެއް ނަމަވެސް އެއީ އެކަމަށް އެންމެ ރަނގަޅު ވަސީލަތް ކަމަށް ނުވެދާނެއެވެ.

މި ދިރާސާގައި ވިދާޅުވެފައިވާ ގޮތުގައި ލޮޓަސް އާއްމުކޮށް ބޭނުންކުރެވެނީ ހާބަލް ކޮސްމެޓިކްސް އުފެއްދުންތައް އުފެއްދުމަށާއި އުމުރުން ދުވަސްވުން ދުރުކޮށްދިނުމަށާއި ހަމަށް އޮމާންކަން ގެނެސްދިނުމަށް ބޭނުންކުރާ ކޮސްމެޓިކްސް އުފެއްދުންތަކުގައެވެ.

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. ޝަރީފާ ޗައުސާ އެންޑީޓީވީއަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، ސަންސްކްރީންގެ ބަދަލުގައި ލޮޓަސް ފަތް ބޭނުންކުރުން ޓްރެންޑަކަށްވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނަސް އެގޮތަށް އަމަލުކުރުމަށް އިރުޝާދު ނުދޭކަމަށެވެ.

ސަބަބަކީ އެއީ ސަންސްކްރީންގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަތެއް ކަމަށް މިހާތަނަށް އެއްވެސް ދިރާސާއަކުން ދައްކާފައި ނުވާތީ ކަމަށް ޑރ. ޝަރީފާ ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު އާއްމުކޮށް އަޅުގަނޑުމެން މި ބޭނުންކުރާ ސަންސްކްރީންތަކަކީ އަލްޓްރާވައިލެޓް (ޔޫވީ)އިން މޫނަށް ލިބޭ ގެއްލުމުން ރައްކާތެރިކަން ހޯދައިދޭ އެއްޗަކަށް ވެފައި ލޮޓަސް ފަތުން އެކަން ނުކުރެވޭނެ ކަމަށް ޑރ. ޝަރީފާ ވަނީ ފާހަގަކޮށްފައެވެ.

ނިއު ދިއްލީގެ މެކްސް ސްމާޓް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ހަމުގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ވެރިޔާ އަދި ކޮންސަލްޓަންޓް ޑރ. ކަޝިޝް ކަރްލާ ވެސް ވިދާޅުވެފައި ވަނީ، ސަންސްކްރީންގެ ބަދަލުގައި ލޮޓަސް ފަތް މޫނުގައި އަޅައި ބޭނުންކުރުމަކީ ހަގީގަތުގައި ބޭކާރު ކަމެއް ކަމަށެވެ.

އިރުގެ ނުރައްކާތެރި ދޯދިތަކުން މޫނު ރައްކާތެރިކޮށް އަވިން މޫނު ފޮރުވަން ބޭނުންނަމަ ތަންކޮޅެއް ބޯ ފޮތިގަނޑަކުން މޫނު ނިވާކޮށް ނުވަތަ އެކަމަށް ހާއްސަ މާސްކެއް ބޭނުންކުރެވިދާނެ ކަމަށް ޑރ. ކަޝިޝް ކަރްލާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިކަމުން ވެސް ސަންސްކްރީނުން މޫނަށް ލިބެންޖެހޭ ފައިދާތައް ނުލިބޭނެ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ލޮޓަސް ފަތް ބޭނުންކުރުމުން ހަންގަނޑު އެނދުން، އަވަހަށް އުމުރުން ދުވަސްވުމުގެ އަލާމާތްތައް މޫނުން އެނގެން ހުރުން އަދި ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޑރ. ކަޝިޝް ކަރްލާ ވަނީ ފާހަގަކޮށްފައެވެ.

ލޮޓަސް ފަތަކީ ގުދުރަތީ އެއްޗަކަށްވީ ނަމަވެސް އެއިން އެލާޖީގެ އަސަރުތައް ފަދަ ހިރުވުން ނުވަތަ ކެހުން އަދި މޫނު ރަތްވެ ފިތްގަނޑުލުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް ޑރ. ކަޝިޝް ކަރްލާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިގޮތަށް ޓްރެންޑްވާ ކަންކަމާ ގުޅޭގޮތުން އެކަމުގެ ހާއްސަ މާހިރުންގެ ލަފަ އާއި އިރުޝާދާ އެކު ބޭނުންކުރުމަށް ލަފާދޭ ކަމަށް ޑރ.ކަޝިޝް ކަރްލާ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު