"ތަސައްރަފު ފުދުމަކީ ތިބާގެ ހަޔާތުގައި އެންމެ މުހިއްމު ދެމީހުންނަކީ މައިންބަފައިންކަމަށް ގަބޫލުކުރުމެވެ. އެއްވެސް މީހަކު ބައްޕަ ފަދައިން ތިބާއަށް ހިމާޔަތް ނުދޭނެއެވެ. އަދި އެއްވެސް މީހަކު މަންމަ ފަދައިން ތިބާދެކެ ލޯތްބެއް ނުވާނެއެވެ."

***

"އަހަރެން ދޯ ގޯސްވީ.."މުރުތަސިމްއަށް މާނަކުރެވުނީ އެންމެ ނުބައިކޮށެވެ. އޭނައަށް ކުރެވުނު ޝައްކުމަތީގައި ހުރެ އާދެވުނު ރުޅިގަނޑުގައި އިތުރަށް އަލިފާން ރޯވީ އަހެދް ދާން ހިނގައިގަތުމުންނެވެ.

"އަހެދްއަށް ބޭ އިންސާފަކަށް ވާނީ އަހަރެން އެހެން މީހަކާއި ކައިވެނިކޮށްގެން ދުރަށް ދިޔައީމަ. އެހެންވީމަ މިއަދުން ފެށިގެން ތިހިރީ މިނިވަންކޮށްފައި. އަހަރެންގެ އަންބެއްނޫން ތިއީ. ވަރިކޮށްފިން....."މުރުތަސިމްގެ އެ ޖުމްލައާއެކު އަހެދްގެ ފިޔަވަޅުތައް ހުއްޓުނެވެ. ކައިލްއަށްވެސް ދެލޯ މަރައިލެވުނެވެ. މުރުތަސިމް ބާރުބާރަށް ހިނގާފައި ދާތަން ބަލަހައްޓައިގެން ހުއްޓާ އަހެދް ކައިލްއާއި ދިމާލަށް އެނބުރުނެވެ. އަދިވެސް އެލޮލުން ފެންނަނީ ސިހުމާއި ހާސްކަމެވެ. ގަނޑުވެ ޝޮކެއް ލިބިފައެވެ.

"މަންމައަށް އެހީތެރިވެބަލަ.އެކަކުވެސް ނެތް.."އަހެދް މަޑުމަޑުން އެހެން ބުނެފައި ދާން ހިނގައިގަތުމުން ކައިލް އަވަސްވެގަތީ ވީގޮތެއް ބަލައިލުމަށެވެ.

ޒަހްރާ ހޮސްޕިޓަލަށް ގެންދިޔަކަން އެނގުމުން މުރުތަސިމްއާއި އެހެން ކުދިންތައްވެސް މަންމަގެ ހާލު ދެކެން އަވަސްވެގަތެވެ. ޑޮކްޓަރ ވަގުތުން ސީޓީ ސްކޭނެއް ހަދާފައި ބުނީ މިނިސްޓްރޯކެއް ކަމުގައެވެ. ޕްރެޝާ ދަށްކުރަންވެގެން ބޭސްތަަކަށް ބަދަލު ގެނައެވެ. ޒަހްރާ ހައިރާންވީ އަހެދްގެ ޚަބަރެއް ނުވުމުންނެވެ. އައިސްޕެކް ބަލާދިޔަ ކުއްޖާއަށް ވީގޮތެއް ދެނެހުރި އެކަކުވެސް ނެތެވެ. ޒަހްރާ ބަލިހާލުގައިވެސް ގެއަށް އައިގޮތަށް އެންމެ ކުރިން ގޮސް ޓަކިޖެހީ އަހެދްގެ ކޮޓަރީގައެވެ. ޒަހްރާ ގޮވަންފެށުމުން އަހެދްއަށް ދޮރު ނުހުޅުވާ ހުންނާކަށް ނުކެރުނެވެ. ޒަހްރާއަށް އަހެދްގެ މޫނުމަތިން ފެނުނީ ހިތްހަލާކުވުމުގެ އަސަރުތަކެވެ. ރޮއިރޮއި ދެލޯ ދުޅަވެފައެވެ. ކިތަންމެވަރަށް ގަނޑުފެން އަޅާ ފޮރުވަން މަސައްކަތް ކުރިޔަސް އެ ތޫނު ދެލޯ ހުރިހާކަމެއް ދެނެގަތެވެ.

"އަހެދް ކިހިނެއްވީ؟ ތެދަށް ބުނާތި...."

އަހެދް ކިތަންމެ ހިތްވަރުކުރިޔަސް ލޮލުން ކަރުނަ ތިއްކެއް ފޭބިއެވެ.

"މަންމާ...ޖޫރީ ބުނެފާނަން ވީގޮތް...އަހެދް މަންމައަށް އޮޅުވައިލާނެ....ސިމް އަހެދް ޑިވޯސްކުރީ...އެލީޒީއާއި މެރީކުރަން އުޅެނީ...އެކަން އެނގުނީމަ އަހެދް ތިހާވަރަށް ދެރަވަންވީ ކީއްވެ؟ މިގެއަށް އައި މަގުސަދު ހާސިލް ނުވީމަ ދޯ...." ޖޫރީ ހަށަން ބަދެލިއެވެ.

އަހެދްއަށް ލޯ ބޮޑުކޮށްލެވުނެވެ.

"މުރުތަސިމް......"ޒަހްރާއަށް ކިޔައިލެވުނެވެ.

"އިހަށް ޖޫރީ މިތަނުން ދޭބަލަ...." ޒަހްރާގެ މިޒާޖަށް ކުއްލިއަކަށް ހަރުކަށިކަމެއް އައެވެ. އިވުނު ޚަބަރަކުން ހިތް ފަޅައިގެން ދިޔަސް އިހުސާސްވާނެ މީހަކު ނެތެވެ.ޔަގީނުންވެސް ހިތަށް ބަރުދާސްތުނުކުރެވޭވަރުގެ ހިތާމައެއް ލިބިއްޖެއެވެ.

ޖޫރީ އަހެދްއާއި ދިމާލަށް ކުޑަކޮށް ކަޅިއަޅާލާފައި ނުކުމެގެން ހިނގައިގަތީ ހިތާހިތުން ކުދިކިޔަމުންނެވެ. އަހެދްފަދަ ފޫހި އަންހެންކުއްޖަކަށްވުރެ އޭނައަށް ކަމުދަނީ އެލީޒީފަދަ ތަނަވަސް ޚިޔާލެއްގެ ވެރި ސްޓައިލިޝް ފަހަރިއެކެވެ. އޭނަގެ ކުރިމަގު ބައްޓަންކުރަން އެހީތެރިވެދޭނީވެސް އެފަދަ އަންހެންކުއްޖެކެވެ.

"އަހެދް...ބުނެބަލަ...ކީއްވެ މިހިސާބަށް އައީ؟"

އަހެދްއަށް ގަބޫލުކުރެވުނީ ތެދުބުނުމުގެ ވަގުތު ޖެހިއްޖެކަމުގައެވެ. މުރުތަސިމް ވަރިކުރުމަށްފަހު މިގޭގައި އެންމެ ސިކުންތުކޮޅަކަށް ހުންނަންވެސް އޭނަގެ ޟަމީރު ދެކޮޅުހަދައެވެ. ޒަހްރާފަދަ މާތް އޯގާތެރި ހިތެއްގެ ވެރިޔަކާއިމެދު އޭނަގެ ނިޔަތް އޮތްގޮތުން އެނގުމުން ޔަގީނުންވެސް ދުވަހަކުވެސް މާފެއް ނުލިބޭނެއެވެ.

"އަޅުގަނޑަކީ ކުށްވެރިއެއް..ޖޫރީ ބުނީ ތެދެއް. މިގެއަށް އައީ އެހެން ނިޔަތެއްގައި...މަންމައާއި ބައްޕަ ނިޔާވުމުން ބަދަލުހިފުމުގެ ގޮތުން...ޒަހްރާއްތަމެންގެ އަތެއްވާކަމަށް ގަބޫލުކުރެވުނީ...އެކަމަކު ކައިވެންޏަށްފަހު އެ ނިޔަތް ބަދަލުވެއްޖެ... ބަދަލުހިފުމުގެ މައްޗަށް ލޯބި ކުރި ހޯދީ. އެކަނި މުރުތަސިމްގެއެއް ނޫން....ޒަހްރާއްތަމެންގެ ލޯބިވެސް..."އަހެދްގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ ފޮހެލިއެވެ. އޭނަ މިހާ ފިނޑިވެގެން ކަމަކު ނުދާނެއެވެ. ހިތްވަރާއިއެކު ކުރިއަށް ފިޔަވަޅު އަޅަން މަޖުބޫރެވެ."އަދިވެސް މަންމަމެންނަށް ނޭގޭ ސިއްރެއް މުރުތަސިމްއަށް އެނގިއްޖެހެން ހީވޭ. ކުރިން ކައިލްއާއި އޮތް ގުޅުން......."

ޒަހްރާގެ ލޯ ބޮޑުވިއެވެ. އަހެދްގެ ދުލުން އެ އިގުރާރުވީ ކޮންފަދަ ހުތުރުކަމަކަށްހެއްޔެވެ؟ ކައިލްއޭ އެބުނީ ހަމަ އޭނަގެ ދަނބިދަރިއަށް ހެއްޔެވެ؟

"އެހެންވެ މިގެއިން ދާން ނިންމައިފިން...މިގޭގައި އިތުރަށް ހުރުމުގެ ހައްގެއްނެތް............."

ޒަހްރާއަށް އަހެދް ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. ކައިލްއާއި އޭނަގެ ގުޅުން ފެށުނު ހިސާބާއި ނިމުނުގޮތެވެ. ކައިލް އޭނަދެކެ ނަފްރަތުކުރާހެން ހީވާއިރު އެގެއަށް ދެމީހުންނަށް އާދެވުމަކީ ތަގުދީރުގެ ސަމާސާއެވެ. އެއްގޮތަކަށްވެސް ރާވައިގެން ކުރިކަމެއްނޫނެވެ.

"ތިން މަސްވާންދެން އަހެދްއަށް މިގޭގައި ހުރެވޭނެ........"އިތުރު އެއްވެސް އެއްޗެއް ނުބުނެ ޒަހްރާ އެތަނުން ދާން ހިނގައިގަތީ ބުދެއްހެން ގަނޑުވެފައި ހުރެއެވެ. ޔަގީނުންވެސް އެއީ އަޑުއަހަން ހިތަށް ކުޅަދާނަވި ވާހަކައެއް ނޫނެވެ. އެތައް ސިއްރުތަކެއް އެއްފަހަރާ ކުރިމަތީގައި ހާމަވެގެން ދިޔައިރު ކުށްވެރިވާ ފަރާތެއްވެސް ނޭގުނެވެ. ކައިލްގެ ކިޔަމަންތެރިކަމާއި އަންހެނުންނާއި ދަރިފުޅަށް އަޅާލުމާއި އޯގާތެރިވުމަކީ ހަމަ އެހެން މީހުންނަށް ހުރި މިސާލެކެވެ. އެހާވެސް ރަގަޅު ޒުވާނެކެވެ. ކޮންމެ މީހެއްގެ މާޒީއެއް އޮވެދާނެއެވެ. ނަމަވެސް އަހެދެ އެހެން ނިޔަތެއްގައި އައި މީހެއް ވެއްޖެއްޔާ ކައިލް ހުރިކަން ނޭގޭކަމަށް ބުނާ ވާހަކަ ގަބޫލުކުރެވިދާނެހެއްޔެވެ؟ އެތައް ހާސް ސުވާލުތަކެވެ.

***

ޖޫރީ ޒަހްރާ ނަމާދުން ނިމެންދެން އިންތިޒާރުގައި އިނީ ކެތްތެރިކަމާއެކުގައެވެ.

"ރުޅިތަ؟" އޭނަ ގޮސް އެނދުގައި ޒަހްރާ ގާތު އިށީނެވެ.

"ކޮންކަމަކާ ރުޅި އަންނަންވީ؟"

"އަހެދްއާއި ދިމާލަށް އެއްޗެހި ކިޔުނީމަ. އެކަމަކު ޝީ ޑިޒާވްސް އިޓްއެއްނު..މަކަރުން މިގެއަށް އައީ..ޖޫ މިހެން މަޑުން ހުއްޓަސް ކަންފަތް ހުޅުވާލައިގެން ހުރީ. މީހުން ތިބޭ ތަންތާގައި ދެމީހުން ވާހަކަދެއްކިޔަސް ސިމްއާއި އަހެދްއަކީ އެކަނިވީމަ ހަމަ ބީރައްޓެހިން. ސިމް ނަފްރަތުކުރާ ސަބަބަކީވެސް އޭނަގެ މަކަރުވެރިކަން އެނގުން...މަންމައަށް އެނގޭތަ؟ ލިޒީއަކީ މާ ރަގަޅު އަންހެންކުއްޖެއް. ޝީ ޓްރޫލީ ލަވްސް ސިމް...ކޮންމެހެން ލަވަކިޔާ ކުއްޖަކަށް ވުމަކީ އެކުއްޖަކު ވިޔާނުދާ ނުބައި މީހަކަށް ވުމެއްނޫން. ސެލެބްރިޓީއިންނަށް ރެސްޕެކްޓްކުރާ މީހުން ވަރަށް ގިނަ. އަހެދް ނިގާބު އަޅައިގެން ހުރި މީހާ ކިހާ މަަކަރުވެރި. އަޅާކިޔާލިޔަސް ހަމަ ދެމީހުންގެ ތަފާތު މަންމައަށް ފާހަގަވާނެ...އައިމް ސޮރީ ކުރިން ނުބުނެވުނީމަ..."

ޒަހްރާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

"ޖޫރީ. މިހާރު މަންމަގެ ސިކުނޑިއަކު ނެތް ހުރިހަ ކަމަކާއި ވިސްނާނެވަރެއް...އަހެދް ބޭސްއަޅަން ވެސްނައެއްނު. ޖޫރީ އެހެރަ ވަށިގަނޑުގައި ހުރި ބޭސްފުޅިން އަޅާދީބަލަ...ލޮލަށްވެސް އުދަގޫވާވަރުން.."

"ގޯޑް...ނުކެރޭނެ ތިކަހަލަ ކަމެއްކޮށްލަން.....މަޑުކޮށްލާ. ދޮންބެ އެބަ ފޮނުވަން..."ޖޫރީ އަވަހަށް ދުއްވައިގަތީ ހަގީގަތުގައި އެކަމުން ރެކިގަތުމަށެވެ. އިނގިލި ކުރި ހަލުވައިލަން ޖެހުނަސް ޖޫރީއަށް މިފަހަކަށް އައިސް ބޮޑުކަމަކަށްވެފައިވެއެވެ. އޭނަގެ ހުރިހާ ވަގުތެެއްހެން ހުސްކޮށްދީފައިވަނީ ފޯނަށެވެ.

***

އަލްބާން އޭނަގެ މަންމަގެ ގާތުގައި ބުނީ އުމްރާ ދަތުރު ގްރޫޕްގެ ކަންތައް ހަމަޖައްސަން ބޭރަށް ފުރަން އުޅޭކަމަށާއި ތިންމަސް ވަރުވެދާނެ ކަމުގައެވެ. ހަގީގަތަކީ އޭނަ އެންމެނަށް އޮޅުވާލާފައި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާން އެމެރިކާއަށް ދަނީއެވެ. މަންމައަށް އެހާ ދުރު ދަތުރެއްކަން އެނގިއްޖެއްޔާ ކަމަކާއި ނުލާ ހާސްވެ އިތުރަށް ބަލި ބޮޑުވާނީއެވެ. އެހެންނޫނަސް އެއީ މުޅިން ދޮގެއްވެސް ނޫނެވެ. އޭނަ އެމެރިކާއިން އަންނާނީ އުމްރާ ގްރޫޕްގެ ކަންތައް މުޅިން ނިންމާ ރެޖިސްޓްރީކުރަން ހުށަހަޅާފައެވެ. މައްކާގައި އުޅޭ އެކުވެރިއަކާއި ގުޅައިގެން އޭނަދަނީ ކަންތައްތައް ބަލަމުންނެވެ.

"މަންމަ ވަރަށް އުފާވޭ. މައްކާކަހަލަ ތަނެއްގައި ދިރިއުޅުމުން އެހެން ކަމެއްނުވިޔަސް ރޫހާނީ ހިތްހަމަޖެހުން ލިބޭނެ. ހަރަމްފުޅުގައި ނަމާދުކުރުމުގެ ނަސީބު ލިބޭނެ..."

"އާނ މަންމާ.."އަލްބާންއަށް ކުށްވެރި އިހުސާސް ކުރެވުނެވެ.

"މަންމަވެސް އެމާތް ބިމުގައި މަރުވާނެނަމަ ކޮންފަދަ..."

"އަދި މަންމަ ސަތޭކަ އަހަރުވާންދެން ދުނިޔޭގައި ހުންނާނެ އިންޝާﷲ...."އަލްބާން އޭނަގެ މަންމަގެ ބުރުގާ ރަގަޅުކޮށްލަދެމުން ވަރަށް ލޯބިން ބުނެލިއެވެ.އަލްބާން އޭނަގެ މަންމަގެ ބުރުގާ ރަގަޅުކޮށްލަދެމުން ވަރަށް ލޯބިން ބުނެލިއެވެ. އަލްބާން ބާބިލްއާއި ވާހަކަދެއްކިއިރު އެކުއްޖާއަށް ލިބިފައިވާ މާޔޫސްކަމާއި ހިމޭންކަމުން މާ ބޮޑު އެއްޗެއް ދެނެގަންނަން އޭނައަކަށް ނޭގުނެވެ. އޭނަ ހީކުރީ ފުރާ ވާހަކަ ބުނުމުން އައި ބަދަލެއްކަމަށެވެ. ބާބިލްގެ ހިތާމައިގެ އަސްލު ވީ ފޮރުވިފައެވެ. އޭނަ ބާބިލްއަށް ވައުދުވީ އެނބުރި އައިސް ކައިވެނިކުރާނެކަމަށެވެ. އެހިސާބަށް ވަރީގެ ކަންތައް ކޯޓުން ނިމި ބާބިލްވެސް އެނުލަފާ ފިރިހެނާގެ ވަކިދަށުން ސަލާމަތްވެދާނެއެވެ.

***

މުރުތަސިމް މަންމަ ގުޅައިގެން އެކޮޓަރިއަށް ވަންއިރު އޭނަހުރީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. އެލީޒީގެ ޚަބަރު އެނގުމުން މަންމަ ހިތްހަމަނުޖެހިފައިވާވަރު ޖޫރީގެ ފަރާތުން އެނގުނެވެ. މަންމައަށް އަހެދްއާއި ކައިލްގެ އޮތް ގުޅުން އެނގޭނަމަ އަސްލު އޭނަ އަހެދް ވަރިކުރީ އިންސާފުން ކަން އެނގޭނެއެވެ. ޒަހްރާ ފުރަތަމަވެސް ރުޅިވެރިކަމާއެކު ކުރީ އެ ސުވާލެވެ.

"މުރުތަސިމް އެހެން ހިތަށް އަރާއިރަށް ވަރިކުރަންވީތަ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން. ވަރިއަކީ ﷲ ތައާލާ ހުއްދަކުރެވިއްޔަސް ނުރުއްސަވާކަމެއް..ހުއްދަ ކަންތައްތަކުންވެސް ﷲ ތައާލާ އެންމެ ނުރުއްސަވާކަމަކީ ވަރިކަމަށް ހަދީސްގައިވޭ. އެންމެނާއި މަޝްވަރާކޮށް ނުތިބެވޭނެކަން ޔަގީންވީމަ ދެން ވަރިކުރަންވީ....މަންމައަށްވެސް ކައިލްއާއި އަހެދްގެ މާޒީއެއް އޮތްކަން އެނގޭ. އެކަމަކު އެންމެންގެ މާޒީއަށް ބަލައިގެން އުޅެންވެއްޖެއްޔާ ފަސްބައި އެހާ ރީތި މީހުންމަދުވާނެ...އަހެދް އިސްލާހުވީމަ ކީއްވެ އެހާ ދެރަކޮށް ހެދީ؟"

"މަންމާ....އެދެމީހުން ބަދިގޭގައި ވާހަކަދައްކަން ތިއްބާ ދެވުނީ...."

"ކޮންކަމާއި ވާހަކަދައްކަން ތިއްބާ؟ މަންމަ ބަލިވެގެން ފޯނުތަކަށް ގުޅައިގެން ނުނަގައިގެން އުޅެނިކޮށް އަހެދް އައިސްޕެކެއް ބަލާގޮސްފައި ކައިލް ފެނިގެން އެވާހަކަ ބުނީމަ ކުށްވެރިވީ؟" ޒަހްރާ އަހެދްގެ ދިފާއުގައި ވާހަކަދައްކަން ފެށުމުން އޭނަވެސް ހައިރާންވިއެވެ.

"މަންމާ...އައިމް ސޮރީ. މިހެން ބުނަންވީމަ. އިއްތިހާދުއިން ވަޒީފާ ލިބިއްޖެ..އެއީ ހަމަ ހުވަފެނެއް..."

"އެހާ ދުރަށް؟ ޒަވިއާރު ހިގައްޖެ..އަލްބާންވެސް.....ދެން މުރުތަސިމް....ދަނީންމެންވެސް ފުރާ ވާހަކަ ދައްކަނީ..ޖޫރީވެސް ގޮވައިގެން. މަންމަ ގާތު ހުންނާނީ ދެން ކާކު؟"

"އަލް އެހާ ދުވަހަކަށް ނޫން ދަނީ...."

"އެކަމަކު...މަންމަ އެކަނިވާނެއްނު...."ޒަހްރާގެ އަޑުގައި ތުރުތުރެއްވިއެވެ. އޭނަ މަންމަގެ ގާތު ކުޑަކަކޫ ޖައްސާލިއެވެ. އުނގުމަތީގައި ބާއްވާލައިގެން އިން ޒަހްރާގެ ފިނި އަތްތިލައިގާ ހިފަހައްޓައިލިއެވެ.

"މަންމާ..މަންމަގެ ދަރިއަކު އިއްތިހާދުގެ ކެޕްޓަނަކަށް ހުރުމަކީ މަންމައަށްވެސް ލިބޭނެ ފަޚުރެއް. އެކޮޅަށްގޮސް ހަމަޖެހިލައިގެން އުޅެވޭވަރުވީމަ މަންމަ ގެންދާނަން...އައި ޕްރޮމިސް...ކޮންމެ ދުވަހަކު ގުޅާނަން. މިހާރު ދުނިޔެ މިއޮންނަނީ އަތުގެ ތެރޭގައި، ވީޑިއޯ ކޯލް ޖައްސައިގެން ވާހަކަދައްކައިލީމަ ހަމަ ގާތުގައި ތިބެވޭހެން ހީވާނީ..."

ޒަހްރާގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ."އާނ މަންމަގެ ހެޔޮ ދުއާތައް ދަރިފުޅާއެކު އަބަދުވާނެ...ދުރަށް ދިޔަސް މަތީގައި އުޅުނަސް ގަވާއިދުން ނަމާދުކުރައްޗޭ...ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރަންޏާ އެހެން ފާފަތަކަށް އަރައި ނުގަންނާނެ..ގަޑިން ކައިގެން ރަގަޅަށް ނިދަންވާނެ......."ޒަހްރާގެ ދުޢާއަކީ އޭނަގެ ދަރިންނަށް ހިދާޔަތް ދެއްވުމެވެ. ތަގުވާވެރިންނަށްވެ ޖަންނަތުގައި އެންމެން އެކީގައި ލެއްވުމެވެ.

ހަގީގަތަކީ މައިންބަފަައިން ކިތަންމެ ލޯބިން ގެންގުޅު ބޮޑުކުރިޔަސް އެކުއްޖަކު ބޮޑުވެ ކައިވެނިކޮށް އަމިއްލަ އާއިލާއެއް ލިބުމުން ދެން އިސްކަންދެވޭނީ އާއިލާއަށެވެ. ކުރިމަގަށެވެ. މައިންބަފައިންނަށް އަޅާލުން ކުޑަވެ ދުރަށް ދެވިދާނެއެވެ.

***

މުރުތަސިމްއާއި އަލްބާންއާއެކު ގޭގެ އެހެން އެންމެން ކަހަލަގޮތަކަށް ފުރައިގެން ދިޔައީ ޒަހްރާއަށް އެކަނި އުޅެވޭނެކަމުގެ ޔަގީންކަން ދަރިންނަށް ލިބިފައިވާތީއެވެ. ބަލިވެއްޖެއްޔާ ނޫނީ އެެހެން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެމީހުންނަށް ވަގުތުން އާދެވޭނެއެވެ. އެހެންނޫނަސް އަހެދްވެސް ތިންމަސްވާންދެން އެގޭގައި ހުންނާނެކަމުގައި ޒަހްރާވަނީ ބުނެފައެވެ. ފައިސާ ހުރެއްޖެއްޔާ ނުވާނީ ކޮންކަމެއްހެއްޔެވެ؟

އަހެދްއަށް ސަލާމްކޮށްލުމެއްނެތި މުރުތަސިމް ފުރައިގެން ދިޔަކަން އެނގުމުން ހިތް ހަލާކުވާވަރުވިއެވެ. ނުކައި ނުބޮއި ކޮޓަރީގައި އިނދެ އަމިއްލަ ނަފުސަށް އަނިޔާދެވޭކަން އެނގުމުން ބަދިގެއަށް ދިޔައީ ކޮފީއަކާއި އެއްޗެއް ކައިލުމަށެވެ. ބާބިލް ބަދިގެއިން ބަގީޗާއަށް ނުކުމެވޭ ދޮރުން އެތެރެއަށް ވަދެގެން އައީ ވައިލެޓްކުލައިގެ ލިލީ ޕޮޓެއް ހިފައިގެންނެވެ. މާ އަޅާ ފުރިފައިވާއިރު ނިކަން ރީއްޗެވެ.

"އަހެދް...ކިހިނެއް؟ ނުވެސް ފެނޭ..." ބާބިލް އެ ވަށިގަނޑު ކުޑަދޮރުގެ ފުޅާސީޓުމަތީގައި ބެހެއްޓިއެވެ.

"މިއުޅެނީ މިގެއިން ދާންވެގެން..."

"ޖޫރީ އެހެން ކިޔާ އަޑުއެހިން. މުރުތަސިމް އެލީޒީއާއި މެރީކޮށްގެން އަބޫދާބީއަށް ދިޔަވާހަކަ...އަހެދްއަށް އެނގޭތަ؟ އަހަރެންވެސް މިހިރީ ވަންނާނެތަނެއް ނެތިފައި...ވަރަށް ބޮޑު ކުށެއްކުރެވުނީ......."ބާބިލް ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު