ދިވެހި ކެއުންތައް މިފަހަރު އައްޑޫގެ ދިވެހީންނާއެކު

މަޝްހޫރު ޔޫޓިއުބަރު މާކް ވީންސް ރާއްޖެ އައިސް ކުރި ދަތުރުގެ ވީޑިއޯތައް އާންމުކުރަމުން އަންނައިރު ތަފާތު އެކި ދިވެހި ކެއުންތައް ދައްކާލަމުން އެބަދެއެވެ. މިފަހަރު އާންމުކޮށްފައިވަނީ ސީދާ ދިވެހި ކެއުންތައް ދިވެހީންގެ ގާތުންނެވެ.

މާކް ރާއްޖެއަށް ކުރި ދަތުރުގައި އޭނާ ވަނީ މީގެ ކުރީން އެކި ކަހަލަ ދިވެހި ކެއުންތައް ދައްކާފައެވެ. އެއް ވީޑިއޯއެއްގައި އޭނާ ރިސޯޓެއްގެ ރެސްޓޯރެންޓަކުން ކައެވެ. ދެން އާންމުކުރި ވީޑިއޯގައި ފެންނަނީ މާލޭގެ ކެފޭތަކުން އެކި ކަހަލަ ކެއުންތަކުގެ ރަހަ ބަލާ ތަނެވެ.

ގިނަ ކެފޭތަކަކީ ސީދާ ދިވެހި ރަހަތައް ލިބޭނެ ތަންތަނެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ އައްޑޫ ސިޓީ ހިތަދޫއަށް ގޮސް ދިވެހީންގެ ގާތުން ދިވެހި ކެއުންތައް ރަހަބަލާ ތަނެވެ.

އެންމެ ފުރަތަމަ މިފަހަރުވެސް އޭނާގެ ދުވަސް ފެށެނީ ދިވެހި ނާސްތާއަކުންނެވެ. ދިވެހީންގެ މަސްހުންޏާއެކު ފަށާ މި ނާސްތާ ތައްޔާރުކުރުމަށް މާކް އަމިއްލައަށް ވެސް މަސައްކަތް ކުރެވެއެވެ. ސުފުރާ މައްޗަށް އެކި ވައްތަރުގެ މަސްހުނިތައް އަތުރާލިއިރު އެންމެ ގިނަ ދިވެހިން ކައި އުޅޭ މަސްހުނި ތައްޔާރު ކުރީ މިފަހަރު މާކް އެވެ.

ހެނދުނުގެ ސަޔަށް ތައުރީފު ކުރަމުން ގޮސް އޭނާ ދެން ދިވެހިންގެ ބައެއް ހާއްސަ ކެއުންތަކުގެ ރަހަވެސް ބަލާފައިވެއެވެ. އޭގެތެރޭގައި ބޮޑެތި މުނާސަބަތާއި ހާއްސަ ދުވަސްތަކުގައި ބޭނުންކުރާ ބައެއް ކެއުންތައް ހިމެނެއެވެ. އެއީ ފޮނި ފާރޮށްޓާއި އަވެއްޔެވެ.

ދެން އޮތީ މެންދުރުގެ ކެއުމެވެ. މިފަހަރުވެސް އޭނާ ކައިފައިވަނީ ދިވެހީން އާންމުކޮށް ކައި އުޅޭ އެއްޗެއްސެވެ. އެގޮތުން މެންދުރު ކެއުން ފެށީ ގަރުދިޔަ އާއި ބަތާއި ފަލަމަޑީގެ ބާވަތްތަކާއެކުގައެވެ. ރަހަ ހެޔޮވަރުކޮށްލީ ލޮނުމިރުހުންނެވެ. މާކް އަށް މި ލޮނުމިރުސްގަނޑު ވަރަށް ކަމުދިޔައެވެ. ނަމަވެސް މެންދުރު ކެއުމުގެ އެންމެ ހާއްސަ އެކައްޗަކަށްވީ މަހުގެ ބޮލެވެ. މިއީ އޭނާ މަހުގެ ބޮލަކުން ސިކުނޑި ކެއި ފުރަތަމަ ފަހަރެވެ.

ހަވީރު ސަޔަށް ހެދިކާ ކެއި އިރު އޭނާ ވަނީ އައްޑޫ ބޮނޑި ހަދާތަން ވެސް ދިވެހީންގެ ގާތުން ބަލާފައެވެ.

އަދި އެންމެ ފަހުން ރޭގަނޑުގެ ކެއުމަށް ތައްޔާރުވީ އައްޑޫގެ ހާއްސަ ކަނޑު ކުކުޅު ރިހައަށެވެ. މިފަހަރު ރިހަ ކެއުމުގެ ކުރީން ކަނޑު މަސްފޮތި ކުރާ ތަނުން ފެށިގެން ރިހައިގެ ހަވާދު ތައްޔާރު ކުރާ ގޮތްވެސް ވަނީ މާކް އަށް ފެނިފައެވެ. މާކް ވަނީ އައްޑޫ ހަވާދަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިއީ މިހާތަނަށް އޭނާއަށް ކާއެއްޗެހިން އެންމެ މީރުވަސް ދުވި އެކަތި ކަމުގައި އޭނާ ހަވާދު ސިފަކުރެއެވެ.

ވީޑިއޯ ނިންމާލަމުން އޭނާގެ ދަތުރުގައި އެހީތެރިވި ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.

comment ކޮމެންޓް