ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލްގައި މިމުބާރާތުގެ އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ އާއި ހަވަނައަށް ސީޑު ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން އިޓަލީވިލާތުގެ ސިނާ ޖާގަހޯދީ ކްއާޓާ ފައިނަލްގައި ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް، ހަތެއް ފަހެއް އަދި ހައެއް ސުމަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނީ ބުބްލިކް އާއެކު އޭނާ މީގެކުރިން ދެތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާ ކަމަށާއި އެއީ ގޮތް ނޭނގޭ ކުޅުން ތެރިއެއް ކަމަށެވެ. އެހެން ކަމުން މިމެޗުގައި ވެސް އޭނާ ކުޅުނީ އެކަންކަން ހަނދާނުގައި ބަހައްޓައިގެން ވަރަށް ވިސްނައިގެން ކަމަށް އޭނާ ބުންޏެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގައި ސިނާ ބައްދަލުކުރާ ސާބިއާގެ ޖޯކޮވިޗް ސެމީ ފައިނަލުން ޖާގަހޯދީ ކްއާޓާ ފައިނަލްގައި މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ކާމިޔަބު ކޮށްފައިވަނީ ޒުވަރޭވްއެވެ.
ނަމަވެސް ޖެހިގެން އައި ސެޓުގައި ޖޯކޮވިޗް ކައިރީ ޒުވަރޭވްއަށް މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މިސެޓު ހައެއް ތިނަކުން ޖޯކޮވިޗް ކާމިޔާބު ކުރިއިރު ޖެހިގެން ދެސެޓު ވެސް އޭނާވަނީ ހައެއް ދެއެއް އަދި ހައެއް ހަތަކުން ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ސިނާއަށް މިހާތަނަށް ފްރެންޗް އޯޕަންގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެންމެ ދުރައް ދެވިފައިވަނީ ވެސް ސެމީ ފައިނަލާ ހަމައަށެވެ. މިގޮތުން މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒްއާ ބައްދަލުކޮށްވަނީ ބަލިވެފައެވެ.
ޖޯކޮވިޗްއަށް ބަލާއިރު އޭނާގެ ވިސްނުން ހުރީ ގްރޭން ސްލޭމްގެ 25ވަނަ މުބާރާތް ކާމިޔާބުކޮށް އިތުރު ރިކޯޑެއް ގާއިމް ކުރުމަށެވެ. މި ސެމީ ފައިނަލް ކާމިޔާބު ކުރާ ކުޅުންތެރިއެއް މުބާރާތުގެ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ އަލްކަރާޒްއާ އަށްވަނައަށް ސީޑު ކުރެވިފައިވާ ލޮރެންޒޯ މުސޭޓީ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ކުޅުންތެރިޔަކާއެވެ.