މިއަހަރުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގައި ބާއްވާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން ނުވަތަ ރާއްޖޭގެ ކޮންޓިންޖެންޓުގެ އެންމެ އިސް ވެރިއަކަށް އެންމެ ފަހުން އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމު އަދާކުރި ޖައުޝަން ޝަރީފް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ ޖައުޝަން އާއެކު އޮލިމްޕިކް ކޮމިޓީގެ ގޭމްސް އެގްޒެކްޓިވް މަރިޔަމް ޝައުފާ މިވަގުތު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން ބައްދަލުވުމުގައި ބައިވެރިވާން އެ ގައުމަށް ޒިޔާރަތްކޮށްފައި ވާކަމަށެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ބައްދަލުވުމުގައި ޖައުޝަން އާއެކު ޝައުފާ-- ފޮޓޯ: އެމްއޯސީ
ސައުދީގެ ރިޔާދުގައި ނޮވެމްބަރު ހަތަކުން 21އަށް ކުރިއަށްދާ މި ގޭމްސްގެ ކުރިން ރިޔާދުގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، މި ގޭމްސްގައި ވާދަކުރާ ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ގޭމްސްގެ ތައްޔާރީތަކާއި ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ މައިދާންތަކުގެ ހާލަތާއި ކުޅިވަރު ކުޅޭ ސަރަހައްދުތަކާއި ޓީމުތަކުގެ ކަންކަން ބައްޓަންކޮށްފައިވާ ގޮތުގެ މައުލޫމާތާއި މަޝްވަރާ ކުރިއަށްދެއެވެ. އަދި ވަސީލަތްތައް ބެލުމުގެ ފުރުސަތު ވެސް ލިބެއެވެ.
ކުޅިވަރުގެ ގާނޫނީ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޖައުޝަން ވަނީ އެފްއޭއެމް މިހާރު އޮތް ނާޒުކު ހާލަތުގައި އެ އިދާރާގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޚާއްސަކޮށް ގާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ދޭންޖެހޭ ލަފާތައް ޖައުޝަން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ދީފައެވެ.
ޖައުޝަން ވަނީ 2016ވަނަ އަހަރު އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަންނަނީ އެފްއޭއެމުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.