ފްރިމްޕޮންގް ލިވަޕޫލަށް ސޮއިކޮށްފި

ފްރިމްޕޮންގް ލިވަޕޫލަށް ސޮއިކުރުން -- ފޮޓޯ/ ލިވަޕޫލް

ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކުސެންގެ ޖެރެމި ފްރިމްޕޮންގް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ފްރިމްޕޮންގް އެ ޓީމަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޔޫރޯގެ އަގަކަށެވެ. ލިވަޕޫލުން ނެދަލަންޑްސްގެ މި ކުޅުންތެރިޔާ އެޓީމަށް ގެންގޮސްފައިވަނީ އޭނާ ލެވަކޫސެން އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ރިލީސް ކްލައުސް އެކްޓިވޭޓް ކޮށްގެންނެވެ.

ބެލެވިފައިވާގޮތުގައި ފްރިމްޕޮންގް ކުޅެނީ މިދިޔަ ސީޒަންގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ކުޅުނު މަގާމަށެވެ. ނަމަވެސް މިމަގާމަކީ ކޯނޯ ބްރެޑްލީވެސް ކުޅޭ މަގާމުކަމުން ފްރިމްޕޮންގްއަށް މަގާމު ޔަގީން ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހުމަކީ ގާތްކަމެކެވެ.

ބްރެޑްލީވަނީ އެލެގްޒެންޑާ އާނޯލްޑް އަނިޔާގައި ހުރިއިރު ފުރަތަމަ އެގާރައިގާ ހިމެނި ލިވަޕޫލުން ލީގު ކާމިޔާބު ކުރުމަށް ކުރި މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފްރިމްޕޮންގްވަނީ 2023-2024 ވަނަ ސީޒަންގެ ބުންޑެސްލީގާގެ ތަށި ލެވަކޫސެންއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި ސީޒަންގައި ލީގުގެ ދެވަނައިގައި އޮވެގެން ލެވަކޫސެން ސީޒަން ނިންމާލިއިރު ފްރިމްޕޮންގްވަނީ އެޓީމަށް 53 މެޗު ކުޅެދީފައެވެ.

ފްރިމްޕޮންގްއަކީ މެންޗެސްޓާ ސިޓީގެ އެކަޑަމީން އުފެދިގެން ދިޔަ ކުޅުންތެރިއެކެވެ. އަދި އޭނާ ސިޓީން ވަކިވެ 2019 ވަނަ އަހަރު ސެލްޓިކަށް ބަދަލުވިއިރު އަދި ލެވަކޫސެން އާއި ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. ލިވަޕޫލްގައި މިހާރުވެސް ނެދަލަންޑްސްއަށް ނިސްބަތްވާ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކް، ކޯޑީ ގަކްޕޯ އަދި ރަޔަން ގްރަވެންބާޗްއެވެ.

މީގެ އިތުރުން އެ ޓީމުގެ ކޯޗު އާން ސްލޮޓް އަކީވެސް ނެދަލަންޑްސްއަށް ނިސްބަތްވާ ފަރާތެކެވެ. ފްރިމްޕޮންގްގެ އިތުރުން ލެވަކޫސެންގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ފްލޮރިއަން ވާޓްޒް ގެންދިއުމަށްވެސް ލިވަޕޫލް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު