"ވާނުވާ" ޖަހައިފައި ތިބި ޝަރުތު ހަމަވާ މީހުން، ޓެގު އަޅުވައި މިނިވަންކުރަން ފަށައިފި

މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި: ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅައި ދޫކުރަން އެދި، މިދިޔަ ބުރާސްފަތި ދުވަހު ދެތިން ފޯމެއް ލިބުނު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި -- ފޮޓޯ/ ފުލުހުން

ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ގެންނަން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން މިއަދު ޓެގް އެޅުވުމުގެ ކަންކަން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ނިންމުމާ ހަމައަށް ވާސިލްވީ، ވާނުވާ ބަންދުގެ މައްސަލައިގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.

އޭގެ ފަހުން، ވާނުވާ ބަންދު ޖަހައިފައި ތިބި މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދޭ ގޮތަށް ދޫކޮށްލުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)އާއި ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް މި މަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ ބުދަ ދުވަހެވެ.

އެއާއެކު މިރޭ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ މިހާރު އެ ފަދަ މީހުންގެ ގައިގައި ޓެގު އަޅުވައި، އެ މީހުން މޮނިޓަރުކުރެވޭނެހެން ބަންދުން ދޫކުރުމުގެ ކަންކަން ފަށައިފައިވާ ކަން ހާމަކުރައްވައިފައެވެ.

އެގޮތުން ކޯޓުން ކަނޑައަޅާފައިވާ ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި މަސައްކަތުގެ ތެރެއިން ''ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ'' ކަމަށް ރައީސް ވިދާޅުވިއެވެ.

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ހާލަތްތައް ބައެއް ފަހަރު ދިމާވާއިރު، އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވެއެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް އެ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް