ޢުމުރުން 47 އަހަރުގެ އަންހެނަކު ބޮލީވުޑްގެ އެކްޓަރު އަދިތިޔަ ރޯއި ކަޕޫރު މުމްބާއީގައި ދިރިއުޅޭ ގެއަށް ވަންނަން އުޅުމުން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ކާކުކަން ނޭނގޭ މި އަންހެން މީހާ އަދިތިޔަ ދިރިއުޅޭ ގެއަށް ވަންނަން އުޅުނީ އެކްޓަރަށް ހަދިޔާތަކެއް ދޭން ބޭނުންވެގެން ކަމަށް އެ ގޭގެ ސެކިއުރިޓީން ސުވާލުކުރުމުން ވަނީ ބުނެފައެވެ.
މިކަން މުމްބާއީގެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު މީޑިއާތަކުން ބުނެފައިވަނީ މި އަންހެން މީހާއަކީ ދުބާއީގައި ދިރިއުޅޭ އަންހެނެއް ކަމަށެވެ.

އަދިިތިޔަ ބަތަލާ ޝްރައްދާ ކަޕޫރާ އެކު--ފޮޓޯ/ޓައިމްސްނައު
މި އަންހެންމީހާ އަދިތިޔަގެ ގެއަށް ވަންނަން މަސައްކަތްކުރިއިރު އެކްޓަރު ވަނީ ފިލްމު ޝޫޓިންއެއްގައި ގެއިން ބޭރުގައި ކަމަށާއި އެކަން ރިޕޯޓުކޮށްފައިވަނީ އެ ގޭގައި ގެންގުޅޭ މަސައްކަތު އަންހެންމީހާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އަދިތިޔަ ޝޫޓިންގް ނިންމާފައި ގެއަށް އަންނަންދެން އެ އަންހެން މީހާ އެކްޓަރަށް އިންތިޒާރު ކުރި ކަމަށާއި އެންމެ ފަހުން އޭނާ އެތަނުން ފޮނުވާލަން ޖެހުނީ ފުލުހުންގެ އެހީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ މީހާގެ ވަނަވަރު އެނގުނު ނަމަވެސް އޭނާ އަދިތިޔައާ ބައްދަލުކުރަން ބޭނުންވީ ކީއްވެގެން ކަމެއް މިހާތަނަށް ބުނެދީފައެއް ނުވެއެވެ. މީގެ އިތުރުން، އަދިތިޔަ ދިރިއުޅޭ ގޭގެ މައުލޫމާތު އޭނާ ހޯދީ ކިހިނެއް ކަމެއް ވެސް ފުލުހުން ސުވާލުކުރުމުން ބުނެދީފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދި ފަހުން އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓަށް ދެ މީހަކު ވަންނަން މަސައްކަތްކުރި ކަމުގެ ރިޕޯޓު ވެސް ފުލުހުންނަށް ވަނީ ލިބިފައެވެ.