ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރެއްވުމުން ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފުގެ މައްޗަށް ކުރި ދައުވާ ސާފުވެވަޑައި ނުގަންނަވާ ކަމަށް ދެ ބޭފުޅުން ވެސް ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.
ދައުލަތުން މިއަދު އުފުލި ދައުވާގައި ބުނަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ މުލީއާގޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު ކައިރިއަށް އެއްވެ މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރުބަޔަކާއެކު މުޒާހަރާކޮށްފައިވާ ކަމަށެވެ.
ދައުވާއާއި ބެހޭ ގޮތުން ގާޒީ އަބްދުﷲ ދީދީ ސުވާލު ދެންނެވުމުން މަހްލޫފު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ ފަހަރު މުޒާހަރާ ކުރެއްވިފައިވާ ކަމަށާއި ދައުލަތުން އުފުލާފައިވާ ދައުވާގައި އެ ބުނަނީ ކޮން ގޯޅިއެއްގެ ތެރޭގައި ހުރި ރޯޑް ބްލޮކްތަކެއްގެ ވާހަކަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މުޒަހަރާގައި ކަން ހިނގާފައިވާ ގޮތް ދައުވާއިން ސާފުނުވާއިރު އޭގެ ފަހުން ގިނަ ދުވަސް ތަކެއް ވެފައި ވާތީ އެކަން ހިނގިގޮތް ހަނދުމަފުޅުގައި ނެތް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.
އަލީ ވަހީދު ވެސް ވިދާޅުވީ ދައުވާ ސާފުވެ ވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ފުލުހުން މަގުތައް ބަންދުކޮށްފައި ވަނިކޮށް މުލީއާގެ ކައިރިއަށް އެއްވެފައިވާ ކަމަށް ދައުވާގައި ބުނާއިރު މަގުމަތީ ބަހައްޓާފައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތަށް ޖެއްސީ އެނާ ކަން ނުވަތަ ނޫން ކަން ވެސް ސާފު ނުވާ ކަމަށެވެ.
ދައުލަތުން ތަކުރާރުކޮށް ދައުވާ އިއްވަމުން ޕީޖީގެ ވަކީލު ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ފުލުހުން ބަހައްޓާފައިވާ ރޯޑް ބްލޮކްތައް އެއް ފަރާތަށް ޖައްސާފައި ވަނީ އަލީ ވަހީދާއި މަހްލޫފު އިސްކޮށް ތިއްބަވައިގެންކަން ދައުލަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.
މަހްލޫއާއި އަލީ ވަހީދު ޑީއާރްޕީގައި ތިއްބައިވައިގެން ކުރި މުޒާހަރާއަކާ ގުޅިގެން ދެ ބޭފުންގެ މައްޗަށް އެއްކޮން ދައުލަތުން އުފުލި ދައުވާ ވަކި ވަކީން ދެ ބޭފުޅުންގެ މައްޗަށް ކޮށްދިނުމަށް މިހާރުގެ ޕީޕީއެމް ޕާލެމެންޓްރީ މެންބަރު މަހްލޫފް ވަނީ ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ވަކީން މައްސަލަ ކުރިއަށް ގެންދަން ބޭނުންވެވަޑައި ގަންނަވަނީ މިހާރު ދެބޭފުޅުން ވެސް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވާތީ ކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ދައުލަތުން ދައުވާ އުފުލާފައި ވަނީ ދެ ބޭފުޅުންގެ މައްޗަށް އެއްކޮން ކަމަށާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ދައުލަތުން އުފުލާފައިވާ މައްސަލައާއި ގުޅުން ހުރި ކަމެއްނޫން ކަމަށެވެ. ޝަރީއަތުގައި މަޖިލީހުގައި ސިޔާސީ ވާހަކަ ދެއްކުމަކީވެސް މަނާ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަރީއަތުގައި އެ ދައުވާ މިހާ ގިނަ ދުވަސް ތަކެއް ވަންދެން ހުށަނާޅުއްވާ އޮތީ ކިހިނެތްވެގެންތޯ އަލީ ވަހީދު ވަނީ ޕީޖީގެ ވަކީލާއި ސުވާލުކޮށްފަ އެވެ. އަލީ ވަހީދުގެ ސުވާލުގެ ޖަވާބުގައި ޕީޖީގެ ވަކީލް ވިދާޅުވީ މިއަދު ހުށަހަޅާފައިވާ މައްސަލައަކީ 2010 ވަނަ އަހަރު ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ފަހު އެ ވަގުތު ދައުވާ ކުރަން ބޭނުން ނުވެގެން އަނބުރާ ގެންގޮސްފައިވާ ދައުވާ އެއްކަމަށެވެ.
ދައުލަތުން މިއަދު ހުށަހަޅާފައިވާ ދައުވާ ކުރިން ހުށެޅުމަށް ފަހު ޕީޖީން އަނބުރާ މައްލަސަލަ ގެންގޮސްފައިނީ ކީއްވެގެންތޯ އާއި މައްސަލަ ހުށަހެޅުމަށް ފަހު ޕީޖީ ބޭނުންފުޅުވެ ވަޑައިގަތުމުން އަނބުރާ ގެންދެވޭ އުސޫލެއް އޮވޭތޯ ގާޒީ އަބްދުﷲ ދީދީ މިއަދު ވަނީ ސުވާލު ކުރައްވާފަ އެވެ.
ޕީޖީގެ ވަކީލު ވިދާޅުވީ އެ ދައުވާ ކުރުމަށް ފަހު އަނބުރާ ގެންދިއައީ ސިވިލް ސާވިސް ކޮމިޝަން ތެރެއަށް ވަދެ އެތަނުގައި ހަމަ ނުޖެހުން ހިންގި ދެ މީހެއްގެ މައްސަލަ ތަހްގީގު ކުރުމަށް އެންގުމުން ފުލުހުން އެ މައްސަލަ ތަހްގީގު ކޮށް ނުފޮނުވާތީ އެ މައްސަލައިގައި ދައުވާ ނުކޮށް އެފަދަ އެހެން މައްސަލަ އެއްގައި ދައުވާ ކުރުމަށް ޕީޖީ ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި މިހާރު އަލުން އެ މައްސަލަ ހުށަހެޅީ ސިވިލް ސާވިސް ކޮމިޝަން ތެރެއަށް ވަން މީހުންގެ މައްސަލައާއިއެކު ކަމަށް ވެސް ޕީޖީގެ ވަކީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލެއްވުމުގެ ކުރީން ގާޒީ ވިދާޅުވީ އަވަސް ތާރީހެއްގައި މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހަށް ދެ ބޭފުޅުނަށްވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ވެސް ދެއްވި އެވެ.