ރިސޯޓު ލީގުގެ ދާލު އަތޮޅު ޒޯނުގެ ތަށި ވެލާވަރަށް

ރިސޯޓު ލީގުގެ ދާލު ޒޯނުގެ ޗެމްޕިއަންކަން ހޯދި ވެލާވަރު-- ފޮޓޯ: ރިސޯޓު ލީގު

ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގުގެ ދާލު ޒޯނުގެ ޗެމްޕިއަންކަން އަންގްސަނާ ވެލާވަރުން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

މުބާރާތުގެ ދ. އަތޮޅުގެ ޗެމްޕިއަންކަން ވެލާވަރުން ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ސެއިންޓް ރީޖަސް ވޮއްމުލީގެ މައްޗަށް 6-2ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ޒޯނުގެ މެޗުތައް ކުޅެފައިވަނީ ނިޔާމަ ޕްރައިވެޓް އައިލޭންޑުގައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ނިޔާމަ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭގޮތެއް ނުވިއެވެ.

މެޗު ފަށައިގެން ހަވަނަ މިނެޓްގައި ވެލާވަރުގެ އަލީ ޝާނިއު ވަނީ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 14ވަނަ މިނެޓްގައި ޝާނިއު ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ވޮއްމުލީގެ ޝަފީއު ހަސަން ޖެހި ލަނޑާއެކު ފަރަގު ކުޑަކުރިއެވެ.

ދެވަނަ ހާފުގެ ހަވަނަ މިނެޓްގައި ވެލާވަރުގެ މުހައްމަދު ޝާހް ޖެހި ލަނޑާއެކު ލީޑު އިތުރަށް ފުޅާކުރިއެވެ. އޭގެ ފަސް މިނެޓް ފަހުން ޝާހު ވަނީ ވެލާވަރުގެ ހަތަރުވަނަ ގޯލު ޖަހާފައެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވޮއްމުލީގެ ހަސަން ހުޝާމް އަބްދުالله ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހާފައެވެ. އޭގެ ދެ މިނެޓް ފަހުން ޝާނިއު ވަނީ އިތުރު ގޯލެއް ޖަހައި ވެލާވަރު ޓީމަށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްދީފައެވެ. ވެލާވަރުގެ ހަވަނަ ގޯލު ފެނުނީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އީލާފް އަހުމަދެވެ.

މި ޒޯނުގައި މިހާތަނަށް ކަނޑިންމަ ރިސޯޓު ތިން ފަހަރު ތަށި ހޯދާފައިވާއިރު ނިޔާމަ ވެސް ވަނީ ތިން ފަހަރު ހޯދާފައެވެ. މި ކާމިޔާބީއާއެކު މިއީ ވެލާވަރުން މި ތަށި ހޯދި ދެވަނަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު