ސްރީ ލަންކާގައި ބޭއްވި އެނުއަލް މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 45 އަހަރުން މަތީގެ 100 މީޓަރުގައި ވާދަކޮށް ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އަލީ ޝަރީފް ރަން މެޑަލް ހޯދައިފިއެވެ.
ޖުމްލަ 11 ބައިވެރިންނާއެކު ވާދަކުރި މި ދުވުމުގައި ޝަރީފު ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދާ މި މުބާރާތުގެ ހުރިހާ އިވެންޓެއް ބާއްވަމުން އަންނަނީ ކޮލޮމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައެވެ.
މި މުބާރާތުގައި ސަރަހައްދުގެ ކުރީގެ ވަރުގަދަ ދުވުންތެރިން ދަނީ ވާދަ ކުރަމުންނެވެ. މީގެ ތެރޭގައި ލަންކާގެ ގިނަ ދުވުންތެރިން ހިމެނެއެވެ.
ފުވައްމުލަކުގައި މިހާރު ވެސް ކޯޗިންގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝަރީފް މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ ކުރީގެ ދުވުންތެރިންގެ މައްޗަަށް އެކުލެވޭ މާސްޓާސް އެތުލެޓިކްސް ކުލަބުގެ ނަމުގައެވެ.
މި މުބާރާތުގައި އެ ކުލަބުގެ ހަ މެންބަރަކު ވާދަކުރެއެވެ.