ލ. ފޮނަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުން ކަރަންޓު ކެނޑިފައި ހުންނަތާ 20 ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވާ ކަމަށް ފޮނަދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.
އާބާދީގައި 2200 މީހުން ދިރިއުޅޭ ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފު ސަން އޮންލައިންއަށް މިރޭ ވިދާޅުވީ އެ ރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި ތިން އިންޖީނުގެ ތެރެއިން މައި އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރަށުން ކަރަންޓް ކެޑުނީ ރޭ 11:30 އެހާއިރު ކަމަށެވެ.
ތިން ޖަނަރޭޓަރު ބޭނުން ކޮށްގެން ފޮނަދުއަށް ކަރަންޓް ދެނީ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ. ޝަރީފު ވިދާޅުވީ އިންޖީނު ގޭގައި ބޭނުން ކުރަނީ 200 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރާއި އަދި 360 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
"މުޅި ރަށަށް ކަރަންޓް މި ތިން އިންޖީނު ބޭނުންކޮށްގެން، އޭގެތެރެއިން މި 360 ކިލޯވޯޓުގެ އިންޖީނުގައި މައްސަލައެއް ދިމާވީ، ފުދޭ ވަރަކަށް ބޮޑު މައްސަލައެއް ދިމާވެފައި ހުރި ކަމަށް އިންޖިނިއަރުން ބުނަނީ. ރޭ 11:30ގައި ކަރަންޓް ދިޔަ ފަހުން ރަށަށް ކަރަންޓެއް ނުލިބޭ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ޓެކްނީޝަނެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މައްސަލަ ހައްލުކުރެވި ރަށަށް ކަރަންޓް ދެވޭނީ މާދަމާގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. ޝަރީފު ވިދާޅުވީ ކަރަންޓް ކެޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ތަފާތު އުދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
"ރޭއްސުރެ އަޅުގަނޑުމެން މިތިބެނީ ވަރަށް ހާލުގައި، މިއަދު ރޯދަ ވީލަންވެސް ގިނަ ގޭގޭގައި ރަނގަޅު ކާއެއްޖެއްވެސް ނުހެދޭ،" ޝަރީފު ވިދާޅުވި އެވެ.
މިއަހަރުގެ އެޕްރީލް މަހުވެސް ފޮނަދޫގެ އިންޖީނުތަކަށް މައްސަލަ ދިމާވެ އެ ރަށުން ކަރަންޓް ކެޑުނެވެ.