"މީހެއްގެ ދުލުން "އަލްހަމްދުލިﷲ "ބުނެލާވަރުގެ ސަބަބަކަށް ތިބާވާށެވެ. ﷲތައާލާ އެންމެ ލޯބިވެވޮޑިގެންވާ އަޅުތަކުންގެ ތެރޭގައި މުސްލިމަކު އުފާވާފަދަ ކަމެއް ކޮށްދިނުން، މީހަކަށް ޖެހިފައިވާ އުދަގުލެއް ފިލުވާދިނުން، ދަރަނިއަދާކޮށްދިނުން އަދި ބަޑުފުރާނަ މުއްތިކޮށްދިނުން ހިމެނެއެވެ."
***
"ޒުބޭރުގެ މަންމަ ހާނިއާ އެ ކޭކު ތައްޔާރުކުރީ މިރިއަމްއަށްޓަކާ... ހާނިއާ ބުނިގޮތުން ޒުބޭރު އަބަދުވެސް އާދޭސްކޮށްގެން އޮރެންޖްކޭކު ފިހުނީ. އަބަދުވެސް އެކޭކު އަހަރެމެންނަށް ގެނެސްދިނީ.. ހާނިއާވެސް ހީކުރީ މަންމައަށް މީރުވެގެން ޒުބޭރު މަންމައަށް ގެނެސްދިނީ ކަމަށް...އެކަމަކު މިރިއަމްއަށް މަންމަ އޮރެންޖަށް އެލާޖިކްކަން އެނގެއެއްނު.."
މިރިއަމްގެ ބުމަކައިރިވިއެވެ. މިއީ އޭނަގެ ސަފުހާތަކުގެ ތެރެއިން ނޭގި ދޫކޮށްލެވިފައިވާ ބައެކެވެ. ޒުބޭރު އެފަދަ ކަމެއްކުރަންވީ ސަބަބަކީ ކޮބާހެއްޔެވެ؟
"ޒުބޭރު އެނބުރި އަތުވެއްޖެ ދޯ.." މަންމަ އޭނައާއި ދިމާލަށް ނަޒަރު ހުއްޓައިލިގޮތުން މަންމަގެ ވިސްނުން ހުރިގޮތް ދެނެގަނެވުނެވެ.
"މަންމާ އަހަރެން ދުވަހަކުވެސް ޒުބޭރުއާއިމެދު އެކަހަލަ ނަޒަރަކުން ނުދެކެން..."އޭނަގެ އަޑު ތަންކޮޅެއް ބަރު ވިއެވެ." މިބުނީ އަނެއްހެން ބަލާއިރު އެއީ..ރަށު މީހެއް. ކުޑަކޮށް ބޮލަށް އުދަގޫ ވާ ވައްތަރަށް އުޅުން ހުންނަނީ. މާ ބޮޑަށް މަޖާވާހިތުން އުޅޭ މީހެއް. އެއްވެސް ސީރިޔަސްކަމެއް ހަރުދަނާކަމެއްނެތް.."
"އެކަމަކު އޭނަ މިރިއަމްއަށް ކޭކު ގެނެސްދޭ. ބައެއްފަހަރު ސްކޫލްގަޑި ނިމިގެން މިރިއަމްއާއެކު މަޑުކޮށްގެން ހުރޭ..."ޖަމީލާއަށް ލިބުނީ ހައިރާންކަމެކެވެ.
"އެއީ އޭނަގެ ވައްތަރު.."މިރިއަމް ގެ ޖަވާބު އަވަސްވެފައި ދިފާއުވާން މަސައްކަތްކުރިއެވެ. އެއީ ކޮންމެހެން އަހަންނަށް ވީމަ އޭނަ ކުރާކަމެއްނޫން. އެންމެނާއި ގުޅިގެން އުޅުނީ..އަދި މަންމަ ބުނީމަ މިއެނގުނީ... މަންމަ އޮޮރެންޖަށް އެލާޖިކްވާކަމެއްވެސް ކުރިއަކުން ނުދަންނަން......."
"ބައެއްފަހަރު ކަންތައްތައް އެނގެނީ މާފަހުން.."ޖަމީލާގެ މަޑު ހުނުމުގައި ހިތާމަވެރިކަމުގެ ކުޑަ އަސަރެއްވިއެވެ.
އޭނަ އިސްޖަހާލައިގެން އިންއިރު ސައިތަށި ހިހޫވަމުން ދިޔަކަން އެނގުނެވެ. އިނގިލިތަކަށް ކުރެވުނު ހޫނު އިހުސާސްފިލައިފިއެވެ. އެއާއެކު ފިނިކަން ހިތާއި ހަމަޔަށް ފޯރިއެވެ. "އަހަރެން އިންތިޒާރުކުރީ ޒުބޭރުއަކަށް ނޫން. އެހެން މީހަކަށްޓަކާ..."
"ހަމްޒާ؟" ޖަމީލާ ބުމަ އުފުލައިލިއެވެ.
އޭނަގެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ. ޖަމީލާއަށް އަނެއްކާވެސް އޭނަގެ އަތުގައި ފިރުމައިލީ އޯގާތެރިކޮށެވެ." އެމީހަކަށް ލިބެން ހުރި އެއްޗެއް ކޮންމެވެސް ގޮތަކަށް ލިބޭނެ. އެއްދޮރު ބަންދުވާނީ އަނެއް ދޮރު ހުޅު އެމީހަކަށްޓަކާ ﷲ ހުޅުވާ ދެއްވާ...އެކަމަކު އެދިމާލަށް ދިޔުމުގެ ހިތްވަރު ހުންނަން ޖެހޭނެ، ދިރިއުޅުމުގައި ދިމާވާ އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނީ ހިތްވަރުކޮށްގެން. ކެތްތެރިވެގެން. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު...އެކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލާތި..."
ސަޔަށްފަހު މިރިއަމް ކޮޓަރިއަށް ވަނެވެ. އޭނަގެ މޭޒުމަތީގައި ހުރި ދީނީ ފޮތްތަކަށް ނަޒަރު ހިންގައިލެވުނެވެ. ގުރުއާންގެ ތަރުޖަމާއަކާއި ބައެއް އިލްމީ ފޮތްތަކެވެ. ސަޔާރާ އޭނަގެ ގާތުގައި އެތައްފަހަރު އެދިފައިވަނީ ދީނީ އިލްމު އުނގެނުމަށެވެ. ކަށްވަޅަށްދާންދެންވެސް އިލްމު އުނގެނެންވާނެއެވެ. އެބުނާހެން އެންމެ މުހިއްމު އެއްޗަކީ އަގީދާ ދަސްކުރުމެވެ. ދީން އެނގުމެވެ. އެކަނި ގުރުއާންގެ ދެލިގަނޑު ކިޔައިގެން މާނަވެސް އެނގޭނީ ކިހިނެއްހެއްޔެވެ؟ އެކަމަކު ފޮތެއްގައި އަތްލާނެ ވަގުތެއްވެސް ލިބެނީއެއް ނޫނެވެ. އޭނަގެ މަންމަ ގެންގުޅޭ ތަންކޮޅެއް ކުރީ ޒަމާނުގެ ފޮތްތައްވެސް ހުރެއެވެ. ހަގުރާމައިގެ ވާހަކަތަކާއި ރަސޫލު ބޭކަލުންގެ ވާހަކަތަކާއި ދުޢާ ފޮތްތަކެވެ. އޭނަ ކުޑައިރު ނިންދަވަންވެސް މަންމަ ކިޔައިދޭނީ ރަސޫލު ބޭކަލެއްގެ ވާހަކަތަކެވެ.
"އަހަރެންވެސް ސަޔާރާކަހަލަ އުފާވެރި ކުއްޖަކަށްވާން ބޭނުން. އެކަމަކު ކިހިނެއް އުފާވެރިކަން ހޯދާނީ؟ ހާދަ އެއްޗެއް ގެއްލިއްޖެއޭ........."މިރިއަމް ގުރުއާން ތަފްސީރުގެ ފުރަތަމަ ބައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ. ނަމަވެސް އެންމެ ޖުމްލައެއްވެސް ކިޔައިލެވޭ ވަރެއްނުވިއެވެ.
"އަދި ފަހުން.....މާދަން ފަށާނީ..."
އޭނައަށް ބެލުނީ ފޯނަށެވެ. ހަމްޒާ އާ ފޮޓޯއެއް ލާފައި އިންތޯ ބަލައިލެވުނެވެ.
މިރިއަމްއަށް ނުވިސްނެނީ ހަޔާތުން ވޭތުވެގެންދާ އެންމެ ސިކުންތުކޮޅެއްގެ އަގުބޮޑުކަމެވެ. އެންމެ ވަގުތެއްވެސް ބޭކާރުކޮށްލައިގެން ނުވާނެކަމެވެ.
***
މިރިއަމް އޭނަގެ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުރެގެން ޔުނިފޯމްގެ ބްލައުޒް ރީތިކުރަމުން ދިޔައެވެ. ކޮނޑާއި ދިމާލުން އެހެން ދުވަހަށްވުރެ ބޮޑުހެން ހީވިއެވެ. އާދައިގެ އިސްކޮޅެއްލާފައި ހުއްޓަސް އޭނަގެ ހަށިގަނޑު ހުންނަލެއް ނިކަން ސީދާއެވެ. ސްމާޓް ކުއްޖެކޭ ބުނެވޭވަރުއެވެ. އެތައް އަހަރެއްގެ ދިގު ޝިފްޓްތަކާއި އެކު ކޮޅަށް ހުންނަން އާދަވެފައިވުމުންނެވެ. އިރުގެ އަވިން އެތައް ފަހަރު ބޮސްދީފައިވާ ހަންގަޑެއްކަމުން ރަންކުލައެއް އަރާފައެވެ. ގުދުރަތީގޮތުން ކޯތާފަތަށް ކުޑަ ރަތްކަމެއް އަރާފައި ހުރެއެވެ. ލެނބިފައިވާ ބޯ އެސްފިޔަތަކަށް އަނދުން ބޭނުމެއްނުވެއެވެ. ލޮލުގެ ކައިރިން ކޮންމެވެސް ވަރަކަށް ރުލުގެ އަސަރު ފައުޅުވެއެވެ. ނުނިދާ ހޭދަކުރެވުނު ރޭތަކާއި ޚިޔާލުތަކުގެ އަސަރެވެ. އެންމެންވެސް ބުނާގޮތުން ވަރުބަލި ދެލޮލެވެ. އެކަމަކުވެސް އޭނައަށް ފެންނަނީ އަބަދު ސަމާލުވެ ހުރުމާއި ހުރިހާކަމެއް ފަރުވާތެރިކަމާއެކު ބަލަމުން ދާ ތޫނު ލޮލެވެ. އޭނަ އެއްވެސް ވަރަކަށް މޭކަޕްބޭނުމެއް ނުކުރެއެވެ. ނަމަވެސް އަވިގަދަ ދުވަހެއް ވެއްޖެއްޔާ ލިޕްބާމެއް ހާކައިލައެވެ. އަދި ފުށްކޮޅެއް ޖަހައިލައެވެ.
އޭނައަކީ ހިނިތުންވުމާއި ބީރައްޓެހި ކުއްޖެކެވެ. އެކަމަކު ހިނިތުންވެއްޖެއްޔާ އެންމެން ހައިރާންކުރުވައެވެ. ސަބަބަކީ އޭނަގެ އެ ހިނިތުންވުމުން މުޅި މޫނު ތަފާތު ކޮށްލާތީއެެވެ. ގިނަދުވަހު އޭނަގެ މޫނުމަތީގެ ޝުއޫރުތައް ކިޔައިލެވޭވަރެއް ނުވާނެއެވެ. ތަންކޮޅެއް ދުރުހެން ހީވާފަދަ ނަޒަރެކެވެ. ނަމަވެސް އޭނަގެ ހިތާއި ކުޅެލާފަދަ ކަމެއް ފެނިއްޖެއްޔާ ހީގަނެވިދާނެއެވެ. ނޫނީ ވޯޑުގައިވާ ބަލިކުއްޖަކު ހިތަށް ނާރާފަދަ އެއްޗެއް ބުނެލުމުން އިރުއަރާފަދައިން އޭނަގެ މޫނުމަތި ދިއްލިގެން ދާނެއެވެ. އަދި ލޯވެސް ހަނދުފަޅިއެއްގެ ބައްޓަމަށް ބަދަލުވާނެއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައީ ޑިސެމްބަރު މަސް ނިމުމަކަށް ގެންނަމުންނެވެ. ފަސްއަހަރުގެ އިންތިޒާރުގެ މޭވާ ފޮންޏެއް ނުވިއެވެ. އަނެއްކާވެސް އޭނަގެ ހިތުގައި ކުޑަކޮށް ރިއްސަން ފެށިނަމަވެސް އޭނަ ނަފުސް ހަމަޔަކަށް އެޅުވިއެވެ. މިއީ އަދި ޖަޒުބާތީވާން ވީ ދުވަހެއްނޫނެވެ.
އޭނައަށް އަހަރީ ޗުއްޓީލިބުމުގެ ކުރިން އެންމެ ފަހު ޑިއުޓީއަށް އައި ދުވަހެވެ. މުޅި ތިރީސްދުވަސް ގޭގައި ހޭދަކޮށްލަން ލިބެނީއެވެ. ހަމަނޭވާލާން ލިބޭ ތިރީސްދުވަހެވެ. ފަހަރެއްގައި ހިތަށް ތަސައްލީވެސް ލިބިދާނެއެވެ. އޭނަ ޔުނިފޯމް ލުމަށްފަހު ގިރުވާނުގެ ގޮށް އަޅުވައިލިއެވެ. އަދި އޭނަގެ ނަން ޖަހާފައިވާ ކުޑަ ޕިންގައި އިނގިލި ޖައްސައިލިއެވެ. މިރިއަމް އިސްމާއީލްއެވެ. އޭގެ ފިނިކަން އަތަށް އިހުސާސްކުރެވުނެވެ. ހެނދުނު ނާސްތާ ނަގާފަދަ މޫޑެއްނެތުމުން އޭނަ ނިންމީ ދާ މަގުމަތީގައި އާފަލެއް ނަމަވެސް ގަނެގެން ކައިލުމަށެވެ. ގެއިން ނިކުންނާން ދަނިކޮށް މަންމަ ޖަމީލާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ސްކޫލަށް ދަނީތަ؟"
އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ވަގުތުން ހިތަށް ބަޔާން ނުކުރެވޭފަދަ އުދަގޫތަކެއް އިހުސާސްވިއެވެ.
"ނޫން މަންމާ. މިދަނީ ވަޒީފާއަށް..." ފާއިތުވެގެން ދިޔަ ހަފްތާތެރޭގައި އެންމެ ފަހަރަކުވެސް މަންމަ އޭނަގެ މަތިން ހަނދާން ނުނެތެއެވެ. ކަންތައްތައް ހަނދާންވުމުގެ އިތުރުން މަންމަގެ ހާލަތު ވަރަށް ބޮޑުތަން ރަގަޅެވެ. މަދުފަހަރެއްގައި ހަމަނުޖެހޭފަދަ އެއްޗެއް ބުނެލާނެއެވެ.
މަންމަ ލަސްލަހުން ބޯ ޖަހައިލިއެވެ.އެ ޖުމްލަ ސިކުނޑިއަށް ނަގައިގަނެ ދޭހަވާން އެހެން މީހުންނަށްވުރެ އިތުރު ވަގުތުކޮޅެއް ބޭނުންވާ ފަދައަކުންނެވެ.
"އާހް...ހޫމް..ވަޒީފާ ދޯ....ބަލައިގެން އުޅެއްޗޭ. ގެއަށް އަންނަ މަގުމަތީގައި ނޫހެއް ގެނެސްދެއްޗޭ.."
މިހާރު ނޫސް އެގޮތަށް ބަހާނޫޅުނަސް އޭނަ އެއްބަސްވިއެވެ. އަދި އިރުގެ މަޑު އަވީގެ ތެރެއަށް ނިކުތްއިރު ކޮނޑުގައި ދަބަސްއަޅުވާލާފައި އޮތެވެ. އެއްބަސްވާން ބޭނުންނުވިޔަސް އޭނަގެ ހިތުގައިވާ ބުރަދަން އިތުރުވާންފެށިއެވެ. ހޮސްޕިޓަލަށްވަދެފައި ދަބަހުން އޭނަގެ ޚާއްސަ ގަލަން ނަގައިގެން ޗެކްކުރަންފެށިއެވެ. ހަތަރު ބަލިމީހުން ދޫކޮށްލާފައިވާއިރު ބޭސްއަޅާކުއްޖަކާއި އިތުބާރުގެ މައްސަލަ އުޅޭ ހަކުރުބަލީގެ ބޮޑުދައްތައެއް އުޅެއެވެ. ޕްރައިވެޓް ކޮޓަރިއެއްގައި އޮތް ކުޑަ ފިރިހެންކުއްޖަކު އައިވީ ހޮޅީގައި ދަތްއަޅަން މަސައްކަތްކުރަމުންދިޔައެވެ. މަންމަ ނިދިން މަހުރޫމްވެފައިވާ ފަހުލަވާނެއް ނަމަވެސް ފޯނުން އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްނުލައެވެ. ދުރަށް ބަލައިލިޔަސް އަގުބޮޑު އެއްޗެއް ގެއްލިދާނެތީ އުޅޭހެން ސްކްރޯލް ކުރަމުންދާތަން ފެނުމުން މިރިއަމް ކައިރިއަށްގޮސް އެކުއްޖާގެ އެ ސަކަރާތް ހުއްޓުވަން އުޅުނެވެ. އިރުކޮޅެއްނުވަނީ އެކުއްޖާގެ ބައްޕަ އެއް އަތުން މާތަކެއް އަނެއްއަތިން ކަފަ ބުދެއް ހިފައިގެން އަންނަތަން ފެނުނެވެ. އެމީހާ މަންމައަތަށް މާތައް ދިނެވެ. ބަލިމީހަކީ އަންހެންމީހާހެއްޔެވެ؟ ނޫނީ ކުޑަކުއްޖާހެއްޔެވެ؟ އެހާ ހިތި ޚިޔާލުތައް އަންނަނީ ކީއްވެހެއްޔެވެ؟ ފެންނަ ކޮންމެ ދެމަފިރިންދެކެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވަނީހެއްޔެވެ؟ އެތަނުން ދާން ހިނގައިންނަމުން ފުން ނޭވާއެއްލިއެވެ.
ކޮރިޑޯއިން ދިޔައިރު ކަންފަތުގައިޖެހުނީ މޫދާއި ބެހޭގޮތުން ހަދާފައިވާ ރައިވަރެއްގެ އަޑެވެ. ސާފުކުރާމީހަކު މޮޕްޖަހަމުން ދެއަތަކަށް ބަޑިލައްވަމުން ނާނާ އަޅުވަނީއެވެ. އޭނަވެސް ހާދަ އުފާވެރިއެވެ. އުފަލަކީ އެއީއެވެ. އެމީހަކަށް ލިބިފައިވާ މިންވަރަކާއިމެދު ހިތްހަމަޖައްސާލައިގެން ހުރުމެވެ.
"ހަމްޒާއަށް އައިވީ ބޭނުންވޭ. ކޮންމެވެސް ނަރުސްކުއްޖަކު ރޫމް ހަތެކަށް ފޮނުވަބަލަ." މިރިއަމް އަރާހަމަވީއިރު އެއަޑު އިވުމުން ފިޔަވަޅުތައް ހުއްޓުނެވެ. އެނަމަކީ މޫނުގައި ޖެހި އެތިފަހަރެއްފަދައެވެ. ތަދެއް ނުވެއެވެ. "ހަމްޒާ" އޭނަގެ ނޭވާވެސް އެތެރެހަށީގަިއ ތާށިވިއެވެ. ނޫނެކެވެ. އެއީ އޭނަގެ ހަމްޒާއެއްނޫނެވެ. އެއީ ޔަގީންކަމެކެވެ. އެއީ އާއްމު ނަމެކެވެ. އެކަމަކު އެ ނަން އިވުމުން އެތެރެހަށިން މަޑުމަޑުން ދޮރެއް ހުޅުވައިލެވުނުފަދައެވެ. ކުރިން ތަޅުލެވިފައިވާ ދޮރެކެވެ. އޭނައަށް އެހެން ހުރެވުނީއެވެ. ހުއްޓުން އަރާފައެވެ.
"ޔޫ އޯކޭޭ މިިރިއަމް؟"އަލަށް ގުޅުނު ޖޫނިއާ ނަރުސްކުއްޖަކު މިރިއަމްގެ މޫނަށް ބަލާފައި އެހިއެވެ." ހަމްޒާ މަޑުނުވެގެން...އެކުއްޖާ ނިދެެންދެން އިންތިޒާރު މިކުރަނީ.."
އެހެން ހަމްޒާއެކެވެ. ކުޑަކުއްޖެކެވެ. އޭނައަށް ބޭސް އަޅާފައި ހުރި ތަބަކުގައި ތަންކޮޅެއް ބާރަށް ހިފެހެއްޓުނެވެ.
"އިނަފް. އަހަންނެއް މުޅި އުމުރަށް އިންތިޒާރު ނުކުރާނަން.. އަދި އަހަރީ ޗުއްޓީވެސް އިންތިޒާރުގައި ގޭގައި އިންނަން ނުނަގާނަން.. ލައިފް ވޭސްޓްކުރަން ގޭގައި އިންތިޒާރުގައި...."އޭނަ އަމިއްލަ ނަފުސަށް ކިޔައިލއެވެ.
އޭނަ މި ތަރުތީބު ބަދަލުކުރަން ބޭނުމެވެ. އަމިއްލަ ހިތް ހަލާކުކޮށްލައިގެންވެސް ހެވެވެ. އޭނަ ބޭނުމީ ހަޔާތުގެ ފުރަތަމަ ދަތުރަށް ތައްޔާރުވުމަށެވެ. އެންމެ ފުރަތަމަ ދާނީ އެލެކްޒަންޑްރިއާއަށެވެ.
ނުނިމޭ