ބިރަކީވެސް އެހެން ޖަޒުބާތުތައް ފަދައިން ވަރުގަދަ އެއްޗެކެވެ. ޝައިތާނާ ވެސް އިންސާނުންގެ ސިކުނޑިއަށް ވެރިވެގަންނަނީ މާބޮޑަށް ދެރަވެ ބިރުގަނެ ނޫނީ ރުޅިގަދަވާ ހާލަތަތްކުގައެވެ. އެފަދަ ކަންތައްތަކުން އަރައިގަންނަން ޒިކުރުކޮށް ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާށެވެ.

***

އޭގެތެރޭގައި ސިޓީއެއް ނެތެވެ. ފޮނުވި މީހާގެ ނަމެއްވެސް ނެތެވެ. ހަމައެކަނި މަދީނާގެ ނަމެވެ.

އަދި އޭގެ ދަށުގައި ލިޔެފައިވަނީ އެންމެ އެއްޗެކެވެ. މާދަމާގެ ތާރީޚެވެ. ނާޝިދުވެސް ލޯ ކުޑަކޮށްލާފައި އެކާޑަށް ބަލައިލިއެވެ.

" ދަރިފުޅުމެން އެންގޭޖްމެންޓް ދުވަސް މާދަމައަށް ހެދީތަ؟އަޅެ ބުނެވެސް ނުލަމެއްނު..... އުރޫޖް އާއި މާޒް އަށް އާދެވެނީ ވެސް އަދި ދެތިން ދުވަސް ފަހުންނޯ......"

މަދީނާ ފިނިވެފައިވާ އަތްތިލަ ފޮހެލަމުން އެ ފޮށި ހުޅުވާލިއެވެ. އޭނަ ހިމޭންކަން ޚިޔާރުކުރީ މިއީ މީކާއިލް ފޮނުވި އެއްޗެއް ނޫންކަމަށް އޭނަގެ ހިތް ބުނާތީއެވެ.

އުރްޖުވާން ފޯނު ނަގާފައި މީކާއިލްއަށް ގުޅާލިއެވެ. ދެވަނަ ރިންގާއިއެކު މީކާއިލް ޖަވާބު ދިނެވެ. "އައްސަލާމް ޢަލައިކުމް."

"މީކާ؟" އުރްޖުވާން ގޮވާލިއެވެ.

"ހމްމމމް އުރޫޖް...ކީކޭ؟"

"މާޒް އާއ ދެމީހުން ބަލާ ސްޓޭޝަނަށް އާދެވޭނެތަ؟ރީޗް ވާ ޓައިމް އެބަ މެސެޖް ކޮށްލަން..."

"ވަޓް...ހާދަ އަވަހަށް ... އަނބުރާ އަންނަނީތަ؟ މިހާ އަވަހަށް؟"މީކާއިލް ޖަވާބު ދިނީ އިރުގަނޑެއް ފަހުންނެވެ.

މީކާއިލްގެ އަޑުގައި އެކުލެވުނު ހައިރާންކަން ދެނެގަނެފައި މާޒިމް ކުޑަކޮށް އެނބުރި ބަލައިލަމުން ބުމަ ކައިރިކޮށްލިއެވެ.

"ޔެސްސް" އުރްޖުވާން އާދައިގެ ގޮތަކަށް ޖަވާބުދިނެވެ.

" ވީ މިސް މިރެލް ޓޫ މަޗް.....ވަރަށް ފަން ޓްރިޕް އެއް އެކަމަކު ވެސް މިރެލް މިސް ވާތީ...އެހެން ނޫންސް އެންގޭޖްމެންޓް އެންޑް ޔޯ ބިގް ޑޭއި ޕްރެޕެރެޝަންސްގަ އުޅެން ބޭނުންވާތީއާވެސް އެކީ...ދެން ފަހަރަކުން މިރެލް ގޮވައިގެން ދާން ޕްލޭން މިކުރަނީ...." މީކާއިލް އަށް ކުށް ހީ އެއް ކުރެވިދާނެތީ އަވަހަށް އިތުރުކޮށްލިއެވެ.

"ތިޔަ ދަތުރު ހަފްތާއެއްހާ ދުވަހަށް ދާނެހެން ހީވީ....ބަޓް އައިމް ހެޕީ....އަވަހަށް އައީމަ ތާ އަވަހަށް މެރީ ކުރެވޭނީ..." މީކާއިލް ހީލިއެވެ.

"އެހާ ދުވަސް ވެސް އިނަފް ހަމަ........ދަނޑުބިންތައް ވަރަށް ރީތި.... މާހައުލު ވެސް ތަފާތު.... އާން ދޯ....އެނގެޔޭ އެންމެ އުފާ ވާނީ މީކާ ކަން....އަދި ގޭ އެކަކު ކައިރީވެސް ނުބުނަން.....މިރެލް އަށް ސަޕްރައިޒް އެއް ދޭން..."

އޭނަ ފޯނު ބޭއްވީ މީކާއިލް އަށް ރޭލުގެ ވަގުތު މެސެޖް ކޮށްލާފައެވެ. މާޒިމް އުރުޖުވާންގެ އަތަށް މަޑުމަޑުން ފިތައިލިއެވެ.

ރޭލުގެ މަޑުމައިތިރި ހަރަކާތާއި ހިމޭންކަމުގެ ތެރޭގައި ވެސް އުރުޖުވާން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އިހުސާސްކުރެވެއެވެ. ފޯނު ކޯލު ނިމުނު ފަހުން މާޒިމްވެސް އެހާ ގިނައިން ވާހަކައެއް ނުދައްކައެވެ. އާދައިގެ މަތިން އޭނާގެ ލޯ ގިނަފަހަރު ހުރީ އުރްޖުވާންގެ މައްޗަށް ހުއްޓިފައެވެ. ކުޑަދޮރުން އަންނަ ވައިރޯޅިތަކުން ސްކާފްގެ ތެރެއިން ސަަލާމަތްވާ އިސްތަށިގަނޑު އަނބުރާ ރަނގަޅުކުރަމުންދާ ގޮތާއި، ވަރުބަލިކަމުގެ ތެރެއިން ވެސް މޫނުމަތީގައި ވާ ހިނިތުންވުންތައް ދެކެން އޭނަ ބަލަހައްޓައިގެން އިނީ ފޫހިވުމެއްނެތިއެވެ. އެކަމަކު އޭނަގެ މޫނުމަތިން ކުށްވެރި އިހުސާސްތަކެއްވެސް ސާފުކޮށް ފެނެއެވެ.

އުރްޖުވާން މިކަން ދެނެގަތުމާއެކު، މާޒިމްގެ އަތުގައި ފިރުމައިލިއެވެ. "ތި ވިސްނަނީ ކޮންކަމަކާއި ކަން އެނގޭ. ޚިޔާލުތައް ދޫކޮށްލާފައި ހަމަޖެހިލާ..."

އޭނަ އުރްޖުވާންއަށް ބަލާލިއިރު ކަރުގައި އެއްޗެއް އަޅައިގަތުމުން އުދަގޫވެގެން އުޅޭފަދަ ގޮތަކަށް ކަރުކެހިލިއެވެ.

"އައި ފީލް އައި ހެވެންޓް ޑަން އިނަފް...." އޭނާ މަޑުމަޑުން ބުންޏެވެ. "އަހަރެމެން މިދިޔައީ ހިތްހަމަޖެހުމަށް، ދުރަށް ދާންވެގެން... އެކަމަކު ބިރުވެރިކަމާއި ނާމާންކަން އަދިވެސް އަހަރެމެންނާ އެކުގައި..... އެ އިހުސާސްތަށް ކީއްވެބާ އަހަރެމެންނާއި ދުރަށް ނުދަނީ..."

އުރްޖުވާން އޭނާގެ އަތުގައި ހިފަމުން ބާރުކޮށްލިއެވެ. އަޑު މަޑުވިޔަސް ތަންކޮޅެއް ހަރުކަށިއެވެ. މާޒިމް......އަހަރެން އުފަލުން މިހުރީ. ވަރަށް އުފަލުން.....އަހަރެންގެ ގާތުގައި އައި ހޭވް ޔޫ..... އެއީ ފުދޭވަރު. މިރޭލް ނެތުން ފިޔަވައި އެހެން އެއްވެސް އުނިކަމެއް ނެތް....ސީންގް މިރެލް ވިލް އޮންލީ ކޮންމްޕްލީޓް ދިސް ޕިކްޗާ......"

އޭނަ ލޯ ބޮޑުކޮށްލަމުން ބޯޖަހާލިއެވެ. ނަމަވެސް ލޮލުން ހާމަވަނީ ހިތުގެ އަޑީގައި އޮތް ނުތަނަވަސްކަމެވެ. އެއީ ދޫކޮށްނުލެވޭ ބަރުދަނެއް ފަދައެވެ.

އޭނަ އުރްޖުވާންގެ އަތްތިލައިގައި ބޮސްދިނެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތްކުރި ނަމަވެސް، އެ ހިތުގައި އޮތް ވޭން އަދިވެސް ދެމިގެން ދިޔައެވެ.

ބޭރުން ފެންނަމުން ދިޔަ ދަނޑުބިންތައް މަޑުމަޑުން އިމާރާތްތަކަށް ބަދަލުވާން ފެށިއެވެ. އޭރުވެސް އުޑު އޮތީ ހަނަފަސްކޮށް މުޅި އަނދިރިވެފައެވެ. ގެއާ ކައިރިވަމުން ދިޔަ ނަމަވެސް، ހިތްހަމަޖެހުން އަދިވެސް ދުރުގައި އޮތްހެން ހީވެއެވެ. ދެމަފިރިންގެ ހިތުގައި އޮތް ނުތަނަވަސްކަން އަދިވެސް ފިލައިގެން ނުދިޔައެވެ. ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ބިރު ހީވަނީއެވެ.

***

މެހެކް ފުން ނޭވާއެއް ދޫކޮށްލުމުން ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް މަޑުވިއެވެ. އޭނަ ބިރުން ލޯ މަރާ ތަގުޅިކޮށްލައިގެން ހުރެފައި އަތުގައި އޮތް ކިޓަށް ބަލައިލިއެވެ.

" ދެ ރޮނގު. ޕޮޒިޓިވް. "

އޭނައަށް އަނަގަމަތީ އަތް އަޅާލެވުނެވެ. އެއާއެކު ލޮލުގައި ގިނަވި ކަރުނަތައް ކޯތާފަތުން ތިރިއަށް ފައިބާންފެށިއެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައީ ޤަބޫލުނުކުރެވުމާއި، އަޖައިބުވުމާއި، އަދި ކުށްވެރިވުމުގެ އިހުސާސްތަކާއެކުގައެވެ. އޭނާއަށް ހުއްޓުވޭ ވަރަށްވުރެ އަވަހަށް ރުއިމުގެ އަޑު ކަރުތެރެއިން ނުކުތެވެ. މިރެލް އާދަޔާ ޚިލާފަށް އުޅެމުންދިޔަ ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ. ކުޑަކުދިންނަށް މިފަދަ ކަންކަން އިހުސާސްކުރެވެއޭ ބުނެ އުޅޭ ނޫންހެއްޔެވެ؟ މެހެކްގެ ހިތުގައި އުފަލާއި ބިރުވެރިކަމުގެ މަސްހުނި އިހުސާސްތައް އުފެދިގަތެވެ. އަތުގައި އޮތް ކިޓަށް އަނެއްކާވެސް ބަލައިލިއެވެ. ދެ ރޮނގު އަދިވެސް ސާފުކޮށް ފެންނަން ހުއްޓެވެ.

މެހެކް ފާހާނާއިން ނުކުތީ ކިޓުގައި ބާރަށް ހިފަހައްޓައިގެން ހުރެއެވެ.

ޚުޝަލް ކުޑަދޮރުގެ ސީޓުމަތީގައި ކުޝަން މޭގައި ޖައްސާލައިގެން އިނެވެ. ދީނީ ބަހުސަކަށް ގެއްލިފައެވެ.

"ކިހިނެއްވީ؟ ރަގަޅުތަ؟"

މެހެކް އޭނާގެ އަތަށް ކިޓް ދިއްކޮށްލިއެވެ. ހުޝާލް ގެ ހިތްވެސް އަވަސްވެލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ހައިރާންކަމުގެ ހަނުހިމޭންކަމެވެ. "ތެދެއްތަ މިއީ؟"

މެހެކް ބޯޖަހާލިއެވެ.

"ރިއަލީ؟"

މެހެކްއަށްވެސް ޖަޒުބާތުގެ އަސަރުގައި ޖެހި ވާހަކަދައްކަން ނުކުޅެދިފައި ހުރެވުނެވެ.

"ޔަޤީނެއް ނުވޭ... ހީވަނީ ހަމަ ހިޔާލެއް ކަމަށް. އަދި ބިރުގަތް. އިއްޔެ ރޭޭ ހިނގި ހުރިހާ ކަމެއް. މިރެލް، އެކުއްޖާ ބުނި އެއްޗެހި، ބަލަހައްޓައިގެން އިން ގޮތް، މި ހުރިހާ ކަމަކުން ހީވީ ކޮންމެވެސް ކަމެއް ގޯސްކަމަށް......."

"އެހެން ހިތަށް އެރި ކަމަށްޓަކާ ރިގްރެޓްކޮށްފިން. ތަވައްކުލް ކުރަން އޮންނަނީ. ކީއްވެބާ އަބަދުވެސް ނެގެޓިވްކޮށް މި ވިސްނެނީ. ކުރިން ހުރިހާ ކަމެއް ޕޮޒިޓިވްކޮށް ދެކެމުން އައިސްފަ..މިގޭގައި ނެގެޓިވް އެނާޖީއެއް ހުރިކަމަށް ބަލައިގެން އަބަދުވެސް މިހުރެވެނީ ބިރުން...ﷲ ތައާލާއަށް ޓްރަސްޓްކުރީމަ މި ޝައިތާނީ ވަސްވާހުން ސަލާމަތްވެދާނެ ދޯ.އެކަމަކު އޭގެ ބަދަލުގައި ހައްތާ ވިސްނަނީ ޝައިތާނާ އުފާވާނެގޮތަށް.މިހާރު ހިތަށް އަރަނީ ކުޑަކުދިންނަށް އެކަހަލަ ކަންތައް ވިސްނެނީއޭ......" މެހެކްއަށް ލިބުނު އުފަލާއެކު ވެސް މިރެލްއާއިމެދު ނުބައިކޮށް ވިސްނުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

ހުޝަލްއަށް އެ ވާހަކަތަކުގެ މާނަ ފަހުމެއް ނުވިއެވެ.

"މިރެލް؟ކީކޭ ތިކިޔަނީ މެހެކް...އިޒް ދިސް ހަމަ ރިއަލް.؟ " ޚުޝަލް ހުރީ އަދިވެސް އެ ޓެސްޓް ޕޮޒިޓިވް ކަން ގަބޫލުނުކުރެވިފައެވެ. މެހެކް އެއްބަސްވެލިއެވެ.

ޚުޝަލްއަށް އުފަލުން ކުރެވޭ ނުކުރެވޭކަމެއްވެސް ނޭގުނެވެ. މެހެކްގެ ގައިގާ ހިފިގޮތަށް ބިމުން މައްޗަށް ހިއްލައިލެވުނެވެ. އޭނަ ހެއްދެވި ފަރާތަށް ޙަމްދު ކުރިއެވެ. ޝުކުރުގެ ސަޖިދައެއް ވެސް ކުރިއެވެ.

"އަދި އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނާނީ.....އުރުޖުވާންމެން އައީމަ. އެންމެން އެކީގައި ތިއްބާ މި އުފާވެރި ޚަބަރުދޭނީ...."

"ހޫމް ރަގަޅު ޓައިމެއްގައި.."ޚުޝަލް އެއްބަސްވިއެވެ.

***

ޚުޝަލްއަށް ހޭލެވުނީ ދޮރުފަތް ވަޔާއި ތެޅޭކަހަލަ އަޑުފަށްގަނޑެއް އިވިގެންނެވެ. ލޯ ނުހުޅުވަން އޮތްވާ މީހެއްގެ ހަޅޭކުގެ އަޑު ކޮޓަރިތެރެއިން އިވުމުން ތެދުވެ ފޯނުން އަލި އަޅުވައިލިއިރު މިރެލްއާއި މެހެކްވެސް ގަދަނިދީގައެވެ. ހަޅޭއްލެވީ ކާކުހެއްޔެވެ؟ ދުރުން އިވުނު އަޑެއްބާވައެވެ. ނޫނީ އޭނައަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟

ނިދީގައި އޮތް މިރެލް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނެވެ.

" ރެޑް ލޮލެއް ލާފައި ހުރި ގޯސްޓެއް ގޭގެ ދޮރު ހުޅުވާލާފައި އެދިޔައީ...." މިރެލްގެ ލަފުޒުތަކުން އޭނަގެ ކަނދުރާގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ދޮރުފަތުގައި އެއްޗެއް ވަކި އަޅުވައިލިހެންވެސް ހީވިއެވެ. އަންހެނެއްގެ ޝައިތާނީ ހުނުމުގެ އަޑުވެސްމެއެވެ.

"ކީކޭ ހަނީބަންޗް؟"އޭނަ ރަޖާ އެއްލާލާފައި ގޮސް މިރެލް ގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.

"ނައިޓްމެއާއެއް ފެނުނީ....ކުރުސި ނުކިޔަވާ ރޭ ނިދީ..." މިރެލްގެ ލޯ ފަނޑު އަނދިރީގައި ވިދައެވެ.

"ރެޑްލޮލެއް ހުރީ..އޭނަ ބެކްޔާޑަށް ގޮސް ވަނީ...އެ ޑޯ ހުޅުވާލާފައި. ސްކޭރީ ޕާސަން އެއް..."

"ނޯ ވޮރީސް...އޭނައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ...ކުޑަބެ މިހިރީނު.."އޭނަ މިރެލްގެ ނިތްކުރީގައި ބޮސްދިނެވެ.

"ކުޑަބެ ދޮރު ލައްޕާލަބަލަ.."

"އެއީ ނައިޓްމެއާއަކުން. ރިއަލް އެއްނޫން..."

"ޕްލީޒް ޕްލީޒް..ދޮރު ލައްޕަން ދޭ..... އަނެއްކާ އޭނަ ވަދެފާނެ.."މިރެލްގެ އަޑު ބަރުވިއެވެ. އެއާއެކު ބުދު ނަގަމުން އެނދުން ފުންމައިލިގޮތަށް ދުއްވައިގަތުމުން ފަހަތުން ދާން މަޖުބޫރުވިއެވެ. ބިރުގަންނަގޮތްވީ މިރެލް ބުނިހެން ގޭގެ ފަހަތުބައިގެ ދޮރު ހުޅުވިފައި ހުރުމުންނެވެ. މަޑުމަޑުން ވަޔާއި ދޮރު ލެއްޕިފައި އަނެއްކާ ހުޅުވުނެވެ. ނުފެންނަ މީހަކު ދޮރު ހުޅުވިފަދައިންނެވެ. އެއްވެސް ބިރެއް ޖެހިލުމެއްނެތި މިރެލް އެތަނުން ބޭރަށް ދެމިގަތެވެ. ޚުޝަލްގެ ފިޔަވަޅުތައް ހުއްޓުން އެރިޔަސް މިރެލްއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހިތްވަރު ލިބިގަންނަމުން ކުރިއަށް ދިޔައެވެ. ނަމަވެސް އޭނަގެ ސިކުނޑީގައި ސުވާލު މާކެއް ޖެހުނެވެ. ބިރުވެރި ހުވަފެނުން ފެނުނު ކަމެއް ހަގީގަތަކަށް ވީ ކިހިނެއް ހެއްޔެވެ؟

އެއް އިރެއްގައި ފެހިކަން ގަދަކޮށް އޮތް ވިނަގަނޑުގެ ކުލަ މަޑުވެ ފަތްތައް އެކި ދިމާލަށް ވިހުރުވިފައިވާއިރު މަންޒަރުތައް ނިކަން ފުރިހަމައެވެ. ވައިރޯޅިތަކާއެކު އުދުހެމުންދާ އޯކް އަދި މޭޕްލް ގަސްތަކުން އޮރެންޖް އެމްބާ އަދި ރަންކުލައިގެ ފަތްތައް ވިނަތަކުގައި ޖެހިލާ މަޑު އަޑުވެސް ދަންވަރުގެ ހިމޭންކަމުގެ ތެރެއިން އިވިލައެވެ. އަދިވެސް މޫސުމްގެ ފަހުކޮޅުވެސް މާ އަޅާ ބައެއް ގަސްތައް ވަށިތަކުގައި ހެދިފައިވާއިރު ކުލަކުލައިގެ މާތައް ފޮޅިފައިވިއެވެ.

"މިރެލް. އާދޭ......."ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތަކުގެ ގަދަ ފިނިން ސަލާމަތްވާން އޭނަ ދެއަތް ކާއްތައިލިއެވެ.

މިރެލްއަށް އިވުނުކަމަކަށްނުވިއެވެ. މާ ވަށިގަނޑުން މަލެއް ބިދެލަމުން ބުދުގެ ބޮލުގައި ޖަހަން އުޅުނެވެ.

"މިރެލް.....ފިނިވެދާނެ. ޖެކެޓެއްވެސް ނުލާ.....އަވަހަށް ވަދޭ...."ޚުޝަލް ކުޑަކޮށް ރުޅިއަންނަގޮތްވިއެވެ. މިރެލް ބަސްނާހަނީއެވެ. ބުނާގޮތަށްވެސް ހަދަންވާނެ ނޫންހެއްޔެވެ؟ކިތަންމެ ލޯބިވިޔަސް އެވަރަށް ބޯހަރު ވަންޏާ ރުޅިވެސް އާދެވޭނެއެވެ. ކެތްތެރިކަމުގެ އިންތިހާއަށް ކެތްކުރަމުން އޭނަ ފުން ނޭވާއެއް ލިއެވެ.

"އަޑުއެބައިވޭތަ މިރެލް؟ މިބުނީނު ވަންނާށޭ..."

"މިބެންޗުގައި ނިދާނީ. ކުޑަބެ ޖެކެޓްއާއި ބްލެންކެޓ ހިފައިގެން އާދޭ..." މިރެލް ގޮނޑިއަށް އަރަން މަސައްކަތްކުރިއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެކުއްޖާ ގަދަކަމުން ނެގިއެވެ.

"ނޫން ނޫން......"މިރެލް ހަޅޭއްލަވަންފެށިއެވެ. އޭނަ އެކަމާއި ފަރުވާލެއްނެތި ކިހިލީގައި ޖެހިގޮތަށް ގޮސް ދޮރު ލައްޕައިލަން އުޅުނެވެ. އެކަމަކު ނުފެންނަ ބާރަކުން ދޮރުގައި ހިފަހައްޓައިގެން ހުރިފަދައެވެ. ނޫނީ ތަނެއްގައި އަޅައިގަތީހެއްޔެވެ؟ އޭނައަށް ސިހުމެއް ލިބުނެވެ. ދޮރުފަތުން ދޫކޮށްލެވުނެވެ. ކުޑަކުޑަ މުގޮށްޓެއް ދޮރުމަތިން ހުރަސްކޮށްލުމުން ސިހިފައި އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިރެލް ދެފައި ތަޅަމުން ރޮމުން ދިޔައެވެ. އަޑު ހަރުވެގެން ކެނާންއަށް އެތަނަށް ނުކުމެވުނުއިރު ފެނުނީ ދޮރުމަތީގައި ހުރި އިސްކޮޅުން ދިގު ހިޔަންޏެކެވެ.

***

މަޑު ހަނދުވަރު ތުނި ފަރުދާތަކުން ވަދެ، ބިންމަތީގައި ރިހިކުލައިގެ ހިޔަނިތައް އުފެދިއެވެ. މަދީނާ ހުރީ އޭނާގެ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައެވެ. އޭނަ ލައިގެން ހުރީ މިއަދު ހަދިޔާއަކަށް ލިބުނު ހެދުމެވެ. އޭނަ އިނގިލިތަކުން ހިޖާބު ރަގަޅުކޮށްލިއެވެ. އިންތިޒާރު ކުރެވެމުން ދިޔައީ އެ ހަދިޔާ ފޮނުވީ ކަމަށް ހިތުން ޔަގިންކުރެވޭ މީހަކަށެވެ. ކޮޓަރީގައި އަދިވެސް މެގްނޯލިއާގެ މީރުވަސް ހިފާފައިވިއެވެ. ހުވަފެނެއްގެ ސިއްރު އަޑެއްހެން ކަންފަތުގައި ޖެހުނީ އޭނައަށް ގޮވައިލި އަޑެވެ.

އެއާއެކު އޭނާގެ ފަހަތުން އެއްޗެއް ހަރަކާތްތެރިވިއެވެ. އޭނައަށް އެނގުނެވެ. ލޯގަނޑުން ފެނުނު މަންޒަރުން އޭނާގެ ހިތަށްވުރެ ކުރިން އެކަން ހާމަކޮށްދިނެވެ. އެހެންވެ އެނބުރި ބަލައިލާކަށް ނޫޅުނެވެ.

އުވައިސް ހުރީ ކޮޓަރީގެ އެންމެ ދުރު ކަނުގައެވެ. އެއްބައި އަލީގައި، އަނެއްބައި ހިޔަނީގައި ފޮރުވިފައެވެ. ލޯގަނޑުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެ ލޮލުގެ ކުލަ ހަމަ އޭނަ ލައިގެން ހުރި ހެދުމުގެ ކުލައެކޭ ތަފާތެއްނެތެވެ. ކޮންފަދަ ރީތި ނޫކުލައެއް ހެއްޔެވެ؟

އޭނަގެ ހިތުގެ ވިންދު ބާރުވެގެން ދިޔައެވެ. އެނބުރި ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ބަލައިފިއްޔާ އުވައިސް ލޯ މަތިން ގެއްލިގެންދާތީ މިފަހަރު ހުރީ ނުބަލަން އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ދެވަނަފަހަރަށް ލޯބޮޑުކޮށްފައި ބަލައިލިއިރުވެސް ކުރިމަތީގައި ރީތިކަމުގެ ފުރިހަމަ މުޖައްސަމާާއަކަށް ވެގެން ހުއްޓިގެން ހުރީއެވެ.

" ޔޫ ވޯ އިޓް..." އުވެއިސް ބުނެލިއެވެ.

" މިހާރު ގެޔަށް ހަދިޔާވެސް ފޮނުވަން ފެށީ؟"އޭނަ ތުން ހަދައިލިއެވެ.

" ހަދިޔާ ގަބޫލުވެސް ކުރީމެއްނު...." އުވެއިސް ފާރަށް ލެނގިލިއެވެ.

" ނޫން...ނުކުރަން...އަހަރެން ހީކުރީ މިކާ.........." މަދީނާއަށް ޖުމްލަ ފުރިހަމަ ނުވަނީސް އުވެއިސް ގާތަށް އައީ އަލީގެ ވިދުވަރެއް ހެންނެވެ.

" ދޮގެއް.....ދޮގު ހެދުން އެހާ މަދީނާ އަކާ ނުގުޅޭ...." އުވެއިސް ގެ ހޫނު ނޭވާ އޭނަގެ މޫނަށް އެޅުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު