ނިއުކާސްލްއިން ޗެލްސީ ބަލިކޮށް ތާވަލުގެ ތިންވަނައަށް

ނިއުކާސްލްއާއި ޗެލްސީގެ މެޗުގެ ތެރެއިން: މެޗު ކާމިޔާބުކޮށް ނިއުކާސްލްއިން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައި --

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދެ ޓީމު ކަމަށްވާ ނިއުކާސްލް ޔުނައިޓެޑައި ޗެލްސީގެ ކުރިމަތިލުން ނިއުކާސްލް ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗަށް ނިކުންއިރު މި ދެ ޓީމުވެސް އޮތީ 63 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައާއި ފަސް ވަނައިގައެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ޗެލްސީން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ.

މިމެޗުގެ ފެށުން ދިޔައީ ނިއުކާސްލްއިން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓްގައި ނިއުކާސްލްއިން ވަނީ މިމެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަންޑްރޯ ޓޮނާލީއެވެ. އަދި ޗެލްސީއިން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ އެޓީމުގެ ފޯވަޑް ނިކޮލަސް ޖެކްސަން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ދެއްކި މިކާޑާއެކު މެޗުގެ ބާކީ އޮތްބައި ޗެލްސީއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިއާއެކުވެސް މިމެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. މިމެޗުގައި ނިއުކާސްލްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ގުމަރާއީސްއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއަށް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރިއަށް ފިޔަވަޅެއް އެޅުނުއިރު ޗެލްސީއަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބެން ދެން އޮތީ ކުރިއަށް އޮތް މެންޗެސްޓަ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓްގެ މެޗު ކާމިޔާބު ކޮށްގެންނެވެ. ނިއުކާސްލް މިހާރު ތިންވަނައިގައި އުޅެނީ 66 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އުޅެނީ 63 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

މިމުބާރާތުގައި ގަދަ ފަހަކުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންދާ ފޮރެސްޓް އާއި ރެލިގޭޓް ވެފައިވާ ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުންވީ އެއްވަރެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ލެސްޓާގެ ކޯނޯ ކޯޑީ ކާމިޔާބު ކުރިއިރު ފޮރެސްޓްއިން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި މޯގަން ގިބްސް ވައިޓް އާއި 56 ވަނަ މިނެޓުގައި ކްރިސް ވުޑް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް ލެސްޓާއިން ވަނީ މެޗުގެ 81 ވަނަ މިނެޓުގައި ފަކުންޑޯ ބޯނަނޯޓޭ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާ އާއެކު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ފޮރެސްޓް އަށް މިވަނީ އިތުރު ހާސް ކަމަކާއި ކުރި މަތިވެގެން ގޮސްފައެވެ. ފޮރެސްޓް މިހާރު އުޅެނީ 62 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އެއީ ފަސް ވަނައިގައި އުޅޭ ޗެލްސީއަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. މިމެޗުން މޮޅުވެވުނުނަމަ ފޮރެސްޓަށް 64 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހެލެވުނީހެވެ. މި ނަތީޖާ އާއެކު ލެސްޓާ އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު