"މަންމަގެ ގުރުބާނީގެ އަގު ވަޒަންކޮށް ޝުކުުރުވެރިވާށެވެ. ލޯތްބާއި އަޅައިލުން ދޭށެވެ. އެއީ ﷲތައާލާ ތިބާއަށް ދެއްވި އެންމެ ބޮޑު އެއް ރަހުމަތެވެ."
***
މިރިއަމްގެ މޫނުމަތިން ފެނުނު ހިތްހަލާކުވާފަދަ އަސަރުތައް ފެނުމުން ސަޔާރާއަށްވެސް ވިސްނުނެވެ. އެކުވެރިޔާގެ ހިތަށް ތަސައްލީއެއް ގެނެސްދިނުމަށް އޭނަ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"މިރިއަމް...ވިސްނާލަބަލަ.... އަހަރެމެންނަށް މިއީ ހަމްޒާކަމެއް ޔަގީނެއްވެސް ނޫން..ބައްޕަ އެ ނަމްބަރު ސޭވްކޮށްފައި އެއޮތީ ކޮންމެވެސް އުސްމާނެއްގެ ނަމުގައި ދޯ...އަދި ވީޑިއޯއިން ފެނުނު މީހާވެސް ހަމްޒާއަކާއި އެހާ ވައްތަރެއްނޫން. ހަމްޒާގެ ބްރަދާއަކަށް ވެސް ވެދާނެ......"
އޭނަ ޖަވާބެއްނުދިނެވެ. ކަޅުކުލައިގެ ނިގާބެއްލައިގެން ކުޑަކުއްޖަކު އުރާލައިގެން ހުރި އަންހެންމީހާ އޭނަގެ ސިކުނޑި އަންދަމުން ދިޔައިރު ހިތުގެ ވިންދު ހިނދަކަށްވުރެ ހިނދެއް އަޑުހަރުވިއެވެ. ކޮންމެ ވިންދަކުން ހިތް ބަރުވާފަދައެވެ. އެހާ ބޮޑަށް ހިތަށް ކަށިހެރުނު ސަބަބެއް ނޭގުނއެވެ. ފަހަރެއްގައި އޭނަ އުއްމީދުތަކެއް ކޮށްގެން ހުރީމަހެއްޔެވެ؟ ހަމްޒާއަކީ ބީރައްޓެއްސެކެވެ. މަދު ފަހަރެއްގައި ދިމާވެ މަދު ފަހަރެއްގައި ވާހަކަދެއްކުނަސް އޭނަ ދެކެ ފަރިތަ މީހަކަށް އަދި ވީއެއްނޫނެވެ. އެކަމަކުވެސް ދިރިއުޅުމުގެ އެކުޑަ ސްނެޕްޝޮޓްގައި އޭނަގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ފުރޮޅިއިލާނެފަދަ ބާރެއްވިއެވެ.
"އޭނަ ހުރީ ކުއްޖަކު އުރާލައިގެންނޭ ސަޔާ..." އޭނަގެ އަޑު މަޑުވިއެވެ" ރެންޑަމް އަންހެނަކު ކުއްޖަކު އުރާލައިގެން އޭނައާއި އެހާ ކައިރީގައި ހުންނަންވީ ކީއްވެތަ؟"
"ހޫމް...ފަހަރެއްގައި އެއީ އޭނަގެ އަންހެނުންކަމަށް ވެދާނެ. އެކަމަކު އަދި އަހަރެމެންނަށް އެއީ ހަމްޒާކަން ޔަގީނެއްވެސް ނުކުރެވެއެއްނު. އިންޓަރނެޓުން ރެންޑަމްކޮށް ޕިކްޗާއެއް ލުމަކީވެސް ބައެއް މީހުން ކުރާކަމެއް.." ސަޔާރާ ވިސްނައިލާފައި ބުނެލިއެވެ.
"އަންހެނުން؟" އޭނަ ހީކުރިވަރަށްވުރެ އެ ލަފުޒު އަޑުއަހަން އުދަގޫވިއެވެ. އެތެރެހަށީގައި ބީރައްޓެހި އިހުސާސެއް އުފަންވިއެވެ. އެ ބަޔާންކުރާނީ ކިހިނެއްކަމެއް ނޭގުނެވެ. ހަސަދަވެރިކަމެއް ނޫނެވެ. އެކަމަކު އެއާއި ކައިރިކުރާ ޖަޒުބާތެކެވެ. އޭނަ ބޭނުންވީ އެ އިހުސާސްތަކަށް ފިލުމަށެވެ. އެކަމަކު ދާނީ ކޮން ދިމާލަކަށްހެއްޔެވެ؟ ހަމްޒާ އެހެން މީހަކާއި ގުޅި ދަރިއަކު ލިބުނުކަމަށް ވަންޏާ އޭނަގެ އިންތިޒާރު މިވީ ހުސް އެއްޗަކަށެވެ. އެހެން އަންހެންކުއްޖެކޭ އެއްފަދައިން އޭނަ ކައިވެނީގެ ފޮނި ހުވަފެންތައް ދެކުނެވެ. އެދުވަހު ލާނެ ހެދުމުގެ ކުލައާއި ޑިޒައިންވެސް އޭނަ ގޫގުލްކޮށްގެން ބެލިއެވެ. ކައިވެންޏަށް ފަހު އޭނައާއި ހަމްޒާ މިރަށް ދޫކޮށް އެހެން ތަނަކަށް ދާނީހެއްޔެވެ؟ އޭނަ ހަމްޒާއަށް ވަފާތެރިވެ އިންތިޒާރު ކުރިއެވެ. ނަމަވެސް ހަމްޒާ ބޭވަފާތެރިވީހެއްޔެވެ؟ ނޫނެކެވެ. ލޮލަށް ފެންނަ އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވާ އެހެން ހަގީގަތެއް ވެދާނެއެވެ.
އޭނަގެ ހުވަފެންތައް މިވީ ބިލާހަކަށެވެ. ހަމްޒާއަކީ ހަގީގަތުގައި ބީރައްޓެއްސެކެވެ. އެރަށަށް ޒިޔާރަތްކޮށްލީ މަހެއް ހާ ދުވަހަށެވެ. އޭނަ ކައިވެނިވެސް ކޮށްފާނެއެވެ. މުށް މަޅާ ބާރުކޮށްލެވުނުކަންވެސް ރޭކާލީ ބާރުލެވުމުން އިނގިލިތަކުގެ ހުޅުތައް ހުދުވުމުންނެވެ. ސަޔާރާއަށް އެކުވެރިޔާގެ ސިކުނޑީގެ ހައިޖާނު އިހްސާސްކުރެވުނެވެ. އޭނަގެ އަޑުގެ އޯގާތެރިކަމުން ހީވަނީ ހިކުމަތްތެރި ބަސްތަކުގެ ތެރޭގައި ހިތްހަމަޖެހުމާއި ރާހަތު ބޮނޑިކޮށްލާފައި ދިން ހެނެވެ.
"ހަނދާން ކުރައްޗޭ. މިރިއަމްއަށް އެންމެ ރަގަޅުގޮތް ދެނެވޮޑިގެންވަނީ ﷲ ތައާލާ.... ބައެއްފަހަރު އަހަރެމެންނަށް ލޯބިވާ އެއްޗަކީ އެންމެ ރަަގަޅު އެއްޗެއް ކަމުގައި ނުވެދާނެ. އެކަމަކު ރުޅިއަންނަ އެއްޗަކީ ހަމަ އެންމެ ރަގަޅު އެއްޗެއްކަމުގައިވެސް ވެދާނެ..ގުރުއާނުން އެ އާޔަތް އަޑު އިވުނީމަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވޭ....އެހެންވީމަ މިރިއަމްވެސްވެސް އެގޮތަށް ގަބޫލުކުރަންވާނީ..."
"ސަޔާރާ އަބަދު ޕޮޒިޓިވްކޮށް ވިސްނާފައި އަބަދު އުފާވެރިކަން މަތީގައި..ދެރަވެ ހިތާމަކުރާވަރުގެ ކަމެއް ދިމަލެއްނުވޭ...އެހެން ވާންވީ ކީއްވެތަ؟ ފަހަރެއްގައި ސަޔާ އަޅުވެރިކަމުން ﷲ ލޯބިވެވޮޑިގެންވަނީ ކަން ނޭގޭ..އަހަންނަށް މިހެން ވާންވީ ކީއްވެތަ؟ ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވަނީ؟" މިރިއަމްގެ ސިކުނޑީގައި ޚިޔާލުތައް ހަލުވިކަމާއެކު ހިނގައިގަތެވެ.
"ކޯނޗެއް ތިވިސްނަނީ؟ސައިތަށްޓެއް ގެނެސްދެންތަ؟"
"ނޫން......."
"މިރިއަމް. އަހަރެންގެ އިސްލާމިކް ލައިބްރަރީއަށް އާ ފޮތްކޮޅެއް ލިބިއްޖެ...ކިޔާލަން ބޭނުންތަ؟ މިރިއަމް ބުނީމެއްނު އަދިވެސް ޕްރޮފެޓްގެ ބަޔޯގްރާފީވެސް ނުކިޔަމޭ.. ދަ ސީލްޑް ނެކްޓާ ކިޔަމުން މިދަނީ. ހާދަ ރީއްޗޭ.....މިރިއަމް ކޮންމެހެންވެސް އެ ފޮތް ކިޔަން ޖެހޭނެ......އޭރުން ޚިޔާލުތަކުން ދުރުހެލިވެ ރޫހާނީ ކަނެކްޝަން ވަރުގަދަވާނެ....."
"ހޫމްމމްމް...."
އެހެން މައުޟޫއަކަށް މިވަގުތު ގެންދަން ފަސޭހަނުވާނެކަން އެނގުމުން ސަޔާރާ ކޮފީއެއް ގެނެސްދިނެވެ.
"އެނގޭތަ؟ އޭނަ ކައިވެންޏަށް އެދުނު. އޭނަ. އޭނަގެ މަންމައާއެކު އަހަރެމެންގެ ގެއަށް އައި، އެކަހަލަ ނަޒަރަކުން ދެކެފައިވާ މީހެއްވެސް ނޫން. އެކަމަކު. އަހަރެން އަމިއްލަ ނަފުސަށް ވައުދުވިން އޭނައަށްޓަކާ އިންތިޒާރުކުރަން... އަދި....."އޭނައަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ. ރޭކާލީ ލޮލުން ކަރުނަތިކިތައް ފައިބަމުންދާކަމެވެ. ހިތް ކުދިކުދިވެ ކަރުނަތިކިތަކަށް ވެގެން އަތަށް އެޅެމުންދާފަދައެވެ.
ސަޔާރާވެސް އިރުކޮޅެއްވާންދެން ހިމޭނުން އިނެވެ. ކަރުނަތަކުން ސިކުނޑިއަށް ލުއިވާނެތީއެވެ.
"މިރިއަމް...ޒުބޭރު އެނބުރި އައިކަން އެނގޭތަ؟ ހަސަންބެ ބައްޕަމެން ކައިރީ ބުނީމަ އެނގުނީ. އޭނަ މިރަށަށް އައީ ކީއްކުރަންކަން އެނގޭތަ؟"
"އޯ.....ޒުބޭރު...އަހަރެންގެ ސިކުނޑިއަށް އަންނާނެ އެންމެ ފަހު ނަން އެއީ..........." އޭނަ އަވަސްއަވަހަށް ހޫނު ކަރުނަފޮހެލިއެވެ. ސަޔާރާގެ ކުރިމަތީގައި އެހާ ޖަޒުބާތީވެސް ރޮވުމުން ލަދުވެސް ގަންނަގޮތްވިއެވެ."ސަޔާރާ. އަހަރެން ހޮސްޕިޓަލަށް ދާންޖެހޭ. ކިރިޔާ ހަނދާންމިވީ...."ސަޔާރާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އޭނަ އަވަސްއަވަހަށް ދާން ހިނގައިގަތެވެ. ސަޔާރާއަށް އެ މޫނުމަތިން ފެނުނީ ހިތްހަލާކުވެފައިވާފަދަ އަސަރުތަކެވެ. ކައިވެންޏަށް ހުށަހަޅާފައި ދިގު އިންތިޒާރެއް ކުރުވުމަށްފަހު ބޭވަފާތެރިވުމަކީ އަންހެންކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ކެއްސެވެ. ސަޔާރާ ހިތުގެ އަޑިން ދުޢާ ކުރީ މިރިއަމްއަށް ރަގަޅު ދިރިއުޅުމެއް ލިބުމަށް އެދިއެވެ.
އެގެއިން މަގަށް ނުކުމެވުމާއެކު ސަޔާރާ އަވަހަށް އޭނަ ހިތުދަސްކުރި ނަމްބަރު ފޯނުގައި ރައްކާކުރިއެވެ. އެކަމަކު މިފަހަރު ފޮޓޯ ފެންނާކަށްނެތެވެ. އެކަމަކު އެއީ ހަމްޒާގެ ނަމްބަރުކަން އޭނައަށް ޔަގީނެވެ. އޭނައަށް މިކަންތައް އެހާ މުހިއްމުވީ ސަބަބެއް ނޭގެއެވެ. އިސްކަންދަރިއްޔާގައި ހަމްޒާގެ އާއިލާއެއް ދިރިއުޅުމުން އޭނައަކާއި ކޮންކަމެއްހެއްޔެވެ؟ ހަމްޒާ ކައިވެންޏެއްކޮށްގެން ހުރިކަން އެނގުމުން ހީވީ އޭނަގެ އަތުން އެއްޗެއް ގެއްލިގެން ދިޔަހެންނެވެ. އޭނައަށް ނުވެސް ލިބޭ އެއްޗެއް ގެއްލުނީއެވެ. ބޭއިޚުތިޔާރުގައި އަނެއްކާވެސް އިނގިލިތައް ހިންގައިލެވުނީ ފޯނުގައެވެ. އޭނަ ޖެހިލުންވިއެވެ. މެސެޖް ކުރަންވީ ކީކޭ ކިޔައިގެން ހެއްޔެވެ؟
"ސަޔާރާ ބުނިފަދައިން މިވާނީ ހަމަ ރެންޑަމް ޕިކްޗާއަކަށް..." އޭނަ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެހާ އަވަސް އަރުވާލައިގެން އެއްވެސް ކަމެއްކުރާނެކަމެއް ނެތެވެ.
***
މިރިއަމް ގެއާއި ދިމާލަށް މިސްރާބު ޖެހީ މަންމައަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށާއި މަންމައަށް ޒިޔާރަތްކުރުމަށް ނިންމައިގެންނެވެ. ފަހަރެއްގައި މަންމަގެ ހާލަތު ރަގަޅިއްޔާ ގެއަށް ފޮނުވަފާނެއެވެ. އޭނަ ގެއަށް ވަނީ ހިމޭންކަން އިސްތިގުބާލް ކުރާނެކަމުގެ ޔަގީންކަމާއެކުގައެވެ. ހިމޭންކަމާއި ހުސްކަމެވެ. ކުޑަކޮށް ހުޅުވާލާފައިވާ ދޮރުފޮތިތަކުގެ ދޭތެރެއިން އިރުގެ ދޯދިތައް ފުރާނާލާފައި ވަދެ ތަން އަލިކަން ގެނެސްދިނުމުގައި ކާމިޔާބުކުރިއެވެ. އެތަން ފެންވަރުވާލާފައިވީ ލޮލަށް ފަސޭހަ ރަންކުލައަކުންނެވެ. ނުނިދާ ހުރުމުންނާއި ފިކުރުބޮޑުވުމުގެ ސަބަބުން އޭނަގެ އެސްފިޔަތައްވެސް ވަނީ ބަރުވެފައެވެ. އޭނަ ބޭނުންވީ ފަސޭހައިން ކާލެވޭނެ އެއްޗެއް އަނގަޔަށް ލުމަށްފަހު މަންމައަށް ރަގަޅު ނާސްތާއެއް ތައްޔާރުކޮށްލުމަށެވެ. އެކަމަކު ފިޔަވަޅުތަކަށް ހުއްޓުން ގެނުވީ ނޭފަތުގައި ޖެހުނު ވަހަކުންނެވެ. ފަރިތަ ވަހެކެވެ. އެއާއެކު ކޮޓަރިއާއި ދިމާލުން ބަގަރާ ސޫރަތް ކިޔަވާ އަޑު އިވުނެވެ. މަންމަ އެންމެ އަޑުއަހާ ހިތްވަނީ އެ ގާރީގެ ކިޔެވުމެވެ. ސަޔާރާވެސް އެކި ޝޭޚުންގެ ގުރުއާން އަޑުއަހާފައި އޭނައަށް ވައިބާކޮށްފައި އަަޑުއަހަން އެދޭނެއެވެ. އެކަމަކު އޭނައަށް އޮންނަނީ ޑިއުޓީއާއިހެދި އިތުރު ކަމެއް ކުރާނެ ވަގުތެއް ނުވެފައެވެ.
ކާފޫރުތޮޅިއާއި ފެނުގައި ކައްކާފައިވާ ބިހާއި ރިހަފަތުގެ ވަހެވެ. އޭނައަށް ބުމަކައިރިކޮށްލެވުނެވެ. މަޑުމަޑުން އެތެރެއަށް ވަދެވުނެވެ.
"މިރިއަމް. އައީތަ؟"
މަންމަގެ އަޑާއެކު އޭނަގެ ހިތް ތެޅިގަތުމާއެކު ސިހިފައި ބަލައިލެވުނެވެ. މަންމަހުރީ ގޭގައި ލާފަދަ އަޅިކުލައިގެ ހެދުމަކާއިއެކު ސްކާފް އިސްތަށިގަނޑުގައި އޮޅާލައިގެންނެވެ. ދޭފަތުން ކޮންމެވެސް އެއްޗެއް ހަލުވަމުން ދިޔައެވެ. ޖަމީލާވެސް އޭނައާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެލޮލުގައި ވީ ތަފާތު ވިދުމެކެވެ. މަންމަގެ ލޯ އެހާ ގަދަޔަށް ވިދާތަން ފެނުނީ އެތައް ޒަމާނަކަށްފަހުގައެވެ.
"މިރިއަމް ހޯދަން ދާންކަމަށް މިއުޅުނީ..." މަންމަ ވާހަކަދެއްކީ ފާއިތުވެގެން ދިޔަ ދުވަސްތައް މަންމައަށް ނުވެސް އެނގޭފަދަ ގޮތަކަށެވެ. އޭނަގެ އަނގަ ހުޅުޥާފައިވެސް ލައްޕައިލިއެވެ.
"ކައިފިންތަ؟" ޖަމީލާ ސުވާލުކުރިއެވެ."އިށީދޭ..އިށީދޭ.. ރޮށްޓާއި މަސްހުނި ހަދާފައި މިހިރީ...."
"އެކަމަކު...ހޮސްޕިޓަލް...މަންމަ އޮތީ........"އޭނަގެ އަޑު ކެނޑުނެވެ.
ޖަމީލާ އަތް ފޮހެލަމުން ކުޑަކޮށް ހީލިއެވެ."މިއަދު ހެނދުނު ދޫކޮށްލީ..ޕްރެޝާ ތަންކޮޅެއް ދަށްވީ.. އެއްވެސް ސީރިޔަސްކަމެއްނެތް. މިރިއަމް މާ ކަންބޮޑުވަނީ...މިދިޔަ ހަފްތާގައި ކޮންމެވެސް ވަރަކަށް ބަލިވެ އެވީ ކަމެއްވީ........... އެކަމަކު މިހާރު ވަރަށް ބޮޑުތަން ރަގަޅު އަލްހަމްދުލިﷲ..."
އޭނަ މަންމައަށް ބަލަހައްޓައިގެން ހުރީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. މަންމަގެ ލޮލުގައި އެއްވެސް ކަހަލަ ބަނަކަމެއްނެތެވެ. އެއްވެސް ވަރަކަށް ހަމަނުޖެހޭ ކަހަލަ ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެކި ދިމާލަށް ބަލައިލާ ނަހަދައެވެ. އެލޮލުން ފެންނަނީ ލޯބީގެ ހޫނުކަމެވެ. ހުރިހާ ކަމެއް ސާފުކޮށް އެނގެއެވެ. ވިސްނެއެވެ.
"މަންމަ ނޯމަލް..ޓޫ ނޯމަލް.."އޭނަގެ ސިކުނޑިން ބުނަމުން ދިޔައެވެ. ކުރިން އެވީ ދެން ކިހިނެއްހެއްޔެވެ؟ ޖިންނި އަވަލީބާވައެވެ. އޭނަ އިށީދެ އުނގުގައި އަތްތިލަ ބޭއްވިއިރު ތުރުތުރުލައެވެ. މަންމަ އޭނަގެ ކުރިމަތީގައި ތަށްޓެއް ބެހެއްޓިއެވެ. ހޫނުކޮށް ހުރި ރޮށްޓާއި މަސްހުންޏެވެ. އެންމެ ފުރިހަމަ ނާސްތާއެކެވެ. މަންމަގެ އަތުން ތައްޔާރުކޮށްފައެވެ. މަންމަވެސް އާދައިގެ ދުވަހެއްފަދައިން އޭނަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ."މިރިއަމް.....މަންމަ މިއަދ މުޅިން ރަގަޅު. ހަމަ ކުރިއެކޭ އެއްފަދައިން..."
އޭނަ ރޯންވީކަމެއް ހޭންވީ ކަމެއްވެސް ނޭގުނެވެ. އެތެރެހަށީގެ ކޮންމެވެސް ދިމާލަކުން ރެދެއްލިހެން ހީވިއެވެ. މަޑުމަޑުންނެވެ. އޭނަގެ ލޯ ތެމެން ފެށިއެވެ. މަންމަ އޭނަގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. މަޑުމަޑުން ފިތައިލިއެވެ. އޭނައަށް މަންމައާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. ކޮންމެވެސް ސަބަބަކާއި ހެދި މަންމަ އަނބުރި އަތުވެއްޖެއެވެ. ކުރީގެ ހަނދާންތައް ހަގީގަތަކަށް ވެގެން އަލުން އައިފަދައިންނެވެ. އެއާއެކު ހިތުގައި ބިރުވެރިކަމުގެ ރާޅެއް ނެގިއެވެ. މިހެން މަންމަގެ ސިކުނޑި ރަގަޅަށް ހުންނާނީ ކިހާދުވަހެއް ވާންދެން ހެއްޔެވެ؟
ނުނިމޭ