"ބަގަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވަނީ "يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ."
***
"އަދިވެސް ކެވެލިކޮޅު އަޅަމެއްނު.."ސަޔާރާގެ އަޑުވެސް މަޑެވެ. އޭނަގެ ކަރުތެރެ ބެދުނެވެ.
"އެނގޭތަ؟ ބައްޕަ އަތުގައި އޭނަގެ ނަމްބަރު އޮވެދާނެތަ؟" އެންމެފަހުން ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ."އަހަރެން އޭނަ ފަހާ ދުވާކަށް ނޫން އެކަމަކު ބޭނުންވަނީ...ޕްލީޒް.........."
ސަޔާރާ އޭނަގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ." އެކަންވެސް ވާނީ ހަމަ އެކަމަށް ކަނޑައަޅުއްވާފައިވާ ވަގުތުގައި...އަބަދުވެސް ހަނދާން ކުރައްޗޭ..."
"ޢަހަރެން ބައްޕަ ގާތުން އަހާނަން އިންޝާﷲ..." ސަޔާރާ އޭނައަށް އިޝާރަތްކުރީ އޭނަ ބައްޕަގާތަށް ގޮސްފައި އަންނަންދެން އިންތިޒާރުކޮށްލުމަށެވެ. އޭނަ ސޯފާގައި އިށީދެލައިގެން އިންއިރު ހިތުގެ ތެޅުން އަވަަސްވަމުން ދިޔައެވެ. މިފަދަ ކަމަކަށް ސިކުންތުކޮޅަކަށްވެސް އިންތިޒާރުކުރުމަކީ ކިހާވަރެއްގެ ވޭންދެނިވި އުދަގޫކަމެއްކަން ސަޔާރާއަށް ހަމަ ނޭގެނީހެއްޔެވެ؟ އެކަމަކު ހަމްޒާގެ ނަމްބަރު ލިބުމުން އޭނަ ހަދަންވީ ކިހިނެއްހެއްޔެވެ؟ ގުޅާފައި ބުނަންވީ ކީކޭ ބާވައެވެ. ސަޔާރާ އަންނަތަން ފެނުމުން ހިތުގެ ހަމަނުޖެހުން އިތުރުވުން ނޫންކަމެއްނުވިއެވެ. އެލޮލުން ފެންނަން ހުރީ ބިރުގަނެ ހާސްވެފައި ހުރިކަމުގެ އަަސަރެވެ. ނާކާމިޔާބުގެ ނިޝާންތަކެވެ. އޭނައަށް ހިތާހިތުން ދުޢާކުރެވުނެވެ.
"ކިހިނެއްވީތަ؟ ބައްޕަ ބުނީ ކީކޭ؟ ހަމްޒާ ދުނިޔޭގައި އެބަހުރިތަ؟" އޭނަ ފުންމައިގެން ތެދުވެ ފިނިވެފައިވާ ދެއަތްތިލަ އުނގުޅަންފެށިއެވެ.
"ހަމަޖެހިބަލަ...ސަބްރް...."ސަޔާރާ އޭނަ ގެ ކޮނޑުގައި ހިފާފައި ގެންގޮސް ބެންޗުގައި ބޭންދިއެވެ.
"އަހަރެން ނާހަން..." ސަޔާރާ ފުން ނޭވާއެއް ދޫކޮށްލަމުން އިއުތިރާފުވިއެވެ.
"ނާހާ ތިއައީ؟ކީއްވެ؟" އޭނަ އެސްފިޔަ ޖަހައިލުމާއެކު ކޮންމެވެސް ވަރަކަށް ހިތަށް ލުއިވެލިއެވެ.
"އަހަންނަށް ނުކެރުނީ..ހަމްޒާގެ ނަމްބަރު ދީބަލާށޭ ބައްޕަ ގާތު ބުނާނީ ކިހިނެއް؟ އެތައް ސުވާލެއްކުރާނެ. އެހެންވެ ޕެނިކްވެގެން ބައްޕަ ގާތު ބުނިން މީހަކަށް ގުޅަން ފޯނު ދީބަލާށޭ......"
"ދެން؟" އޭނަ ލޯ ހަނިކޮށްލިއެވެ.
"ބައްޕަގެ ފޯނު އަތުލައިގެން މިއައީ..."
މިރިއަމް އެ ޒަމާންވެފައިވާ އެންޑްރޮއިޑް ފޯނަށް ބަލައިލިއިރު އޭގެ އަލި ހުރީ އެންމެ މަތީގައެވެ. ސްކްރީނުން ފެންނަ ކޮންމެ ލަފުޒެއްވީ އުރުދޫއިންނެވެ.
"އަހަރެމެން އެބަޖެހޭ އަވަސްކޮށްލަން.....ވަރަށް އަވަސް...ބައްޕަ ފޯނު ބަލާ އައުމުގެކުރިން..."
ދެމީހުން ގުދުވެލައިގެން ލިބިއިރު ދައުލަތެއްގެ ސިއްރުތައް ހެކްކުރަން އުޅޭ ދެ ކުށްވެރިންނެކޭ ތަފާތެއްނެތެވެ.
"ވެއިޓް.އަހަންނަށް ހީވަނީ މިއީ ކޮންޓެކްޓްސް އިންހެން..."އޭނަ ސްވައިޕްކޮށްލަމުން ދަތްތަކުގެ ތެރެއިން ކިޔައިލިއެވެ."ކީއްވެ ދެން މި ބަހުރުވައިން ހުރިހާ އެއްޗެއް މިހިރީ..."
"ބައްޕަ އުރުދޫ ބަސް ހަނދާން ނައްތައިލަން ނުވާތީ..."
"މަޑުކޮށްބަލަ...މި އުސްމާން އިބްން އަހްމަދު...އެއީ އޭނަ. ނޫންތަ؟"
"އޭނަގެ ނަމަކީ ހަމްޒާއެއްނު..."ސަޔާރާއަށް އޮޅޭގޮތްވިއެވެ.
"އަހަރެން ހަދާން ވާގޮތުން ސަޔާރާގެ ބައްޕަ އޭނައަށް އުސްމާންއޭ ކިޔާފައި ވާހަކަދެއްކި....ފަހަރެއްގައި އެއީ އޭނަގެ މިޑްލް ނޭމް..."މިރިއަމް ތުންފަތުގައި ދަތް އަޅާލައިގެން ވިސްނުމެއްގައި އިނެވެ. އޭނަގެ ހަނދާން ރަގަޅުކަމަށް ވަންޏާ ހަމްޒާ އެގެއަށް ޒިޔާރަތް ކުރި ދުވަހު ވާހަކަދެއްކީ އުސްމާން ކިޔާފައެވެ. ހަމްޒާ އުސްމާން އަހްމަދު ކަމަށްވެސް ވެދާނެއެވެ. މިފަހަކަށް އައިސް ތިން ނަމަށްވުރެ ގިނަ ނަންވެސް ދަރިންނަށް ކިޔާ އުޅެނީ ނޫންހެއްޔެވެ؟ ޚާއްސަކޮށް އޭނަ އަހާ ގޮތުން ވިއްޔާ އަރަބިން މުނިކާފަގެ ނަމަށްދާންދެން ނަމުގައި ހިމަނައެވެ.
"މިއިން ނަމްބަރު ހޯދާނީ ކިހިނެއް؟" މިރިއަމް އެ ނަމުގެ މަތީގައި އިނގިލި ޖައްސާލައިގެން އިނެވެ.
"ނޭގޭ.. ފިތައިލަންވީނު..."
އޭނަ ފިތައިލުމާއެކު އިނގިލި ކައްސައިލިއެވެ. އެއީ ބިރުވެރި ވަގުތުކޮޅެކެވެ. މަޑު އަޑަކާއެކު ވީޑިއޯ ޖެއްސުނެވެ.
"ކޮންތަނަކަށް ތި ފިތައިލީ؟" ސަޔާރާގެ ނޭވާ ކަރުތެރޭ ތާށިވިއެވެ.
"އަހަންނަށްވެސް ނޭގޭ..."
އެދެމީހުންގެ އިނގިލިތައް އުދުހިފައި ކަހަލަގޮތަކަށް ސްކްރީނަށް އެރުމާއެކު ފޯނު ނިވައިލަން އަވަސްވިއެވެ. ނަމަވެސް އެމީހުންނަށް އެކަން ކާމިޔާބުވުމުގެ ކުރިން ސްކްރީނަށް މަންޒަރެއް އެރިއެވެ. ހަމްޒާގެ ސޫރައެވެ. އިސްތަށިގަނޑު ކުޑަކޮށް ހޭވިފައެވެ. ކަޅު ދެލޮލުން ފެނުނީ ހައިރާންކަމެވެ. ދެންމެ ނިދިން ހޭލިފަދައެވެ. އެކަމަކު އޭނަ ހުރީ ގޭތެރެއަކު ނޫނެވެ. އުދަރެސް އަދިވެސް ކަޅުކަމަށް ދައްކައެވެ. އިޖިފްޓަށް އަދި އިރުނާރަނީ ކަމަށް ވެދާނެއެވެ.
ހަމްޒާ އެސްފިޔަ ޖަހައިލިއެވެ.
ސްކްރީނުން ފެންނަނީ ޖެހި ފިތިގެން ތިބި ދެ އަންހެންކުދިންނެވެ. ހެޑްލައިޓްގެ އަލި އެޅުމުން ގަނޑުވެފައިވާ ފުއްލާތަކެއް ހެން ގަނޑުވެފައެވެ. ލޯ ބޮޑުކޮށްގެންނެވެ. އެކަކު ކަޅު ހިޖާބުގައި ފޮރުވިގެން ވީއިރު އަނެއް ކުއްޖާ ހުރީ ބުރުގާ އަޅާފައެވެ. ހާސްވިގޮތަށް އަނގަވެސް ހުޅުވިފައެވެ.
ސަޔާރާ ހަލުވިކަމާއެކު ސްކްރީނުން އެއްފަރާތަށް ޖެހިގަތްއިރު މިރިއަމްވެސް ފޯނު ދިއްކޮށްލީ ސީލިންއާއި ދިމާލަށެވެ.
"ތި ކަނޑާލާ..ކަނޑާލާ އަވަހަށް..........."ސަޔާރާގެ ޖުމްލައިން އޭނަގެ އިނގިލިތައް ހަރަކާތްކުރިއެވެ. އޭނަ ރަތް ބަޓްންއަށް ފިތައިލުމާއެކު އަތުން ދޫކޮށްލީ އަތް ފިހުނުފަދައިންނެވެ. ދެކުދިންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ބިރާއި ސިހުމުން ފުރިގެންވާ ނަޒަރު ކުއްލިއަކަށް ބަދަލުވީ ހުނުމަށެވެ.
"ޔާ ﷲ..."ސަޔާރާ އަތްތިލައިން މޫނު ފޮރުވިއެވެ."އަހަރެމެން މި ފުންމައިލީ ހަމަ އަނދަވަޅަކަށްދޯ..."
އޭނަގެ ހިތްވެސް ތެޅެމުން ދިޔައީ ހަމައެއް ލަމައެއް ނެތިއެވެ. "އަހަރެމެން ދެން ހަދާނީ ކިހިނެއް؟ އޭނަ އަނެއްކާ ބައްޕައަށް ގުޅާނެތަ؟ އޭނައަށް އަހަރެމެން ފެނުނުތަ؟ ފަހަރެއްގައި ވަކިކުރަން ނޭގިވެސް ހިގައިދާނެ.."
"އެއީ އަނެއްކާ ހަމްޒާތަ؟" ސަޔާރާއަށް އަދިވެސް އެކަން ޔަގީނެއްނޫނެވެ.
***
ހަމްޒާއަށް އެވީޑިއޯ ކޯލް ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. މިގަޑީގައި އެގޮތަށް ގުޅާނީ ކާކުހެއްޔެވެ؟ އަޅާނުލާންވެސް ޚިޔާލުކުރިއެވެ. އެކަމަކު އެއީ ބައިނަލްއަގުވާމީ ނަމްބަރެކެވެ. ރާއްޖެއިންނެވެ. ވީއިރު އަޅާނުލާ ދޫކޮށްލެވެންވެސް ނެތެވެ. އޭނަ ޖަވާބުދިނަސް ސްކްރީން އެހާ ސާފެއްނޫނެވެ. އޭނަގެ ތެޅިފައިވާ ފޯނުން ގެންނަ ނުސާފު ވީޑިއޯއިން މާ ބޮޑު އެއްޗެއް އޮޅުމެއްނުފިލިއެވެ. ފުސްވެފައިވާ މޫނުތަކެވެ. ނުވީތާކަށް ކުއްލިއަކަށް ގުޅުން ކެނޑުނެވެ. އޭނަ ނަމްބަރު އަލުން ޗެކްކޮށްލިއެވެ. އޭނަ ހަނދާންވާން މިނިޓެއްހާއިރު ނެގިއެވެ. ޕްރޮފައިލް ތަސްވީރުގައިވަނީ ސަޔާރާގެ ބައްޕައާއި ހަސަންބެއެވެ. އެއީ އެރަށުން ބައްޕައާއި އެންމެ ގާތް އެކުވެރިޔާއެވެ. އޭނަ އެރަށަށް ނުދާތާ ފަސްއަހަރުވެއްޖެއެވެ. ދުވަހަކު ދެވޭނެކަމެއްވެސް ނޭގެއެވެ.
އޭނަ ކޮނޑު އަރުވާލިއެވެ. އިތުރަށް ވިސްނައިލުމަށްފަހު އިނގިލިތައް ހަރަކާތްކުރިއެވެ.
"އައްސަލާމް އަލައިކުމް ބޭބޭ..ހާލު ކިހިނެއްތޯ؟އަޅުގަނޑަށް ހީވަނީ ޑައިލް ކުރެވުނީ އެކްސިޑެންޓަކުންހެން...މިހާރު ދިރިއުޅެނީ އެލަގްޒަންޑްރިއާގައި.... އާއިލާއާއެކީ...ﷲ ތައާލާ ތިބާއަށް ރަހުމަތް ލައްވާށި...."
ހަމްޒާ މެސެޖް ނިންމައިލުމަށްފަހު ފޯނު ޖީބަށްލީއިރުވެސް އެ ކޯލަކީ ގަސްތުގައި ނޫނީ އޮޅިގެން ކުރެވުނު ކޯލެއްކަން ދެނެގަންނާކަށް ނޭގުނެވެ. އިރުކޮޅެއްފަހުން ހަނދާންވީ އޭނަގެ ފޯނުގައި އެނަމްބަރު ނެތްކަމެވެ. އޭނަ އެ ނަމްބަރު ފޯނުގައި ރައްކާކޮށްލީ އޭރުން ހަނދާން ނުނެތި އަބަދަށް ފޯނުގައި އޮންނާނެތީއެވެ.
އެންމެ ފުރަތަމަ މެސެޖް ފެނުނީ ސަަޔާރާއަށެވެ. އޭނަ ބައްޕަގެ އަތަށް ފޯނު ދޭން ދަނިކޮށް ސްކްރީން ދިއްލެން ފެށުމުން ބަލައިލެވުނީއެވެ. ފިޔަވަޅުތައް ހުއްޓުމަކަށް އައިތަނާހެން ފަހަތުން އައިސް މިރިއަމް އަރާ ހަމަކުރިއެވެ. އޭނަ އެތައްފަހަރު ތަކުރާރުކޮށް އެ މެސެޖް ކިއެވެ. އެ ނަންވެސް ސިކުނޑގައި ބިންވަޅު ނެގެންދެނެވެ. އެލަގްޒަންޑްރިއާއެވެ. އެއީ ކޮންތަނެއްހެއްޔެވެ؟ ނޫނީ ކޯނޗެއްހެއްޔެވެ؟ އޭނަ ކުރިން އެނަން އަހާފައެއްނެތެވެ. ވައްތަރީ އަންހެންކުއްޖެއްގެ ނަމާއިއެވެ. ފަރި އަދި ނާދިރު ކުއްޖެއް ކަން ނޭގެއެވެ. އެކަމަކު ސިކުނޑީގެ ކަނަަކުން ބުނަމުން އައީ އެއީ މީހެއް ނޫންކަމެވެ. އޭނަ ބުރުގާއަށް މަޑުމަޑުން ދަމައިލިއެވެ.
"ސާޔާ؟ އެލެކްސެންޑްރިއާ......"ޢޭނައަށް އެ ނަން ފުރިހަމައަށް ކިޔަންވެސް ނޭގުނެވެ. އެނަމުން ހީވަނީ ވަރުގަދަ ތަނަކަށް ނިސްބަތްވާހެންނެވެ. އެެޝަހަރުގައި ދިރިއުޅޭ އެންމެންވެސް ދިގުކޯޓުލައިގެން ފޮތްތައް ހިފައިގެން ދާ މަންޒަރު ލޯމައްޗަށް ފެނުނެވެ. މިތަނުގައިފަދައިން އެންމެނަށް އެންމެން ދެނެ ފަރިތަ މުޖުތަމައަކަށް ނުވާނެއެވެ. ފަހަރެއްގައި އެ ރަށުގައި ދިގު އިމާރާތްތައް ހުރެދާނެއެވެ. ކާރާއި ފެންސީ ގެތަކާއި ގޭޓްތަކެވެ. އަދި ލައިލާގެ ކުރީގެ މެގެޒިންތަކުގައި ހުންނަކަހަލަ ރޭލުތަކެވެ. ހަމްޒާ ހަގީގަތުގައިވެސް އެތާގައި ހުރެދާނެހެއްޔެވެ؟ ބީރައްޓެހިންނާއެކުގައެވެ. އެހެން ބަހަކުން ވާހަކަދައްކާ މީހުންނާއި އެކީގައެވެ.
ކުއްލިއަކަށް އޭނަ ޕްރޮފައިލްއަށް ލާފައި ހުރި ތަސްވީރު ލޯޑްވާންފެށިއެވެ. ކުޑަނަމަވެސް ސާފެވެ. ހަމްޒާ ކެމެރާއާއި ދުރަށް ބަލަން ހުރީ ހުދު ހެދުމެއްގައެވެ. އޭނައާއި ޖެހިގެން ކަޅު އަބާޔާއެއްލައިގެން ހުރި އަންހެންމީހާގެ އުރުގައި އިނީ ކުޑަ ކުއްޖެކެވެ. އެފަދަ ތަސްވީރުން ދޭހަވާނީ އެންމެ އެއްޗެއް ނޫންހެއްޔެވެ؟ އޭނައަށް އެ މަންޒަރުން ފެނުނީ ކުޑަ އާއިލާއެކެވެ. ދެމަފިރިންނާއި ދަރިފުޅެވެ. މިރިއަމްގެ ހިތް ގެނބޭގޮތްވިއެވެ. އޭނައަށް ކަޅިޖަހާނުލާ ބަލަން އިނދެވުނީ އެ ތަސްވީރު ދޮގުހެދުމަށް އެދިއެދިއެވެ. ބަދަލުވުމަށް އެދިގެންނެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. ބައެއްފަހަރު ފެންނަ މަންޒަރުތައް ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. މިއީ ހަމްޒާގެ ކޮއްކޮއެކެވެ. ނޫނީ ދެބެންގެ ދެދަރި ކުއްޖެކެވެ. ނޫނީ ކޮންމެވެސް ނުދަންނަ މީހަކާއެކީ ފޮޓޯއަކަށް އެރީއެވެ.
މިރިއަމްގެ މޫނުމަތިން ފެނުނު ހިތްހަލާކުވާފަދަ އަސަރުތައް ފެނުމުން ސަޔާރާއަށްވެސް ވިސްނުނެވެ. އެކުވެރިޔާގެ ހިތަށް ތަސައްލީއެއް ގެނެސްދިނުމަށް އޭނަ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"މިރިއަމް...ވިސްނާލަބަލަ.... އަހަރެމެންނަށް މިއީ ހަމްޒާކަމެއް ޔަގީނެއްވެސް ނޫން..ބައްޕަ އެ ނަމްބަރު ސޭވްކޮށްފައި އެއޮތީ ކޮންމެވެސް އުސްމާނެއްގެ ނަމުގައި ދޯ...އަދި ވީޑިއޯއިން ފެނުނު މީހާވެސް ހަމްޒާއަކާއި އެހާ ވައްތަރެއްނޫން. ހަމްޒާގެ ބްރަދާއަކަށް ވެސް ވެދާނެ......"
ނުނިމޭ