"ހެއްދެވި ފަރާތަކީ ތިބާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ފަރާތަށް ވެއްޖެއްޔާ ދިރިއުޅުމަށް އަންނާނެ ރަގަޅު ބަދަލު ފެންނާނެއެވެ."
***
އަހެދް ފުން ނޭވާއެއް ދޫކޮށްލާފައި ފަހަތަށް ޖެހިލީ ނައީމް އަވަހަށް މިރަށުން ފުރާނެކަމުގެ އުއްމީދުގައެވެ. އޭނައަށް ނޭގުނީ ކުޅިގަނޑު އަނބުރައިލެވި ނައީމް ވިލްދާންގެ މައްޗަށް ގަދަވެގަނެގެން މަޑުކުރަން އުޅޭ ކަމެވެ.
މުރުތަސިމް އެ ފުޅާ ތަބުގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރިއިރު އެހެން ކަމެއް ފާހަގަވިއެވެ. އަހެދްއާއި ދުރަށް ދާން އުޅުނަސް ނުވާނެކަމެވެ. އަދި އެވެސް އަހެދް އޭނަގެ ހިމާޔަށް ބޭނުންވެފައި ހުއްޓައެވެ. އަދި އެހެން މީހަކަށް ރޭކާނުލިޔަސް އަހެދް އެންމެ ނޭވާއެއްލާންވެސް ހަނގުރާމަކުރާވަރު އެނގޭހިނދުގައެވެ. ފިޔަވަޅުގެ އަޑު ނީއްވާ އޭނަ ހިނގައިގަތްއިރު ހިތަށް ބަރުވެ ސިކުނޑި ބަނަވެއްޖެއެވެ. އޭނަގެ ފިޔަވަޅުތައް ލަސްވެފައި ދުލުގައި ނުބުނެވި ހުރި އެތައް ހާސް ވާހަކައެއްވިއެވެ. އޭނައަށް އަހެދްގެ އަތުގައި ނައީމް ހިފާ ދަމައިގަތްއިރު އެލޮލުން ފެނުނު ތަދު އިހުސާސްވިއެވެ.
"އަހެދް...."އޭނަގެ އަޑުގައި ޔަގީންކަމެއްނެތެވެ. އަދި މަޑުމަޑުން އެ އަތުގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އަހެދް މަޑުމަޑުން އަތްތިލަ ނަގަމުން ޝޯލްތެރޭގައި ފޮރުވިއެވެ. އާދައިގެ ހަރަކާތެއް ނަމަވެސް އޭނައަށް ދޭހަވީ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަމެވެ. ފަހަރެއްގައި އޭނައަކަށް ނޫނެވެ. ފޮރުވިފައިވާ ހަަގީގަތެއް ދުލާއި ހަމަޔަށް ގެންނަން ބޭނުންނުވަނީއެވެ.
"އައިމް ފައިން....."އަހެދް އަވަސްއަވަހަށް ބުނެލިއެވެ. އޭނައާއި ހަތަރުކަޅި ހަމަނުކުރަން ހުއްޓަސް މޮޅިވެރިކަން ވިސްނި ކުޑަކޮށް ހީލިއެވެ." ރޯގާ ޖެހިދާނެހެން ހީވޭ.. ހެދުން ބަދަލުކޮށްލަން މިދަނީ..."
އޭނަގެ ނަޒަރުގެ ފަހަތުގައި ސުވާލުތަކުގެ ތޫފާނެއް އެނބުރެން ފެށުމުން އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ އޭނަގެ މަންމަ ޒަހްރާގެ އަޑު ފަހަތން އިވުނެވެ.
"އަނހަ....ދެކުދިން...."ޒަހްރާ ގެ ރާގުގައިވީ ސަމާސާގެ ގޮތެވެ.
"ދެކުދިން ދުވެ ފިލަންތަ ތިއުޅެނީ؟ އަހެދް އަދި ވާރެއާއި ތެމި ހީކަރުވާފައި. އަވަހަށްގޮސް ތެތް އެއްޗެހި ބަދަލުކޮށްލަންވީމު..ރޯގާ ޖެހިދާނެ.........."
އަހެދް ޒަހްރާއަށް އިހުތިރާމް ކުރާފަދަ ހިނިތުންވުމަކާއެކު ކޮންމެވެސް އެއްޗެކޭ ބުނެލަމުން އަވަސްވެގަތީ އެތަނުން ސަލާމަތްވުމަށެވެ. މުރުތަސިމްއަށް މަންމަ އެގޮތަށް ކުއްލިއަކަށް އައުމުން ހަދާނެގޮތް ހުސްވިޔަސް އަހެދްއަށް ތަންދެއްކިއެވެ. އެއްފަރާތަށް ޖެހިލިއެވެ. އަހެދްގޮސް ފުޅާ ކޮރިޑޯއިން ނިވާވުމުން ދަރިފުޅާއި ދިމާލަށް ޒަހްރާއަށް ބަލައިލެވުނެވެ. އޭރު މުރުތަސިމްވެސް ހުރީ އެންމެ އިންޗިއެއްވެސް ދުރަށް ނުޖެހި އަހެދްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހަގީގަތުގައި އޭނައަށް ލަހުން ނަމަވެސް އަހެދްގެ ހިމޭން ބަހުރުވަ ދަސްވާންފެށިއެވެ. އޭނަގެ މަންމަ މަޑު ހުނުމަކާއެކު އޭނަގެ އުޅަބޮށީގައި މަޑުމަޑުން ޖަހައިލިއެވެ.
"އެންމެ ރަގަޅުތާ....މިގޭތެރެއިން އެންމެ ކުއްޖަކު ނަމަވެސް އަލަތުފިރިއެއްހެން އެބައުޅޭ.."
"މަންމަވެސް....."އޭނައަށް މަންމަގެ ސަމާސާގައި ބައިވެރިއެއް ނުވެވުނެވެ. ދެމީހުން އެކީގައި ގެއަށް ވަދެގެން ދިޔައިރު މަންމަގެ މައުޟޫއަކަށްވީ އުމްރާ ދަތުރެވެ. ޖަމާއަތުގެ ރޭވުންތެރިކަމާއި އާއިލާގެ ތައްޔާރީތަކެވެ. ތިބެން ހަމަޖެހިފައިވާ ހޮޓަލް ޒަހްރާއަށް ވަރަށް ކަމުދެއެވެ. ހަރަމްފުޅާއި ކައިރިވެފައި ދުރަށް ހިނގަން ނުޖެހޭތީއެވެ. ފަސް އުމްރާ ކުރަން ފުރުސަތު ލިބުމަކީވެސް ލިބޭ ހިތްހަމަޖެހުމެކެވެ. އޭނައަށް މަންމަގެ ވާހަކަތަކާއި ބައިވެރިނުވެވުނީ ސިކުނޑި އެހެން ދިމާލެއްގައި ވީމައެވެ.
އަދިވެސް ޚިޔާލުގައި ވީ އެ ހިނދުކޮޅެވެ. އަހެދް އޭނަގެ އަތުކުރި ރައްކާކުރިގޮތެވެ. އޭނައާއި ދިމާލަށް ބަލައިވެސް ނުލިއެވެ. އޭނަގެ ކަންކަތުރަށް ބާރުވެގެން ދިޔުމާއެކު ނަޒަރު ހުއްޓައިލެވުނީ ފާރުގައިހުރި އޯނޭޓް ގަޑިއަށެވެ. ނައީމް ފުރާގަޑިއެއްވެސް ޔަގީނެއްނޫނެވެ. އެއީ ހަމަ ޖެހިފައިވާ އާފާތެއްކަމުގައި އޭނަގެ ހިތް ބުނާ ސަބަބެއް ނޭގެއެވެ. އަހެދް ވަރިހަމަކަމަށް ހެދިގެން ހުއްޓަަސް އަހެދް އެމީހާއާއެކީ ދޫކޮށްލައިގެން އޭނައަށް ޔަގީނުންވެސް ހަމަޖެހިލައިގެން ހުރެވެނީއެއް ނޫނެވެ.
އޭރުވެސް މަންމަ އެކި ވާހަކަތަކުގައެވެ. ބާބިލް އުމްރާއަށް ގެންދަން ހަމަޖެހުނުު ވާހަކަ ބުނެލިއިރު މަންމަގެ އަޑުގައި ވީ ކުލުނެވެ. އަދި މައިރާ އުމްރާއަށް ދާންވެގެން ޝައުގުވެރިވެފައި ހުރިވަރުވެސް ބުނެދިނެވެ. އޭނަ ގަދަކަމުން ހީލަމުން ބޯ ޖަހައިލިއެވެ. ހަގީގަތުގައި މަންމަ ދެއްކި ގިނަ ވާހަކަތަކެއް އޭނަގެ ކަންފަތަކަށް ނުވަދެއެވެ. ވަގުތު ފާއިތުވެގެން ދިޔަގޮތެއްވެސް އޭނައަކަށް ނޭގުނެވެ. އެންމެފަހުން އޭނަ މަންމަގެ ގާތުން ހުއްދަ ހޯދައިގެން ކޮޓަރިއައާއި ދިމާލަށް ހިނގައިގަތްއިރު ކޮރިޑޯވެސް ފަޅުވެ ހިމޭންކަން ފެތުރިގެން ދިޔައެވެ. އޭނަގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލުމުން މަޑު އަޑަކާއެކީ ހުޅުވެނެވެ. ކޮޓަރިތެރެއިންވެސް ހަމައެކަނި ހިތުގެ ވިންދުގެ އަޑެވެ.
ފުރަތަމަވެސް ނަޒަރުގައި އަޅައިގަތީ އަހެދްއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިގެންނެވެ. ފެންވަރާ ތާޒާވެލައިގެންނެވެ. އިސްތަށިގަނޑުގައި ބޯ ތުވާއްޔެއް އޮޅާލާފައިވީ ނަމަވެސް ރަތްކުލައިގެ އިސްތަށިތައް ތުވާލި ދޭތެރެއިން ނުކުމެ ކަނދުރާއަށް ގޯނާކުރަމުން ދިޔައެވެ. އެ ސާފު މޫނުމައްޗަށް މަޑުފިޔާތޮށިކުލައެއް ވެރިވެފައިވަނީ ހޫނުފެނުގެ އާވިންނެވެ. ފަޅި ސިކުންތުކޮޅަކަށް އޭނަގެ ފައިދަށުން ބިންގަނޑުވެސް ތެޅިލީ އަހެދް އެގޮތަށް ފެނުމުންނެވެ. އެއްވެސް ހިމާޔަތެއް އައްޑަނައެއް ނެތިއެވެ. ނާޒުކްކަމުގެ މިސާލެއްފަދައިންނެވެ.
ކޮޓަރީގެ ހިމޭންކަމުގެ ތެރެއިން އަހެދްފެނުނީ ޖަޒުބާތާއި ކުޅެލާހާ ފުރިހަމަކޮށެވެ. އެވަގުތު ފޯނު ހިރިލިއެވެ. އެސްފިޔަޖަހައިލުމާއެކު ޚިޔާލީ އާލަމުން ނުކެމެ ހަމަހޭވެރިކަންވީ އެ ފޯނާއިހެދިއެވެ. އޭނަ ޖިންސްގެ ޖީބުން ފޯނުނެގިއެވެ. އެލީޒީއެވެ.
"އިންތިޒާރުކުރަންވީތަ؟ ނޫނީ އެވެސް ކުށެއް؟"
އޭނަ އެމެސެޖަށް ބަލަހައްޓައިގެން ހުރިއިރު ނޭވާ ހިމޭންވިއެވެ. ކަރުތެރެ ބެދުނެވެ. އިނގިލިތައްވެސް ގަނޑުވިއެވެ. އެލީޒީގެ އެ ލަފުޒުތައް އޭނަގެ އަޑު އަދި އެދެމީހުން އެކީގައި ގާތްގަނޑަކަށް ދިރިއުޅުމެއް ފެށި ދުވަސްތައް ހަނދާނުގެ މަޑިކިލަބުގައި ކޮށްޓައިލިއެވެ. ހުރިހާ ދުވަސްތަކެއް އޭނަގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުހެން ފެނިލިއެވެ. އެއާއެކު އޭނަ ހުރިކަން ނޭގި އިސްތަށިގަނޑު ހިއްކަމުން ދިޔަ އަހެދް ލޮލުގެ ސްކްރީނަށް އެރިއެވެ. އޭނަގެ ޖާގަ އަދި އޭނަގެ ދިރިއުޅުމަށް ވަނީ އެލީޒީ އަށް ލިބުނުފަދަ ގޮތަކަށް ނޫނެވެ. އޭނަ އިސްއުފުލާ ބަލައިލިއިރު އަހެދްއަށްވެސް އޭނަގެ ސޫރަ ލޯފަނޑުން ފެނުނެނެވެ. އަހްދެއާއިހެދި އޭނަގެ ސިކުނޑިއަށް ސާފުކޮށް އެއްވެސް ކަމެއް ނިންމަންވެސް ނޭގެއެވެ. ހިމޭންކަމުގެ ތެރެއިން އަނެއްކާވެސް އޭނައަށް ފޯނުގެ އަޑު އިވުނެވެ.
އަހެދް އިސްތަށިގަނޑުގައި ދޫކޮށް ތުވާލި އޮޅައިލަމުން އޭނައާއި ދިމާލަށް އެނބުރުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭރުވެސް އޭނަގެ ފޯނުގެ ސްކްރީން އަލިވަމުން ދިޔައީ ސުވާލުގެ ޖަވާބެއް ނުލިބިގެން ޝަކުވާކުރާފަދަ ގޮތަކަށެވެ. އޭނަގެ ލޮލުގައި ހިމޭންކަމައެކު ކުރެވެމުން ދިޔަ ހަގުރާމަ ލަފުޒުތަކަށްވުރެ ފައުޅުކަން ބޮޑެވެ. އަހެދްއަށްވެސް އެކަން އެނގުނެވެ. އެމެސެޖް ނުފެނުނަސް ކާކުކަން ނޭގުނަސް އޭނަގެ މޫނުމައްޗަށް ވެރިވި ކުލަވަރާއި އެސްފިޔަތައް ޖަހައިލިގޮތުން ޓަނެއްގެ ބަރު އުފުލަމުންދިޔަކަން ވިސްނުނެވެ. ކުޑަކޮށް ގޮށްޖެހުނު ބުމައާއި ސިއްރުކަމެއްކުރަނިކޮށް ފަޅާ އެރިފަދަ ބެލުމުންވެސް އަހެދް ދެނެގަތެވެ. އޭނައަށް ކިހިނެއްކަމެއް ނޭގުނެވެ. އެކަމަކު އެލީޒީކަމަށް ސިކުނޑި ބުނެދިނެވެ. އެއާއެކު ހޫނު ކަށްޓެއް މެޔަށް ހެރުނެވެ. ރުޅިއެއްވެސް ނޫނެވެ. ހިތް ހަލާކުވީއެއްވެސް ނޫނެވެ. އެހެން އިހުސާސްއެކެވެ. ހަސަދަވެރިކަމެވެ. އޭނައަށް ހައްގު އެއްޗެއްވެސް ނޫނެވެ. ސަބަބަކީ މިހުރިހާ ކަމަކީ ހަމައެކަނި ވަގުތީ ބަދެވުމެއް ނޫންހެއްޔެވެ؟ ހަމައެކަނި އަގުދެކެވެ. ބަދަލުހިފުމެކެވެ.
އަހެދް އަލަމާރި ހުޅުވާލާފައި ހެދުންތައް ތަރުތީބުކުރާކަމަށް ހެދުނެވެ. އެކަމަކު މުރުތަސިމް ފޯނު ފޮރުވި ސިކުންތުކޮޅު ސިކުނޑިހިސާރުކުރިއެވެ.
މުރުތަސިމް އެއްޗެކޭ ބުނަންވެގެން ކަރުކަހައިލިއެވެ. އެންމެފަހުން ވާހަކަދެއްކީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ.
"ޕެކްކުރަން ފެށީތަ؟"
"އާނ..އަހަރެން ގެ ބޭގް ރެޑީ..." އަހެދް ނުބަލަން ހުވާކޮށްގެން ހުރި ފަދައެވެ. އެއަށްފަހު އިރުކޮޅެއްފަހުން އެއްބުމަ ކުޑަކޮށް އަރުވައިލިއެވެ."އަހަންނަކަށް ނޭގޭ އަމިއްލަ ބޭގް ގޮތެއް...."
އަހެދްގެ ޖަވާބުން އޭނަ ހަށަން ބަދެލަމުން އެއް ފިޔަވަޅު ކުރިއަށް އެޅިއިރު އެލޮލުގައި ލާނެތްކަމެއް ނަށައިލިހެން ހީވިއެވެ.
"ތިއީ މަގޭ އަނބިމީހާ...މަގޭ ބޭގްވެސް ތައްޔާރުކޮށްދޭން ޖެހޭނެ..."
އަހެދްގެ ނަޒަރު ތޫނުކަމުން ބިއްލޫރިވެސް ކަފާލާނެފަދައެވެ. އެކަމަކުވެސް އަމިއްލަ ނަފުސް ބޭވަފާތެރިވެ އޭނަގެ ތުންފަތުގެ ކޮޅުން ކުޑަ ކުޑަ ހިނިތުންވުމެއް ފެނިލިއެވެ.
"ރިއަލީ؟"އަހެދް އޭނައާއި ކައިރިން އަޅާފައި ހިނގައިގަތީ ރީތިވާ މޭޒާދިމާލަށެވެ." އަހަރެން ނުދެނެހުރިން ކައިވެނި އައިއިރު ޕާސަނަލް އެސިސްޓެންޓެއްގެ މަގާމުވެސް އަދާކުރާން ޖެހޭކަމެއް..."
"ބޭސިކް ޕާކްސް...ނޫން.."އޭނަ ބޯ ހޫރުވައިލީ މައުސޫމް ގޮތަކަށެވެ.
"އަހަންނަށް ތީނަގެ އެއްޗެއްގައި އަތް ނުލެވޭނެ. ހަނދާނެއްނެތް؟ ކޮންޓްރެކްޓް......"
"ހުއްދަ މިދިނީ...."އޭނަގެ ރާގުގައި މަޑުމައިތިރިކަމެއް ވިޔަސް ނަޒަރު ދުރުކޮށެއްނުލައެވެ. ދަސްކުރަން މަސައްކަތްކުރާ ފަދައިންނެވެ.
އަހެދްގެ ހިތް ހިނދުކޮޅަކަށް ހުއްޓިލާފައި ވިންދު ޖަހަންފެށިއެވެ. އެއާއެކު ލޯ ހަނިކޮށްލިއެވެ.
"އަހަރެން މިދިނީ ހުއްދަ...ޕެކް އިޓް..."
"ވީއިރު މިހެދުންތަކުގައި އަތްލިޔަސް އޯކޭ؟ އިސްޓާކީނުގައި؟ އަދި ތިރީ މިހިރަ ޑްރޯވާގައި ހުރި އެއްޗެހި..." އަހެދް ވެސް ހަށަން ބަދެލިއެވެ. އޭރު އޭނަގެ އަޑުގައި ކުޑަ ޖެހިލުންވުމަކާއިއެކު ރަތްކަން ކަނދުރާއަށްވެސް ފޭދުނެވެ.
"ހާސްވީ އަހަރެންގެ ޕާސަނަލް އެއްޗެހިތައް ވީމަ....."އޭނައަށް މަޖާވިއެވެ.
"އަމިއްލަ ނަފުސަށް ޚުޝާމަދުނުކުރޭ.."އަހެދް އޭނަގެ ޖުމްލަ މެދުކަނޑައިލުމާއެކު ނަޒަރު ހުއްޓައިލީ ސޫޓުކޭހަށެވެ."އެހެންވީމައެއްނޫން..............."
"ދެން ކިހިނެއްވީމަ؟"
އަހެދްގެ އަލިފާނުގެ ބެލުމުގެ ބަދަލުގައި ވީ ތެދުވެރިކަމާއި ނުރައްކާތެރިވަރަކަށް ގާތްކުރާފަދަ ވިދުމެކެވެ."ސަބަބަކީ މިފަދަ ކަންތައްތައް ކުރަން ފަށައިފިއްޔާ މިކައިވެނި ރިއަލް އެއްޗެއްހެން ފީލްވާން ފަށާފާނެތީ..."
އެޖުމްލައާއެކު މުރުތަސިމްގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެ ހިނިތުންވުންވެސް ގެއްލި ތޫފާނެއްގެ އަސަރު ދައްކާލައިފިއެވެ.
"ރިއަލް؟" އޭނަގެ އަޑުގައި ގާތްކަމެއްނެތެވެ." މި ކައިވެންޏަކީ ހަގީގަތަކަށްވާ ކަހަލަ އެއްވެސް ކަމެއް ނުވެއެއްނު...."
އެއަޑަށް އައި ބަދަލު އަހެދްވެސް ސިއްސުވައިލިއެވެ.
"އަމިއްލައަށްވެސް އެކަން ޔަގީންކުރަމެއްނު...."އޭނަގެ އަޑަށް މަޑުމައިތިރިކަމެއް އަޔަސް ވާހަކަދެއްކީ ވިސްނައިގެންނެވެ."ނޫންތަ؟"
އޭނަ އަހެދްގެ މޫނަށް ބަލައިލީ ޝައްކު ނޫނީ ހިތާމަކުރާވަރުގެ އެއްވެސް ކުލަވަރެއް އެލޮލުން ފެނުމުގެ އުއްމީދުގައެވެ. އޭނައަށް އެކަމުގެ ހަގީގަތް އެނގެން ބޭނުންވިވަރުންނެވެ. އެކަމަކު ޖަވާބެއްނުދީ އަނެއް ފަރާތަށް އެނުބުރުނުގޮތުން އޭނަވެސް ފަހަތަށް ޖެހިލިއެވެ.
"އެހެންވިއްޔާ ހަނދާން ނައްތާލާ..."އޭނަ އަލަމާރި ހުޅުވައިލިއެވެ.
"ސިމް......" އަލްބާންގެ އަޑު ދޮރުގެ ބޭރުން އިވުނެވެ."ނައީމްއާއި އަދީނާ ދާތީ ބުނެލީ...އާދެބަލަ...."
އޭނަ ޖަވާބެއް ނުދިނެވެ. ނައީމްގެ ނަން އިވުމުންވެސް ހިތި އެއްޗެއް ބޮވުނުފަދައެވެ. ދޮރާއި ހަމަޔަށް ގޮސްފައި ލޮލުގައި އަޅައިގަތްކަމަކުން ހުއްޓުނެވެ. އެއީ އަހެދްއެވެ. ޝޯލްތައް ދަބަހަށް އަޅަން ހުރެފައި ކުއްލިއަކަށް އަތުގެ ހަރަކާތްތައް މަޑުޖެހުނެވެ. އެއާއެކު ދޮރާއި ދިމާލަށް ބޯ އުފުލައިލީ އޭނައަށް އިވުނީ ރަގަޅަށްކަން ޔަގީން ކުރަންވެގެންނެވެ. އެއާއެކު ހިތުގެ ވިންދުހާ އަވަސްކޮށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ބޭއިޚުތިޔާރުގައެވެ. ނާޒުކް ހިނިތުންވުމެކެވެ. މުޅި މޫނުވެސް އަލިކޮށްލިފަދައެވެ.
***
ކޮޓަރިތެރެ އެއްކޮށް ކަހަލަ ގޮތަކަށް ހުސްވިއެވެ. އެންމެ ފަހަށް ހުރި ދަބަސްތަކުގައި ޒިބު އަޅުވާފައި ދޮރުކައިރީގައި ބަހައްޓާފައި ހުރިއިރުވެސް އެތަނުގައި ބުނަން ނޭގޭފަދަ ހިމޭންކަމެއްވެރިވެފައިވިއެވެ. ދެމީހުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ހިތުގެ އަޑިން ހެޔޮއެދިގެން ދުވަހަކުވެސް ވާހަކަދައްކާފައެއްނުވެއެވެ. ދެމަފިރިންގެ ޒަވާޖީ ހަޔާތަށް އެހާ ޒަމާންވީއިރުވެސް ބީރައްޓެހިންފަދައެވެ. މޫނު ފެނުނަސް ފޫހިވާފަދައެވެ. އަދީނާ ލޯގަނޑު ކުރިމަތީގައި ހުރިއިރު ބުރުގާ ކޮނޑުމަތިން ކުޑަކޮށް ސޮއްސާލާފައި އޮތުމުން ރަގަޅުކުރަން އުޅުނެވެ. ނައީމްވެސް އޭނަގެ ގިރުވާން ރީތިކުރަން ހުރެފައި އެއްޗެކޭ ބުނަން އުޅެފައި އަނގަ ލައްޕައިލިއެވެ. އަދީނާ ކޮންމެވެސް ސުވާލެއްކުރަން އުޅޭކަން އޭނަ ދެނެގަތެވެ. ކޮންމެ ފަހަރަކު އޭނަ ބަލައިލުމުން ލަފުޒުތައް ދިރުވައިލަނީއެވެ. އެކަމަކު އެހިމޭންކަން އޭނަގެ ކަންފަތަށް ނުކުޅަދާނަވާވަރުވިއެވެ. އަދީނާ ވާހަކަ ނުދެއްކިޔަސް އޭނައަށް އެނގުނެވެ. އެ ނަޒަރުން އެކަނިވެސް އެ ސުވާލުތައް އޮއްސާލާފަދައެވެ. އޭނަ މަލާމާތުގެ ފާޑަކަށް ހީލަމުން ކައިރިއަށް އައެވެ.
"މަށާއި ދިމާލަށް ތިބަލައިލާގޮތުން ހީވަނީ މަ މީހަކު ވަޅުލާފައި އައިހެން..." އޭނަ އަތް ހޫރައިލިއެވެ. އެ އަޑުގައި އެއްވެސް ކުލުނެއްނެތެވެ. "މާބޮޑަށް ޑްރާމާ ނުޖައްސާ...."
"ބުނީމެއްނު އަހަރެމެން ދެމީހުން އެކީގައޭ ފުރާނީ. މިއަދު ގެއަށް ދެވޭނެއޭ...."އަދީނާގެ އަޑު ކިރިޔާ އިވޭހާ މަޑެވެ.
އޭނަ ފިނި ހިނިގަނޑެއްޖަހައިލިއެވެ. އޭނަގެ ބަސް ގަބޫލުކުރިކަމަށްޓަކާ މަލާމާތްކޮށްލިއެވެ." ގެއޭ؟ އަހަރެން އެ ފަޅު ގަބުރުސްތާނެއްފަދަ އަވަށަށް ދާންވީ ކީއްކުރަން؟ އެތާ އުޅޭ ވަކަރުގެ ދަރިން ކައިރިއަށް؟ އެއްވެސް ކަމެއް އޮތްތަނެއްނޫން....."
އަދީނާ ސިހުނެވެ. އޭނަ ގޮސް ދޮރުކައިރީގައި ހުރި ސޫޓުކޭސްނެގިއެވެ. އަދީނާގެ އެއްވެސް އަގެއްނެތް ފަދަ ގޮތަކަށް ބަލައިލިއެވެ."އަހަރެން މިހާ ދުރަށް އައީ އެނބުރި ދާކަށް ނޫން. އަންހެނާ... އަހަރެންނަށް ހައްގު ދިރިއުޅުން އަދި ކިރިޔާ މިލިބުނީ...މިހުރިހާ ދުވަހުވެސް ހަގީގަތުގައި މަ ހުންނަން ޖެހުނީ މިތާގައި....މުއްސަދި ގަދަރުވެރިންނާއެކު. ރަށްފުށު ދިރިއުޅުން އެއްވެސް ވަރަކަށް ހައްގެއްނޫން......."
އަދީނާގެ މޫނު ހުދު ކަފަކޮޅެއްފަދައެވެ.
"ކަލެއާއި އެކަށީގެންވާ ތަނެއްނޫން...އެކަމަކު އަހަރެންގެ ހިތުގައި ކުޑަ ވަރެއްގެ ރަހުމެއްވެސް ހިނގައިގަތް ދުވަހަކުން ކަލޭ ބަލާ ދާނަން. އެދުވަސް ޖެހެންދެން...."އޭނަ ލޯ ހަނިކޮށްލަމުން އަތް ހޫރައިލިއެވެ." ތި މޫނު ކުޑަކޮށް ރީތިކޮށްލައިގެން ނުކުމެބަލަ. މަ ލަދުގަނެއޭ........."
އަދީނާ އެސްފިޔަ ޖަހައިލަމުން ކަރުނަ ދިރުވައިލިއެވެ. އަދި ބުރުގާގެ ކަންގަނޑުގައި ހިފާ ބާރުކޮށްލެވުނުއިރު ނައީމް ކޮނޑު ފޮޅައިލަމުން ސޫޓްކޭހުގައި ހިފައިލީ މާތް މީހެއްފަދައިން މޭފުއްޕައިލަމުންނެވެ. އަދީނާ އޭނަގެ ފަހަތުން ހިނގައިގަތީ ހިތި ހަގީގަތް ގަބޫލުކުރަން އުދަގޫވެފައިހުރެއެވެ.
އެންމެންވެސް މެދުގޯތިތެރޭގައި ތިބީ އިންތިޒާރުގައެވެ. އިރުގެ ރަންކުލަ އެތާ ޖަހާފައި ހުރި ގާތަކުގެ މައްޗަށް ރަޖާއެއްހެން ފެތުރިފައިވިއެވެ. ސޫޓުކޭހަކީ މީހެއްގެ އައުން ނޫނީ ވަދާއު ރަމްޒުކޮށްދޭ އެއްޗެކެވެ. އެންމެންވެސް ޖަމާވީ އެފަދަ ވަދާއީ ސަލާމަކަށެވެ. އުދަގޫދެނިވި ސަފުހާއެއްގެ ނިމުން ގެނައުމަށެވެ.
މައްސަލައަކީ އެންމެ ސޫޓުކޭހެއް ހުރުމެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވީ މުރުތަސިމްއަށެވެ. އޭނަ ކާރަށް ލެނގިލައިގެން ހުރީ ހަށަން ބަދެލައިގެންނެވެ. ވަގުތުން ލޯ ހަނިކޮށްލުމާއެކު ބުުމަ ގާތްވިއެވެ. ވަގުތުން ނުބައި ސިގްނަލެއް ލިބުނެވެ." ކޮބާ އެހެން ދަބަސްތައް؟"
ނައީމް ޖަހައިލީ ހިނިގަނޑެކެވެ. ލޮލުގައި ނުބައި ވިދުމެއްވިއެވެ. "ސަޕްރައިޒް....."
އެންމެނަށްވެސް ހައިރާންކަމާއި ސިހުމެއް ލިބުނެވެ. އެކަކު އަނެކަކަށް ބަލައިލެވުނީ ތިކިތައް ގުޅުވަން މަސައްކަތްކުރަމުންނެވެ. އަހެދް ވަގުތުން ދެނެގަތެވެ. އޭނަގެ މޫނުގެ ކުލަ އޮއްސުނެވެ. އަދީނާގެ މޫނަށް ބަލައިލުމާއެކު ހުރިހާ ކަމެއް ޔަގީންވިއެވެ. ހިތްހަލާކުވާފަދަ ބެލުމެކެވެ. އަދީނާވެސް ދާން ބޭނުމެއްނޫނެވެ. ވަދާއީ ސަލާމްކުރަން އޭނަވެސް ނޭދެއެވެ. އެހުރިހާ އެއްޗެއް ފޮރުވާލައިގެން ހުރިތަން ފެނި އަހެދްގެ ހިތަށް ތަދުވިއެވެ. ސަހެރް ކައިރީގައި ހުރި ވިލްދާން އަނެއް ފައި މައްޗަށް ބުރަވެލިއެވެ. މުރުތަސިމް ހަށިގަނޑު ސީދާކޮށްލިއިރު އަޑު ކުރިއަށްވުރެ ބާރެވެ."ސަޕްރައިޒެކޭ ތިބުނީ ކޮން މާނައެއްގައި؟"
ނައީމް އެންމެނާއި ދިމާލަށް ކުރިމަތިލީ ހިތްތިރި އަދި ބަލިކަށި މާސްކެއް މޫނުގައި އަޅައިގެންނެވެ."އަހަންނަށް ވަޒީފާއެއް ލިބުނީ.. ރަގަޅު މަގާމެއް. ނޫނެކޭ ނުބުނެވޭވަރުގެ..."
ނައީމް މޭގައި އަތް ޖައްސައިލިއެވެ.
ވިލްދާންގެ މޫނުމަތިން ކޮންމެވެސް ކަހަލަ ޝުއޫރެއް ފައުޅުވިނަމަވެސް ހިމޭންކަން ޚިޔާރުކުރިއެވެ.
"ވަޒީފާ ދިނީ ވިލްދާން..."ނައީމް އިތުރުކޮށްލީ ކުޑަކޮށް ހީލަމުންނެވެ." އަހަންނަށް އަދީނާއާއި ދަރިންނަށް ރަގަޅު ދިރިއުޅުމެއް ހޯދަދެވޭނެ...އަހަރެމެންގެ ދިރިއުޅުމަށް ރަގަޅު ބަދަލެއް އަންނާނެ....ކުރިއަށް އެޅުނު ރަގަޅު ފިޔަވަޅެއް..".
އެތަނަށް ވެރިވީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. މިއީ ނައީމްއަށް ލެއްވި ނަސީބެއްކަމެއް ނޫނީ އޭނަ ގަދަކަމުން އަތުލައިގަތް ވަޒީފާއެއްކަމެއް އެކަކަށްވެސް ވިސްނައިގަންނަން ނޭގުނެވެ. ޒަހްރާގެ ނަޒަރު އަހެދްގެ މޫނަށް ހުއްޓުނެވެ. އެސްފިޔަވެސް ޖަހައިނުލާ ދެލޮލެވެ. ދަތްދޮޅިއަށް ވާންވެފައެވެ.
"ކޮންތަނެއްގައި މަޑުކުރަން ޕްލޭން ކުރަނީ؟" މުރުސަތިމް ގެ ދަތްދޮޅިއަށްވެސް ބާރުވެލިއެވެ. އެ ޖުމްލައިން ހިތްތައް ކަނޑައިލާފަދަ ތޫނު ބަސްތަކެވެ.
ނައީމް ބޯ އަރިކޮށްލިއެވެ. އޭނަގެ ބޯ ހަރުކަމާއި ބޭއަދަބީކަން ފޮރުވެނީ ހަމަ ކިރިޔާއެވެ."އެކަމެއް ނޭގޭތަ ހަމަ؟ އަހަރެން އުޅޭނީ އާއިލާއާއެކީ........."
އަހެދް ގާތުގައޭ ނުބުންޏަސް އެންމެނަށް އެ އަޑު އިވުނެވެ. އެތަނަށް ވެރިވީ ނުތަނަސްވަކަމުގައި ހުޅު ނުފަޅަނީސް ސަކީނާ ސަލާމަތަށް އައެވެ. ކަރު ކަހައިލިއެވެ. އޭނަގެ އަޑު އޮމާނެވެ." ހަގީގަތުގައި......އަހަރެމެންގެ ކުއްޔަށް ދޫކޮށްފައިވާ ބައިގާ ހުސް ކޮޓަރި ހުންނާނެ.....ނައީމްބެއަށް އެތަނުގައި ހުރެވިދާނެ....."
އެއީ ރަގަޅު ހުށަހެޅުމަކަށްވުމުން އެމީހަކަށް ފެންނަ ގޮތް ބުނާކަށް ކޮންމެހެން ބޭނުމެއްނުވިއެވެ. ނައީމްގެ ހިނިތުންވުން ފޭދުނަސް އޭނަ ހަމަޖެހިލިއެވެ."ތިގޮތްވެސް ރަގަޅުވާނެ..."
ޒަވިއާރުގެ ހިނިގަނޑުން އެންމެންގެ ސަމާލުކަން އަތުލައިގަތެވެ. އޭނަ ހުއްޓިލައިގެން ހުރީ މައިރާ ގާތުގައެވެ.
"އޯ...އެޕާޓްމެންޓްސް؟"ޒަވިއާރުގެ އަޑުގައި ދިމާކޮށްލާފަދަ ރާގެއްވިއެވެ. އަދި ބޮޑުދައިތަ ސަކީނާއަށް ބަލައިލީ ހައިރާންވި ކަމަށް ހެދެމުންނެވެ." ދައްތަ ތިބުނުއްވީ ބަންގްލާދޭޝް މަސައްކަތު މީހުން ދިރިއުޅޭ އިމާރާތް؟މި ދުވަސްކޮޅު އެތަނުގައި ނަމާދު ކުނަލާއި ލޯންޑްރީ ލައިން ދޭތެރޭގައި ޖާގައެއް ހުންނާނެކަން ޔަގީން؟"
މައިރާ މަޑުމަޑުން އޭނަގެ އަތުގައި ކޮށްޓައިލީ ހުއްޓުވުމަށެވެ."އެއީ އަނެހެން ބުނަންޏާ މިނި ބަންގްލާދޭޝް.....އެކަމަކު ހޭއި..... އެމްބިޝަންއާއި ދޭތެރެއަށް ހުރަސް އަޅަން އަހަރެމެން މިއީ ކޮން ބަޔެއް؟"
އެތަނުގައި ތިބި ބައެއް ޚާދިމުން ލަދުވެސް ގަތެވެ. އެކަމަކު އެމީހުންގެ ހުނުންގަނޑު ނުހިފެހެއްޓުމުން ނައީމް ކަރުކެހިލަމުން ލޯ ހަނިކޮށްލީ އެންމެންގެ ސަމާލުކަން އަނބުރައިލުމަށެވެ.
ސަކީނާގެ މޫނުމަތީގެ ޝުއޫރަށް އެއްވެސް ބަދަލެއްނައެވެ. އަޑުގައިވީ ސާބިތުކަމެވެ."އެއީ ސާފުތަނެއް...އެންމެން އެހާ އެކުވެރި. އަދި ތަން އެބަހުރި..އަދި މިހާ ރަގަޅު މަގާމެއް ލިބުމުން ހިތްތިރި ފެށުމަކަށް އަޅާނުލާނެކަން ހަމަ ޔަގީން.ފައިސާ ލިބުނީމަ މިފަދަ ކިތަންމެ ގަނޑުވަރެއްވެސް ގަނެވިދާނެ......"
ނައީމްގެ ނަޒަރު އެންމެންގެ މޫނަށް ދަތުރުކުރިއެވެ. މަޖާވެފައި ހުރި ޒަވިއާރުން ފެށިގެން ހިތްހަމަޖެހިފައި ހުރި ސަކީނާއަށެވެ. އެންމެފަހުން އަހެދްއަށެވެ. އަހެދް އެންމެ ފަހަރަކުވެސް އެވާހަކަތަކާއި ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ޚިޔާލެއްވެސް ނުދިނެވެ. އޭނަގެ ބޮޑުބޭބެ އޭނަގެ ލޭ އަށް އެހާ އިހާނެތިކޮށް ހަދާ މަލާމާތްކުރާއިރު ހިމޭނުންހުރުމަކީ ފާފައެއްކަމުގައި ދެކުނެވެ. މިބޮޑު ގަނޑުވަރުން ކޮޓަރިއެއް ދޭން ހުށަހެޅިނަމައެވެ. މިގޭގައި ތިބޭ ޚާދިމުންނަށްވުރެ ޗާންދަލިޔާތައް ގިނަ ގެއެކެވެ. އެ މަލާމާތާއި ޖެއްސުންތަކުން ކުޑަ ނަމަވެސް އުދަގުލެއް އަހެދްއަށް ނުވާ ކަހަލައެވެ.
އޭނައަށް ދަތްތަކުގެ ތެރެއިން ބުނެލެވުނު ބަސްތައް އަޑުއިވުނީ ހަމައެކަނި އަދީނާއަށް ކަން ނޭގެއެވެ." މިހުރިހާ ފައިސާއެއް. މުއްސަދިކަމެއް. ދީލަތި މީހުން އުޅޭ އެކަމަކު މި މީހުންނަށް މި ނޫން އެއްޗެއް ހުށަހަޅަން ނޭގުނު........"އޭނަ ރުޅިގަދަވެގެންގޮސް ދަތްތައް ބިންދައިގެންދާވަރުވިއެވެ.
ނުނިމޭ