އިސްލާމްދީނުގެ އަޅުކަން

އިސްލާމްކަމުގެ ފަސް ރުކުނެއް ވެއެވެ. އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އިލާހަކު ނުވާކަމުގެ މަތިވެރި ޙަޤީޤަތަށް ހެކިވުމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މިއީ އަރަހުށި މާތްﷲ ގެ ޢުބޫދިއްޔަތަށް އިޢުތިރާފު ވުމާއި، އެކަލާނގެ ރަޙްމަތްވަންތަކަމުގެ މަތިވެރި ނަމޫނާއެއް ކަމުގައިވާ ފަހުޒަމާނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވެ އެކަލޭގެފާނަށް ތަބާވުމެވެ.

ނަމާދަކީ އަރަހުށި މާތްﷲގެ ރަސްކަންފުޅާއި އެކަލާނގެ އަޅުތަކުންނާ ގުޅުވައިދޭ ވަސީލަތެކެވެ. ނަމާދު އަޅައިފި މީހަކީ ތިމާގެ ޚާލިޤުވަންތަ ރަސްކަލާނގެ ރަސްކަންފުޅާ ގުޅުން ކަނޑައިފި މީހެކެވެ. ނަމާދުގައި ވަނީ އަރަހުށި މާތްﷲ އަށް އިޚްލާޞްތެރިވުމެވެ. އެކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިކަމާއެކު ބޯލަނބައިލުމެވެ. ނަމާދަކީ އެކަލާނގެ ޙަޟުރަތަށް އަދަބު އިޙުތިރާމް އަދާކުރުމާއި، ޤަވާޢިދުތަކަށާއި، ނިޒާމަކަށް ފެތުމާއި، ދުޢާއާއި ޘަނާ ދެންނެވުމުގެ މަޒްހަރެކެވެ. ނަމާދަކީ އަރަހުށި މާތްﷲ އަށް ކަމޭހިތުމާއި، ތަޢުޡީމް އަދާކުރުމާއި އެކަލާނގެ ޙަޟުރަތުގައި ދުޢާދަންނަވައި އެކަލާނގެ ޙަޟުރަތުން މަދަދު އެދުމުގެ ޒަރީޢާއެކެވެ.

ފިރިހެނުން ނަމާދުގެ ފަރުޟު އަދާކުރަން ޖެހެނީ ޖަމާޢަތުގައި މިސްކިތުގައެވެ. އެކަމަކީ މުސްލިމުންނަށް އެކަކު އަނެކަކާ ތަޢާރުފުވެވި ގުޅުން އުފެދޭ ކަމެކެވެ. އެކަކު އަނެކަކަށް ލޯތްބާއި ކުލުނު އުފައްދާ ކަމެކެވެ. އަންހެނުން ނަމާދުކުރުން މޮޅުއިތުރީ ގޭގައި އެކަހެރީންނެވެ. ނަމަވެސް އެބައިމީހުންނަށް ވެސް މިސްކިތުގައި ޤާއިމުކުރެވޭ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވިދާނެއެވެ.

ޒަކާތަކީ ފަޤީރުންނާއި މިސްކީނުންނާއި، ޒަކާތުގެ ޢާމިލުންގެ ޙައްޤު އެކުލެވޭ އެއްޗެކެވެ. ހަމައެފަދައިން ހައްޔަރުވެފައި ތިބޭ މީހުންނާއި އަޅުން މިނިވަންކުރުމަށާއި، ހިތްތައް އެކުވެރިކުރުމަށާއި، ދަތުރުވެރީންނަށާއި، ދަރަނިވެރީންނަށާއި، މާތްﷲގެ މަގުގައި ދީނީ މަޞާލިޙުތަކަށް ޒަކާތުން ހޭދަކުރެވިދާނެއެވެ. ޒަކާތަކީ ދަހިވެތިކަމެއް ނެތްކަމާއި ދީލަތިކަމުގެ ދަލީލެކެވެ. ފަނާވަނިވި ދުނިޔެ ދެކެ ލޯބިވުމުގެ ނުބައިކަމުން ހިތްތައް ތާހިރުކުރާ އެއްޗެކެވެ. މުދާ ތާހިރުކޮށް ސާފުކޮށްދޭ ކަމެކެވެ. ފަޤީރުންނާއި ނިކަމެތީންގެ ނުނިޔަތްލުމުން މުއްސަނދީން ރައްކާތެރިކޮށްދޭ ކަމެކެވެ.

ރޯދަޔަކީ އިންސާނާގެ ކިބައިގައި އޯގާވެރިކަމާއި ހަމްދަރުދީ އުފައްދާ ކަމެކެވެ. ބަނޑުހައިހޫނުކަމުގައި ތިބޭ އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކޮށްދޭ ކަމެކެވެ. މާތްﷲ ތިމާޔަށް ދެއްވައިފައިވާ ނިޢުމަތުގެ ބޮޑުކަން ހަނދާންކޮށްދޭ ކަމެކެވެ. ރޯދައިގެ ބަރަކާތުން އިންސާނާއަށް ކެތްތެރިކަމާއި ހިފެހެއްޓުންތެރިކަމުގެ ރީތި ސިފަ ލިބެއެވެ. ރޯދަޔަކީ ރުޅިމަޑުކޮށްދޭ ކަމެކެވެ. ޖިސްމާނީ ދުޅަހެއިކަމާއި ނަފުސާނީ ޞިއްޙަތު އިތުރުކޮށްދޭ ކަމެކެވެ. ރޯދައިގެ ސަބަބުން ހިތާއި ނަފުސު ޠާހިރުވެއެވެ. ތަޤުވާވެރިކަމުގެ ނިޢުމަތް ލިބެއެވެ.

ޙައްޖަކީ މުސްލިމުން ކުޑަވެސް އިމްތިޔާޒެއް ނެތި އެއްދުވަހެއްގައި އެއް މައިދާނަކަށް ޖަމާކުރުވާ އަޅުކަމެކެވެ. މުސްލިމުންގެ ނަބިއްޔާއާއި، ކުރީގެ ނަބީންނާއި ރަސޫލުންގެ ޒިކުރާ އާކުރެވޭ އަޅުކަމެކެވެ. ތިމާގެ ނަފުސު ޠާހިރުކުރެވި މާތްﷲގެ މަގުގައި ހޭދަކުރުމަށާއި، ބުރައާއި އުނދަގޫ ބަރުދާސްތު ކުރުމަށް އާދަކުރުވާ ކަމެކެވެ. ތިމާގެ ކިބައިގައި ހިތްތިރިކަމާއި މަޑުމޮޅިކަން އުފައްދަން މަސައްކަތްކުރެވޭ ކަމެކެވެ. އެކަކު އަނެކެއްގެ ފުށުން ލާބައާއި މަންފާ ލިބިގަނެވި ޤިޔާމަތް ދުވަހުގެ މަތީން ހަނދާން އާކުރުވާ ކަމެކެވެ. މިމަތިވެރި އަޅުކަމުގެ ސަބަބުން އިންސާނާއަށް އޭނާގެ ވަޒަނާއި، ގޯތިގެދޮރާއި، އަހުލުވެރީންނާ ވަކިވުމުގެ ހިތާމަ އުފުލަން އާދަވެއެވެ. ޙައްޖަކީ ތަޤުވާވެރިކަމާއި މާތްﷲއަށް ވަކީލުކުރުމުގެ ސިފަ އަށަގަންނުވާ ކަމެކެވެ. އަރަހުށި މާތްﷲ އިރުޝާދު ދެއްވަނީ ޙައްޖަށް ޓަކައި ދަތުރުމަތީގެ ކޮއްތު ލިބިގަތުމަށެވެ. ދަތުރުމަތީގެ އެންމެ ރަނގަޅު ކޮއްތަކީ ތަޤުވާވެރިވުން ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު